ތޫފާން މެކުނު ޔަމަނަށް އަރައި ހަތް މީހުން ގެއްލިއްޖެ
ތޫފާން މެކުނު ޔަމަނަށް އަރައި ހަތް މީހުން ގެއްލިއްޖެ

ސަންއާ (މެއި 24) - އަރަބި ކަނޑުގައި އުފެދުނު ތޫފާން މެކުނު ޔަމަނުގެ ސުގްތުރާ ރަށަށް ބުދަ ދުވަހުގެ ރޭ އަރައި ހަތް މީހުން ގެއްލިއްޖެ އެވެ.

ދިވެހި ނަމެއް ކަމަށްވާ މެކުނުގެ ނަންދީފައިވާ ތޫފާން ޔަމަނަށް އެރުމުން އަރަބި ކަނޑުގެ ޖަޒީރާއެއް ކަމަށްވާ ސުގްތުރާގައި ފެންބޮޑުވެ ގެތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ. ގެއްލުނު ހަތް މީހުންގެ ތެރޭން ތިން މީހުންނަކީ ތޫފާންގެ ގަދަ ވަޔާ އެކު ފައްތާލި ބޯޓެއްގެ ތިން ފަޅުވެރިންނެވެ. އެ ބޯޓުން ގެއްލުނު މީހުންގެ ތެރޭން ވަނީ ހަތަރު މީހުން ހޯދައިފަ އެވެ.

ޔަމަނުގެ ފިޝަރީޒް ރިސޯސަސް މިނިސްޓަރު ފަހުދު ކާފިން ވިދާޅުވީ ތޫފާނުގައި ހާލުގައި ޖެހުނު 150 އާއިލާ ރައްކާތެރިކަމުގެ ހިސާބަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ސުގުތުރާ ޖަޒީރާގެ ދެކުނު އަދި އިރުމަތީގެ ހިސާބުތަކަށެވެ.

ޔަމަނުގެ ރައީސް އަބްދުއްރައްބޫހް މަންސޫރު ހާދީގެ ސަރުކާރުން މިހާރު ވަނީ ސުގުތުރާގައި ގުދުރަތީ ކާރިސާގެ ހާލަތު އިއުލާންކޮށްފަ އެވެ.

ތޫފާން މެކުނާ ގުޅިގެން އޮމާނުން ވެސް މިހާރު ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ.

އަރަބި ކަނޑުގައި އުފެދުނު ކޮޅިގަނޑުގެ ބާރުގަދަވެ ތޫފާނަކަށް ބަދަލުވެފައިވާ އިރު އެ ތޫފާން މިހާރު ހުރީ ރާއްޖޭގެ ހުޅަނގުން 2050 ކިލޯމީޓަރު ދުރުގައި ކަމަށް މެޓް އޮފީހުން ބުނެ އެވެ. އަދި ކުރިޔަށް އޮތް ހަ ގަޑިއިރު ތެރޭ މެކުނުގެ ބާރު ގަދަވި ނަމަވެސް ދަތުރު ކުރާނީ ރާއްޖެއާ ދުރަށް ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ. ތޫފާން މެކުނުގެ އަސަރު ސީދާ ގޮތެއްގައި ރާއްޖެ އަށް ކުރާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް ވެސް މެޓުން ބުނެ އެވެ.