ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗް ދިރާގު ޓިވީ އެޕުން ބެލޭނެ
ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗް ދިރާގު ޓިވީ އެޕުން ބެލޭނެ

ފަސޭހަކަމާ އެކު ބޭނުން ތަނެއްގައި، ބޭނުން ވަގުތަކު މޯބައިލް ފޯން ނުވަތަ މޯބައިލް ޑިވައިސް ބޭނުންކޮށްގެން މި އަހަރުގެ ޗެމްޕިއަންސް ލީގްގެ ފައިނަލް މެޗް ދިރާގު ޓީވީ އެޕް މެދުވެރިކޮށް ބަލާލެވޭނެ ގޮތް އެ ކުންފުނިން ހަމަޖައްސައިފި އެވެ.

މި ޚިދުމަތަށް ދިރާގު ޓީވީގެ ކަސްޓަމަރުން އިތުރު އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ އެވެ. އަދި ދިރާގު ޓީވީން ފެންނަ އެންމެ މަގުބޫލު ޗެނަލްތައް ދިރާގު ޓީވީ އެޕް މެދުވެރިކޮށް ބަލައިލެވޭނެ އެވެ.

"ދިވެހިންނަކީ ޒަމާނުއްސުރެ ފުޓުބޯޅަ އަށް ލޯބިކުރާ ބަޔަކަށް ވާތީ، ޗެމްޕިއަންސް ލީގަކީ ދިވެހިންގެ މެދުގައި އެންމެ މަގުބޫލު އެއް ފުޓުބޯޅަ ލީގެވެ. އެހެން ކަމުން ދިރާގު ޓީވީ އެޕުން މި ފަހަރުގެ ޗެމްޕިއަންސް ލީގް ފައިނަލް މެޗް ފަސޭހަކަމާ އެކު ބަލާލެވޭނެ އެވެ. ޓީވީގައި އެހެން އެއްޗެއް ބަލަމުން ދިޔަ ކަމުގައި ވިޔަސް އަދި ގެއިން ބޭރުގައި ހުންނަން ޖެހުނު ކަމުގައި ވިޔަސް ދިރާގު ޓީވީ އެޕް މެދުވެރިކޮށް މެޗްގެ އެއްވެސް ބައެއް ނުގެއްލި ބަލާލެވޭނެ އެވެ." ދިރާގުން ނެރުނު ބަޔާނުގައި ވެ އެވެ.

އެ ކުންފުނިން ބުނިގޮތުގައި، ދިރާގު ޓީވީ އެޕް މެދުވެރިކޮށް އެއްފަހަރާ ހަތަރު މޯބައިލް ޑިވައިސްއަކުން ދިރާގު ޓީވީގެ ޚިދުމަތް ލިބޭނެ އެވެ. މިގޮތުން ވަކިވަކި ޑިވައިސްތަކުން އެއްފަހަރާ ތަފާތު ޗެނަލްތައް ބަލާލެވޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

އެ ކުންފުނިން ބުނީ، ދިރާގު ޓީވީ އެޕް މެދުވެރިކޮށް ދިވެހި ހުރިހާ ޗެނަލެއް ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް ފަސޭހަކަމާ އެކު ބަލައިލެވޭނެ ކަމަށެވެ. ރާއްޖެ އިން ބޭރުގައި އުޅޭ މީހުންނާއި ދިރާގު ޓީވީ ޚިދުމަތް ނުހޯދާ މީހުންނަށް ދިރާގު ޓީވީ އެޕްގައި ޔޫޒާ ނޭމް އާއި ޕާސްވޯޑަށް "play" ޖެހުމުން ދިވެހި ހުރިހާ ޗެނަލްތަކެއް ބަލައިލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

އެ ކުންފުނިން ބުނިގޮތުގައި، ދިރާގު ޓީވީ އަކީ އައިޕީޓީވީ ޚިދުމަތަކަށް ވާތީ، ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަނެއްގައި ދިރާގު ޓީވީ އެޕް ބޭނުން ކުރުމުން އިންޓަނެޓް ޚަރަދެއް އިތުރަކަށް ނުހިނގާނެ އެވެ. އަދި ގޭގެ އިންޓަނެޓް ޕެކެޖަށް ކަނޑައަޅާފައިވާ ޔޫސޭޖް އެލަވަންސަށް ވެސް އަސަރެއް ނުކުރާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

"އެހެން ކަމުން ގޭގައި ވައިފައި މެދުވެރިކޮށް މޯބައިލް ޑިވައިސުން ޓީވީ ކިތަންމެ ވަރަކަށް ވެސް ބަލާލެވޭނެ. ހަމަ އެއާ އެކު، މޯބައިލް ޑޭޓާ މެދުވެރިކޮށް ވެސް ދިރާގު ޓީވީ އެޕް ބޭނުން ކުރެވޭނެ،" އެ ކުންފުނިން ބުންޏެވެ.

ދިރާގު ޓީވީގެ ކަސްޓަމަރުންނަށް ދިރާގު ޓީވީ އެޕް އެޕަލް އެޕް ސްޓޯރު އަދި ގޫގްލް ޕްލޭސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވޭނެ އެވެ.