އެމްއެޗް17 އަށް ހަމަލާދިން މިސައިލް ފޯރުކޮށްދިނީ ރަޝިޔާގެ އަސްކަރިއްޔާ އިން
އެމްއެޗް17 އަށް ހަމަލާދިން މިސައިލް ފޯރުކޮށްދިނީ ރަޝިޔާގެ އަސްކަރިއްޔާ އިން

މޮސްކޯ (މެއި 24) - މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް17 އަށް އެރި މިސައިލް ފޯރުކޮށްދީފައި ވަނީ ރަޝިޔާގެ އަސްކަރިއްޔާ އިން ކަމަށް ބައިނަލްއަގުވާމީ ތަހުގީގު ޓީމުން ފުރަތަމަ ފަހަރަށް ބުނެފި އެވެ.

ޖޮއިންޓް އިންވެސްޓިގޭޝަން ޓީމުން ބުނީ އެމްއެޗް17 އަށް އެރި މިސައިލް ބަކް-ޓެލާ މިސައިލް ފޯރުކޮށްދީފައި ވަނީ ރަޝިޔާގެ ކާސްކްގައި ގާއިމްކޮށްފައިވާ 53 ވަނަ އެންޓި-އެއާކްރާފްޓް މިސައިލް ބްރިގޭޑުން ކަމަށެވެ.

"53 ވަނަ ބްރިގޭޑަކީ ރަޝިޔާގެ އަސްކަރިއްޔާގެ ބައެއް،" ތަހުގީގު ޓީމުގައި ހިމެނޭ ހޮލެންޑުގެ ވިލްބާޓް ޕައުލިސަން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

އިރުމަތީ ޔޫކްރޭނުގެ ސަރަހައްދުން ދަތުރުކޮށްފައި ދަނިކޮށް މެލޭޝިއަން އެއާލައިންސްގެ ބޯއިން 777ގެ ބޯޓު ވައްޓާލީ 2014 ވަނަ އަހަރު އެވެ. އެމްސްޓެޑަމުން ކުއާލަ ލަމްޕޫރަށް ދަތުރުކުރި ބޯޓަށް ވައިގެ ތެރޭގައި ދިން މިސައިލް ހަމަލާގައި ބޯޓު ގޮވައި އެ ބޯޓުން ދަތުރުކުރި 298 މީހުން ވަނީ މަރުވެފަ އެވެ.