25 ޖުލައި 2016 - 13:34

އަންނަ މަހު ފަށާ ރިއޯ އޮލިމްޕިކްސް އިން ރަޝިއާ ސަސްޕެންޑް ނުކުރަން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ނިންމައިފި އެވެ.
މަނާބޭހަށް ކުރާ ޓެސްޓުތަކުގައި މަކަރުހަދާފައިވާތީ ރަޝިއާ އެއްކޮށް ސަސްޕެންޑް ކުރަން އައިއޯސީން ނިންމާފައިވާ ކަމަށް ބުނެ މީޑިއާގައި އަޑުފެތުރުނު ނަމަވެސް އައިއޯސީގެ އެގްޒެކްޓިވް ބޯޑުން އިއްޔެ ބޭއްވި ބައްދަލުވުމުގައި އެގޮތަށް ނުނިންމަ އެވެ. އެއީ ރަޝިއާ އެއްކޮށް ސަސްޕެންޑް ކޮށްފިނަމަ ނުހައްގުން ބައެއް އެތުލީޓުންނަށް އަދަބު ދެވުމުގެ ފުރުސަތު އޮތުމުންނެވެ.
އައިއޯސީގެ ރައީސް ތޯމަސް ބަޗް ވިދާޅުވީ ރަޝިއާ ސަސްޕެންޑް ނުކުރަން ނިންމި ނަމަވެސް ކުރިން މަނާބޭހަށް ޕޮޒިޓިވް ވެފައިވާ އެތުލީޓުންނަށް މި ފަހަރުގެ ގޭމްސްގައި ބައިވެރިނުވެވޭނެ ކަމަށެވެ.
"އައިއޯސީން ރަޝިއާ ސަސްޕެންޑް ނުކުރަން ނިންމި ނަމަވެސް ވަކިވަކި ކުޅިވަރުތަކުގެ އިދާރާތަކުން ބޭނުންނަމަ މަނާ ބޭހަށް ޕޮޒިޓިވްވި އެތުލީޓުން އަންނަ މަހު ފަށާ ގޭމްސް އަށް ސަސްޕެންޑްވާނެ. މިސާލަކަށް ފީފާ އިން ކުޅުންތެރިއެއްގެ ޑޯޕިން މައްސަލައެއް ބަލަންޏާ، އެ އިދާރާ އަށް އެ ކުޅުންތެރިޔާ ސަސްޕެންޑްކުރެވިދާނެ،" ބަޗް ވިދާޅުވި އެވެ.
ލަންޑަންގައި 2012 ވަނަ އަހަރުގައި އޮތް އޮލިމްޕިކްސް އަށް ދިޔަ ރަޝިއާގެ އެތުލީޓުން މަނާބޭހަށް ކުރި ޓެސްޓުގައި މަކަރު ހަދާފައިވަނީ ރަޝިއާގެ ކުޅިވަރާ ބެހޭ މިނިސްޓްރީގެ އޮފިޝަލުންގެ އެހީގަ އެވެ. ވޯލްޑް އެންޓި ޑޯޕިން އެޖެންސީ (ވާޑާ) އިން ވަނީ ރަޝިއާގެ ގިނަ އެތުލީޓުން މަނާބޭހަށް ކުރާ ޓެސްޓުގައި މަކަރު ހަދާކަން އެނގިފައިވާ ކަމަށް ބުނެފަ އެވެ.
ރަޝިއާގެ ރައީސް ވްލަޑިމިއޭ ޕޫޓިން ދާދި ފަހުން ވިދާޅުވީ މަނާ ބޭހަށް މަކަރު ހަދަން ރަޝިއާ ސަރުކާރުން އެއްވެސް ވަރަކަށް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި އެ ފަދަ އަމަލެއް ހިންގާ އެތުލީޓުންނަށް ރަޝިއާ ސަރުކާރުގެ އިދާރާތައް މެދުވެރިކޮށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި އެވެ.
މަނާބޭހަށް ޕޮޒިޓިވް ވުމުގެ ސަަބަބުން އަންނަ މަހު ފަސް ވަނަ ދުވަހު ފަށާ ގޭމްސްގައި ރަޝިއާގެ މަޝްހޫރު ޓެނިސް ކުޅުންތެރިއާ މާރިއާ ޝަރަޕޯވާ އަށް ނުކުޅެވޭނެ އެވެ.
ރަޝިއާ އަކީ އޮލިމްޕިކްސްގައި ކާމިޔާބު ގައުމެކެވެ. ހާއްސަކޮށް ސައިކްލިން އާއި ޖޫޑޯ އަދި ރެސްލިން އަކީ އެ ގައުމުން ކޮންމެ ފަހަރަކު މެޑަލް ހޯދާ އިވެންޓުތަކެވެ. އެންމެ ފަހުން ބޭއްވި ލަންޑަން އޮލިމްޕިކްސްގައި 79 މެޑަލް ހޯދައިފަ އެވެ. މެޑަލް ތާވަލުގައި އެ ޓީމު އޮތީ ހަތަރު ވަނައިގަ އެވެ.