މޯގަން ފްރީމަން އަށް 16 އަންހެނަކު ޖިންސީ ގޯނާގެ ތުހުމަތުކޮށްފި
މޯގަން ފްރީމަން އަށް 16 އަންހެނަކު ޖިންސީ ގޯނާގެ ތުހުމަތުކޮށްފި

އުމުރުން ދުވަސްވީ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު މޯގަން ފްރީމަންގެ މައްޗަށް އަންހެނުންތަކެއް ޖިންސީ ގޯނާގެ ތުހުމަތުކޮށްފި އެވެ.

ސީއެންއެން އިން ގެނެސްދިން ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި 80 އަހަރުގެ އެކްޓަރުގެ ފަރާތުން ޖިންސީ ގޯނާއާ ކުރިމަތިލާން ޖެހުނު 16 އަންހެނަކު އެ މީހުންގެ ތަޖުރިބާތައް ހިއްސާކޮށްފައިވެ އެވެ. އަދި އޭގެ ތެރެއިން 8 އަންހެނަކަށް މޯގަންގެ ފަރާތުން ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ތަފާތު އެކި ގޮތްގޮތަށް ގޯނާތަކާ ކުތިމަތިލާން ޖެހުނު ކަމަށް ބުނެ އެ ވާހަކަތައް ވަރަށް ތަފުސީލުކޮށް ކިޔައި ދީފައިވެ އެވެ.

އެކަމަކު މޯގަންގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ބުނާ އެއްވެސް މީހެއްގެ ނަމެއް ސީއެންއެން އިން ހާމައެއް ނުކުރެ އެވެ.

އޭގެ ތެރެއިން އެކަކު ކިޔައި ދީފައިވާ ގޮތުގައި މިދިޔަ އަހަރު ރިލީޒް ކުރި މޯގަންގެ ފިލްމް "ގޮއިން އިން ސްޓައިލް" ގެ ޕްރޮޑަކްޝަން އެސިސްޓަންޓެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރި އިރު، އެ ފިލްމްގެ ސެޓްގައި މޯގަން އޭނާގެ ހަށިގަނޑުގެ އެކި ތަންތަނުގައި އަތްލައި، ހެދުން ވެސް ހިއްލި އެވެ. އަދި އެކަން ފިލްމް ޝޫޓް ކުރަން ނެގި މުއްދަތުގެ ތެރޭގައި ތަކުރާރުވަމުން ދިޔަ ކަމަށާއި އެކަން "ގޮއިން އިން ސްޓައިލް" ގެ ކާސްޓުންގެ ތެރޭގައި ހިމެނޭ އެލަން އާކިން އާއި މައިކަލް ކެއިން ގާތުގައި ހިއްސާ ކުރި ކަމަށް ބުނެފައިވެ އެވެ.

އޮސްކާ ވެސް ހާސިލްކޮށްފައިވާ މޯގަންގެ މައްޗަށް ކުރި ތުހުމަތުތަކާ ގުޅިގެން އޭނާ ވަނީ ބުރާސްފަތި ދުވަހު ބަޔާނެއް ވެސް ނެރެފަ އެވެ. އޭގައި ބުނެފައި ވަނީ އެއްވެސް މީހަކަށް ގޯނާއެއް ކުރެވިފައިވާ ނަމަ، މާފަށް އެދޭ ކަމަށެވެ.

"އަހަރެން ދަންނަ މީހެއް ނަމަ އެ މީހަކަށް އެނގޭނެ އަހަންނަކީ ގަސްތުގައި އެއްވެސް މީހަކަށް އެއްވެސް ކަހަލަ ގޯނާއެއް ނުބައި ނިޔަތެއް އޮވެގެން ކުރާނެ މީހެއް ނޫންކަން،" ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރު ބުންޏެވެ. "އަދި އެފަދަ ކަމެއް އެއްވެސް މީހަކަށް އަހަރެންގެ ފަރާތުން ކުރެވިފައިވާ ނަމަ މައާފަށް އެދެން."

މިދިޔަ އަހަރުގެ ފަހުކޮޅު ނުފޫޒު ގަދަ ޕްރޮޑިއުސަރު ހާވީ ވައިންސްޓީންގެ ފަރާތުން އެތައް އަންހެނަކަށް ޖިންސީ ގޯނާއާ ކުރިމަތިލާން ޖެހުނު މައްސަލަ ފެންމަތިވުމާ އެކު، ފާޅުގައި ނުކުމެ އެތައް ބަޔަކު މިހާރު އަންނަނީ ފުރައްސާރަތަކާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ.

މިކަމަށް ހާއްސަކޮށްގެން އަންނަނީ "މީ ޓޫ" އާއި "ޓައިމްސް އަޕް" ގެ ނަމުގައި ކެމްޕޭންތަކެއް ވެސް ހިންގަމުންނެވެ.