24 މެއި 2018 - 17:23

ނިޕާ ވައިރަސް ރާއްޖޭން އަދި ފެނިފައި ނުވިޔަސް އެ ބަލި ރާއްޖެ އަށް ވެސް އައުމުގެ ފުރުސަތު އޮތުމާ އެކު އެކަން މޮނިޓަން ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
އިންޑިއާގެ ކެރެލާގެ ބައެއް ސްޓޭޓްތަކުގައި ނިޕާ ވައިރަސް ފެތުރެމުންދާތީ، އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށް، އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، ނިޕާ ވައިރަސް ފަތުރާ ބާވަތުގެ ވާ ރާއްޖޭގައި އުޅޭތީ ރާއްޖެ އަށް އެ ބަލި އައުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންވެ، އެގްރިކަލްޗަ މިނިސްޓްރީގެ ލަފައާ އެކު ހާލަތު ބަލައި މޮނިޓަ ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އަދި އެ ބަލިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އަޅަމުން އަންނަ ކަމަށް ބުންޏެވެ.
ނިޕާ ވައިރަހަކީ ޓެރޯޕަސް އާއިލާގެ ވާލުން (ފުރްޓް ބެޓްސް) އާއި އޫރުން އިންސާނުންނަށް ޖެހޭ ބައްޔެކެވެ.
އެޗްޕީއޭ އިން ބުނިގޮތުގައި، ނިޕާ ބަލި ޖެހުމުން ބައެއް މީހުންނަށް އެ ބަލީގެ އެއްވެސް އަލާމާތެއް ނުފެނި ހިނގައި ދާނެ އެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ބޮލުގައި ރިއްސުމާއި ގައިގައި ރިއްސުމާއި ކަރުތެރެ ސަކަރާތްވުން ހިމެނެ އެވެ. ބަލި ޖެހޭ މީހުންގެ ސިކުނޑި އަށް ބަލީގެ އަސަރުކޮށް ބޯ އެނބުރުމާއި ހެއަށް ގޮތްވުން އަދި ފިޓް ޖެހުން ފަދަ އަލާމާތްތައް ވެސް ފެނެ އެވެ.
ނިޕާ ވައިރަސްއަކީ ވަކި ހާއްސަ ފަރުވާއެއް ނެތް ބައްޔެކެވެ.
- ގަސްގަހުގައި ހުންނަ މޭވާ ވާލުން ސަލާމަތް ކުރުން.
- ރުކުރާ ނެގުމުގައި ވާލުން ރައްކާތެރި ކުރުން.
- މޭވާ ބޭނުން ކުރުމާއި ވިއްކުމުގައި އާންމު ސާފު ތާހިރު ކަމަށް ސަމާލުކަން ދިނުން (މޭވާ މަށައިގެން އަދި ރަނގަޅަށް ދޮވެގެން ބޭނުން ކުރުން)
ނިޕާ ވައިރަސް އަވަށްޓެރި އިންޑިއާގެ ދެކުނުގެ ކެރަލާ ސްޓޭޓްގައި މިހާރު ދަނީ ވަރަށް ބޮޑަށް ފެތުރެމުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.