24 މެއި 2018 - 14:18

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި އެ ބޭފުޅުންނާ ދެކޮޅަށް ހެކިބަސް ދިން ފަރާތްތަކުގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށާއި އެ މައްސަލާގައި އެ ދެ ބޭފުޅުން ނުފޫޒު ފޯރުވި ކަމުގެ ހެއްކެއް ނެތް ކަމަށް އެ ދެ ބޭފުޅުންގެ ވަކީލުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.
ދެ ފަނޑިޔާރަކަށް ނުފޫޒު ފޯރުވި މައްސަލާގައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މި މަހު ވަނީ ހުކުމްކޮށްފަ އެވެ. އެ މައްސަލަ އެ ދެ ބޭފުޅުންގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން މިއަދު ވަނީ ފަށައިފަ އެވެ.
ދެ ބޭފުޅުން އިސްތިއުނާފް މައްސަލަ ހައި ކޯޓުގައި ކުރިއަށް ގެންދިޔައީ ވަކިން ކަމަށް ވިޔަސް، ދެ ބޭފުޅުންގެ ފަރާތުން އިސްތިއުނާފް ނުކުތާތަކުގެ ގޮތުގައި ފާހަގަ ކުރަނީ އެއް ކަންތައްތަކެކެވެ. އަދި އިސްތިއުނާފް ނުކުތާތަކުގެ ތަފްސީލުގެ ގޮތުގައި ދެ ފަނޑިޔާރުންގެ ވަކީލުން ވެސް ފާހަގަކުރީ އެއް ސަބަބުތަކެކެވެ.
ހައި ކޯޓުގައި ވާހަކަ ދައްކަވަމުން ދެ ފަނޑިޔާރުންގެ ވަކީލުން ވެސް މައިގަނޑު ގޮތެއްގައި ފާހަގަކުރި އެއް ކަމަކީ ދެ ފަނޑިޔާރުންނާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ހެކިބަސް ދިން ދެ މީހުން ހެކިބަހުގެ މައްސަލަ އެވެ. ވަކީލުން ވިދާޅުވީ ކާކުކަން ނޭނގޭ ގޮތަށް ކްރިމިނަލް ކޯޓުގައި ހެކިބަސް ދިން ސިއްރު ހެކިންނަކީ ފަނޑިޔާރުންތަކެއް ކަން ހެކިބަހުން އެނގޭ ކަމަށާއި އެ ބޭފުޅުންގެ ވާހަކަތަކަށް ބަލާއިރު އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު އެ ބޭފުޅުންނަށް ނުފޫޒު ފޯރުވިކަމުގެ ހެކި ލިބިފައި ނެތް ކަމަށެވެ.
ވަކީލުން ވިދާޅުވީ، މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، އެހެން މީހެއްގެ ފޯނުން އެއް ހެކިވެރިއަކަށް ގުޅައި، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު އެ ހެކިވެރިޔާ އަށް ނުފޫޒު ފޯރުވި ކަމަށް އެ ހެކިވެރިޔާ ބުނެފައިވާ ކަމަށެވެ. އެކަމަކު ފޯނުން ވާހަކަ ދެއްކީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ކަން އެ ހެކިވެރިޔާ އަށް ޔަގީންވީ ފޯނުން ފުރަތަމަ ވާހަކަ ދެއްކި މީހާ އެގޮތަށް ބުނުމުން ކަމަށް އެ ހެކިވެރިޔާ ބުނެފައިވާ ކަމަށް ވަކީލުން ވިދާޅުވި އެވެ. އެހެންވެ، އެދުވަހު ހެކިވެރިޔާއާ ފޯނުން ވާހަކަ ދައްކައި، ނުފޫޒު ފޯރުވީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ކަން ހެކިވެރިޔާ އަށް ޔަގީން ނުވާ ކަން އެނގޭ ކަމަށް ވަކީލުން ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރުގެ ވަކީލުން ވިދާޅުވީ، ދެވަނަ ހެކިވެރިޔާގެ ހެކިބަހުގައި، އޭނާ ބެލި މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓަށް އޭނާ ގެންގޮސް އެ މައްސަލާގެ ހުކުމް ފަނޑިޔާރު އަލީ ހަމީދު ބޭނުންވި ގޮތަށް ބަދަލުކުރި ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެކަން އެގޮތަށް ކުރަނީ އުއްތަމަ ފަނޑިޔާރު ވެސް އެގޮތަށް ބޭނުންވާތީ ކަމަށް އަލީ ހަމީދު އެ ހެކިވެރިޔާ ގާތު ވިދާޅުވި ކަމަށް ހެކިވެރިޔާ ބުނެފައި ވިޔަސް އެކަން އުއްތަމަ ފަނޑިޔާރުގެ ފަރާތުން ކަށަވަރު ކޮށްފައި ނުވާ ކަމަށް އެ ހެކިވެރިޔާ ބުނެފައިވާ ކަމަށް ވަކީލުން ވިދާޅުވި އެވެ. އެހެންވެ، އެ ހެކިވެރިޔާގެ ބަސް އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ބޭނުން ނުކުރެވޭނެ ކަމަށް އުއްތަމަ ފަނޑިޔާރުގެ ވަކީލުން ވިދާޅުވި އެވެ.
މީގެ އިތުރުން، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ނުފޫޒު ފޯރުވި ކަމަށް ހެކިން ބުނާއިރު، ގިނަ ދުވަސްތަކެއް ވަންދެން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައި ނެތް ކަމަށާއި އެހެންވެ ހެކިވެރިންގެ ނިޔަތާ މެދު ސުވާލު އުފެއްދުމުގެ ޖާގަ ލިބޭ ކަމެއް ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ. އަދި ހެކިންނަށް ނުފޫޒު ފޯރުވުމުން ބައެއް މައްސަލަތައް ވަކި ގޮތަކަށް ހެކިން ނިންމި ކަން އެނގޭ ކަމަށާއި އެހެންވެ އެ ފަރާތްތަކުގެ ނަޒާހަތްތެރިކަމާ މެދު ވެސް ސުވާލު އުފެދޭ ކަމެއް ކަމަށް ވަކީލުން ވިދާޅުވި އެވެ.
އެ ފަނޑިޔާރުންގެ ވަކީލުން ވެސް ވިދާޅުވި ގޮތުގައި އެ މައްސަލާގައި ހެކިބަސް ދިން ހެކިވެރިންގެ ހެކިބަހަކީ ނުފޫޒު ފޯރުވިކަން ސާބިތުކުރަން އެކަށީގެންވާ މިންވަރުގެ ހެކިބަހެއް ނޫނެވެ. ސަބަބެއްގެ ގޮތުގައި ވަކީލުން ވިދާޅުވީ އެ ހެކިވެރިންނަކީ އެކަމުގައި އަނިޔާ ލިބުނު ފަރާތްތައް ކަމަށް ވުމެވެ. އަދި ޖިނާއީ މައްސަލައެއްގައި އަނިޔާލިބޭ މީހުންގެ ހެކިބަހަކީ ދައުވާ ސާބިތު ކުރަން އެކަށީގެންވާ މިންވަރުގެ ހެކިބަހަކަށް ނުވާނެ ކަމަށް ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާ ކަމަށް ވަކީލުން ވިދާޅުވި އެވެ.
އެހެންވެ، އެފަދަ މައްސަލަތަކުގައި ދައުވާ ސާބިތު ކުރެވޭނީ އިތުރު ހެކިތަކެއް ހުރެގެން ކަމަށާއި އެކަމަކު އެކަމަށް ބާރުދޭ އިތުރު ހެކިތަކެއް ނެތް ކަމަށް ވަކީލުން ވިދާޅުވި އެވެ. އެ މައްސަލާގައި ހުށަހަޅާފައިވާ ކިތާބީ ހެކިތަކަށް ބަލާއިރު ވެސް ފަނޑިޔާރުން ނުފޫޒު ފޯރުވިކަން އެނގެން ނެތް ކަމަށް ވަކީލުން ވިދާޅުވި އެވެ. މީގެ އިތުރުން، ނުފޫޒު ފޯރުވުނު ކަމަށް ބުނާ ހެކިވެރިންގެ ބަސް އިތުރަށް ކަށަވަރު ކުރުމަށްޓަކައި ފޯން ކޯލް ރިކޯޑްސް އާއި އެކަމުގެ މައުލޫމާތު އެނގޭ އެހެން ފަރާތްތަކުގެ ބަސް ހޯދާފައި ނުވާ ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.
ވަކީލުން ވިދާޅުވި ގޮތުގައި، ކްރިމިނަލް ކޯޓުގައި އެ މައްސަލަ ބެލުމަކީ ވެސް މަސްލަހަތު ފުށުއަރާ ކަމެކެވެ. ސަބަބެއްގެ ގޮތުގައި ވަކީލުން ވިދާޅުވީ އެ ދެ ފަނޑިޔާރުންނާ ދެކޮޅަށް ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ކޯޓު އަމުރުތަކަކީ ކްރިމިނަލް ކޯޓުން ނެރުނު އަމުރުތަކެއް ކަމަށް ވުމެވެ. އެފަދަ ހާލަތްތަކުގައި އަމަލު ކުރާނެ އުސޫލުތައް ސުޕްރީމް ކޯޓާއި ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާ ކަމަށާއި އެގޮތުން އެ ޖުޑިޝަލް ދާއިރާއެއްގެ އެހެން ކޯޓަކަށް ވެސް އެ މައްސަލަ ހުށަހެޅުމަކީ ކުރެވިދާނެ ކަމެއް ކަމަށް ވަކީލުން ވިދާޅުވި އެވެ.
އެ ދައުވާ އުފުލިއިރު، އެ ފަނޑިޔާރުން ނުފޫޒު ފޯރުވި ވަގުތާއި އެ އަމަލު ހިންގި ތަން ބަޔާން ކޮށްފައި ނެތުމުން އެކަން ވެސް ވަކީލުން ފާހަގަކުރި އެވެ. ކުށުގެ އަމަލު ހިންގި ތަނާއި ވަގުތު ދައުވާގައި ބަޔާން ކުރަންޖެހޭނެ ކަމަށް ގާނޫނުގައި އޮންނަ ކަމަށާއި އެ މައްސަލާގައި އެގޮތަށް ދައުވާގައި ބަޔާން ކޮށްފައި ނެތުމުން މުހިންމު ދިފާއުއެއް ނެގުމުގެ ފުރުސަތު އެ ދެ ފަނޑިޔާރުންނަށް ގެއްލިފައިވާ ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.
މީގެ އިތުރުން، އެ ދެ ފަނޑިޔާރުންނަށް ދައުވާކުރި ދައުވާ ފޯމްގައި ސޮއި ކޮށްފައި އޮތީ ޕްރޮސެކިއުޓާ ޖެނެރަލް ހުއްދަ ދެއްވާފައިވާ ފަރާތެއް ކަން އެނގެން ނެތް ކަމަށް ބުނެ އެކަން ވަކީލުން ފާހަގަ ކުރި އެވެ. ވަކީލުން ވިދާޅުވީ ޖިނާއީ އިޖްރާއާތުގެ ގާނޫނު އޮތްގޮތުން ދައުވާ ފޯމްގައި ސޮއިކުރާ މީހަކީ އެކަމުގެ ހުއްދަ ޕީޖީ ދެއްވާފައިވާ މީހެއް ކަން ދައުވާ ފޯމުގައި ބަޔާން ކޮށްފައި އޮންނަން ޖެހޭނެ ކަމަށެވެ. އެކަމަކު އެކަން އެ މައްސަލާގައި ފުރިހަމަ ކޮށްފައި ނެތުމަކީ އެ ދައުވާ ގާނޫނާ ޚިލާފް ކަމެއް ކަމަށް ވަކީލުން ވިދާޅުވި އެވެ.
އެ މައްސަލާގައި ދެ ފަނޑިޔާރުން ފަރާތުން އިސްތިއުނާފީ ނުކުތާތަކުގެ ގޮތުގައި 15 ކަމެއް ފާހަގަކުރެ އެވެ. ވަކިވަކިން ކުރިއަށް ގެންދިޔަ އެ ދެ އަޑުއެހުމުގެ ވަގުތު ހަމަވިއިރު ވެސް އިސްތިއުނާފީ ނުކުތާތައް ހުށަހަޅައި ނުނިމުނެވެ. އެހެންވެ ފަނޑިޔާރުންގެ ބެންޗުން އެންގެވީ އެ މައްސަލާގެ ދެން އޮންނަ އަޑުއެހުމެއްގައި އެ ބައި ކުރިއަށް ގެންދިއުމަށެވެ. އަދި ދައުލަތުން އެ ނުކުތާތަކަށް ދޭ ޖަވާބު ވެސް ލިޔުމުން އަވަހަށް ހުށަހަޅަން ފަނޑިޔާރުން އެންގެވި އެވެ.
އެ ދެ މައްސަލަ ވެސް ބައްލަވަނީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ އިތުރުން ފަނޑިޔާރު އަލީ ސަމީރެވެ. ރިޔާސަތަކީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އެވެ.
އެ މައްސަލައިގެ އިސްތިއުނާފްގެ މަރުހަލާތައް ނިމޭއިރު، ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފި ނަމަ އެ ދެ ބޭފުޅުން ފަނޑިޔާރުކަމުން އޮޓަމެޓިކުން ވަކިވާނެ އެވެ.
ނުފޫޒު ފޯރުވި މައްސަލާގެ އިތުރުން ޖެމްސް ސިސްޓަމް ސުޕްރީމް ކޯޓުގައި ޑައުން ކުރަން އެންގެވި މައްސަލާގައި ވެސް އުއްތަމަ ފަނޑިޔާރުގެ މައްޗަށް ވަނީ އިތުރު ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވެސް އައިސްފަ އެވެ. އެ މައްސަލަ ވެސް އިސްތިއުނާފަށް އޮތީ ހުށަހަޅައިފަ އެވެ. އެކަމަކު އިސްތިއުނާފް އަޑުއެހުންތައް އެ މައްސަލާގައި އަދި ނުފަށަ އެވެ.
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް އިތުރު ދައުވާތަކެއް ވެސް ދައުލަތުން ކުރެ އެވެ. އެގޮތުން ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާގެ އިތުރުން އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއެއް ވެސް ދައުލަތުން ކުރެ އެވެ.