24 މެއި 2018 - 17:31

އަރަބި ކަނޑުގައި މިހާރު އުފެދިފައިވާ ކޮޅިގަނޑުގެ ބާރުގަދަވެ، ތޫފާނަކަށް ބަދަލުވެފައިވާ ކަމަށާއި އެ ތޫފާނަށް ދީފައި ވަނީ ރާއްޖޭން ހުށަހެޅި ނަން "މެކުނު" ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު ބުނެފި އެވެ.
އެތަނުން ބުނީ ބުނީ އެ ކޮޅިގަނޑު މިދިޔަ އަންގާރަ ދުވަހު ތޫފާނަކަށް ބަދަލުވެފައިވާ ކަމަށެވެ.
އެ ތޫފާނަށް ދީފައިވާ ނަމަކީ މި ސަރަހައްދުގައި އުފެދޭ ތޫފާންތަކަށް ނަން ދިނުމުގެ މިންގަނޑަށް ރާއްޖޭން ހުށަހަޅާފައިވާ ނަންނަމުގެ ތެރެއިން ނަމެކެވެ.
ދިވެހިން މެކުނު ކިޔަނީ ފަޅުތެރޭގައި ފުމެއުޅޭ ފަރުމަހަކަށެވެ.
ތޫފާން "މެކުނު" މިހާރު ހުރީ ރާއްޖޭގެ ހުޅަނގު އުތުރުން ގާތްގަނަޑަކަށް 2،050 ކިލޯމީޓަރު ދުރުގަ އެވެ. މި ތޫފާން ދަތުރު ކުރަމުން ދަނީ މެދުއިރުމައްޗާ ދިމާލަށް, ރާއްޖެއާ ދުރަށް ކަމަށް ވެސް މޫސުމާ ބެހޭ އިދާރާ އިން ބުންޏެވެ.
ތޫފާން "މެކުނު" ކުރިއަށް އޮތް ހަ ގަޑިއިރުގެ ތެރޭގައި އިތުރަށް ބާރުގަދަވެ، އަންނަ ހޮނިހިރު ދުވަހު ހެނދުނު އުމާނާއި ޔަމަން ގުޅޭ ސަރަހައްދުގެ އައްސޭރި ހުރަސް ކުރާނެ ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެ އެވެ.
އެހެންވެ، ތޫފާނުގެ ސީދާ އަސަރު ރާއްޖެ އަށް ކުރާނެ ކަމަކަށް ލަފާއެއް ނުކުރެވޭ ކަމަށް މެޓުން ބުންޏެވެ.
އެކަމަކު، ތޫފާނާ ގުޅިގެން މި ސަރަހައްދުގައި ބާނި ބޮޑުވެ، ކުރިއަށް އޮތް ތިން ދުވަހު ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރަށްރަށް އުދައިގެ އަސަރު ކުރުމުގެ ފުރުސަތު ބޮޑު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުންޏެވެ.