24 މެއި 2018 - 13:47

ޓޯކިޔޯ، ޖަޕާން (މެއި 24) - ބާސެލޯނާގެ ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރޭސް އިނިއެސްޓާ ޖަޕާނުގެ ކްލަބެއް ކަމަށްވާ ވިސެލް ކޯބޭ އަށް ސޮއިކޮށްފި އެވެ.
އުމުރުން 34 އަހަރުގެ އިނިއެސްޓާ ވަނީ ބާވީސް އަހަރު ބާސެލޯނާ އަށް ކުޅެދީފަ އެވެ. އޭނާ ވަނީ އެ ޓީމާ އެކު 32 މުބާރާތުގެ ތަށި އުފުލާލައިފަ އެވެ. އަދި އޭނާ އަކީ ފުޓްބޯޅަ ތާރީހުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ހުނަރުވެރި މޮޅު ކުޅުންތެރިޔެކެވެ.
އިނިއެސްޓާ ވިސެލް ކޯބޭއާ ގުޅުނީ އަހަރަކު 30 މިލިއަން ޑޮލަރުގެ މުސާރަ އަކަށެވެ. މިއީ ބާސެލޯނާ އިން އޭނާ އަށް ދިން މުސާރައެއް ވުރެ ބޮޑު އަދަދެކެވެ. އެ ޓީމާ ގުޅުމަށް ފަހު އިނިއެސްޓާ ބުނީ މިއީ އޭނާގެ ހަޔާތުގެ ތަފާތު ތަޖުރިބާ އަކަށްވާނެ ކަމަށެވެ.
"މިއީ އަހަންނަށް ވަރަށް ހާއްސަ ދުވަހެއް. އަހަރެންގެ ފުޓްބޯޅަ ކެރިއަރުގައި މިއީ ކުރިމަތިލާނެ މުޅިން އާ ޗެލެންޖެއް،" އިނިއެސްޓާ ބުންޏެވެ.
އޭނާ ބުނީ ބާސެލޯނާ ދޫކޮށްލާފައި އޭނާ އަށް އިތުރު އެހެން ޓީމަކަށް ކުޅުމަކީ އެންމެ ފަސޭހަ ކަމެއް ނޫން ކަމަށާއި އެހެން ނަމަވެސް ވިސެލް ކޯބޭއާ ގުޅުމަށް ފަހު ބޭނުންވަނީ އެ ޓީމަށް ކާމިޔާބީތަކެއް ހޯދައިދިނުމަށް ކަމަށެވެ.
ވިސެލް ކޯބޭގައި މި ވަގުތުގައި ވެސް ނަން މަޝްހޫރު ކުޅުންތެރިން އެބަތިއްބެވެ. އެ ޓީމުގެ ކެޕްޓަނަކީ ކުރިން ޖަރުމަނު ގައުމީ ޓީމަށާއި ޔޫރަޕްގެ ނަން މަޝްހޫރު ކްލަބްތަކަށް ކުޅުނު ލޫކަސް ޕޮޑޯލްސްކީ އެވެ. އޭގެ އިތުރުން ބްރެޒިލްގެ ދެ ކުޅުންތެރިން ކަމަށްވާ ލިއަންދްރޯ މޮންޓޭރާ އާއި ވެލިންޓަން ލުއިސް ޑި ސޫޒާ ވެސް ކުޅެނީ އެ ޓީމަށެވެ.
ވިސެލް ކޯބޭ އިން ބުނީ އިނިއެސްޓާ އަކީ ދުނިޔޭގެ ފުޓްބޯޅައިގައި މަޝްހޫރު ބްރޭންޑެއް ކަމަށާއި އޭނާ އެ ޓީމާ ގުޅުމުން ކްލަބަށް އެކި ގޮތްގޮތުން ފައިދާ ކުރާނެ ކަމަށެވެ.
އިނިއެސްޓާ އަކީ ބާސެލޯނާ އަށް ކުޅުނު ކުޅުންތެރިންގެ ތެރެއިން ކެރިއަރު ފަހު ކޮޅުގައި ވިސެލް ކޯބޭ އަށް ބަދަލުވި ދެ ވަނަ ކުޅުންތެރިޔާ އެވެ. ބާސެލޯނާގެ ސަޕޯޓަރުން އެންމެ ގަޔާވި އެއް ކުޅުންތެރިޔެއް ކަމަށްވާ ޑެންމާކްގެ މައިކަލް ލޯޑްރަޕް ވެސް ވަނީ 1996 ވަނަ އަހަރު ވިސެލް ކޯބޭ އަށް ކުޅެފަ އެވެ.