24 މެއި 2018 - 13:13

ނިއު ރޭޑިއަންޓާ ދެކޮޅަށް ބައެއް ޓީމުތަކުން ފުޓްބޯޅަ ކުޅެން ބޭނުންނުވާ ކަމަށާއި އެކަމަކު އެ ފަދަ ޓީމުތަކާ ދެކޮޅަށް ކުޅޭނެ ގޮތް ދަސްކޮށް އިތުބާރު ހޯދަމުން އަންނަ ކަމަށް ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.
އޭނާ އެ އިޝާރާތްކުރީ އެސްޓީއޯ މާލޭ ލީގުގައި ވިކްޓަރީ އަތުން 2-1 އިން ބަލިވި މެޗަށާއި ރޭ ޔުނައިޓެޑް ވިކްޓަރީ އަތުން 1-0 އިން މޮޅުވި މެޗުގައި އަދި އޭއެފްސީ ކަޕުގައި އިންޑިއާގެ އައިޒޯލް އެފްސީ އަތުން 2-1 އިން ބަލިވި މެޗަށެވެ.
ރޭ ޔުނައިޓެޑް ވިކްޓަރީ އަތުން މޮޅުވެ އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނިއު އިން ނެގި މެޗުގައި ޔުނައިޓެޑް ވިކްޓަރީ ކުޅުނީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ޑިފެންސިވް ގޭމެކެވެ.
"ވިކްޓަރީ އާއި އައިޒޯލް މެޗުގައި ދިޔަ ގޮތަށް މިރޭ (ރޭ) މިދިޔައީ. އަހަންނަށް ހީވާ ގޮތުގައި ބައެއް ޓީމުތަކުން ބޭނުމެއް ނުވޭ އަހަރެމެންނާ ދެކޮޅަށް އާއްމު ފުޓްބޯޅަ ކުޅެން. އޭރިއާ ތެރެ ހިސާރުކޮށްގެން ނުވަ ކުޅުންތެރިން ފަހަތަށް ލައިގެން މި ކުޅެނީ. އެެެކަމަކު އަހަރެމެން މި އަންނަނީ އެފަދަ ޓީމުތަކާ ދެކޮޅަށް ކުޅޭނެ ގޮތް ދަސްކުރަމުން. ހާއްސަކޮށް އަރިމަތި ބޭނުންކޮށްގެން އެޓޭކް އުފައްދައިގެން،" އޮސްކާ ބުންޏެވެ.
އޭނާ ބުނީ ރޭގެ މެޗުގައި ވެސް ފުރުސަތުތަކެއް ލިބި ބޭކާރުވި ކަމަށާއި މިފަދަ ޓީމުތަކާ ދެކޮޅަށް ކުޅޭއިރު ކުރީކޮޅު ލަނޑެއް ޖެހިއްޖެ ނަމަ ފަސޭހަވެގެންދާނެ ކަމަށެވެ. ރޭގެ މެޗުގެ ފަހުކޮޅު އަލީ ފާސިރު (ސެންޓޭ) ޕެނަލްޓީން ނިއު އަށް ލީޑު ނަގައިދިނުމާ އެކު، އެ ޓީމަށް ފަސޭހަތަކެެވެގެން ދިޔަ އެވެ.
ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ އޭނާގެ ޓީމު ރޭ ބަލިވުން ހައްގު ނޫން ކަމަށެވެ. އަދި ރެފްރީގެ ނިންމުންތަކާ މެދު ވެސް ސުވާލު އުފެއްދި އެވެ. އެކަމަކު އޮސްކާ ބުނީ ނިއު އަށް މޮޅެއް ހައްގު ކަމަށާއި މުޅި މެޗުގައި ކުޅުނު ހަމައެކަނި ޓީމަކީ ނިއު ކަމަށެވެ.
ނިއު އަށް ލީގު ކާމިޔާބުކުރަން ދެން ބޭނުންވަނީ ދެ މޮޅެވެ. ބާކީ އޮތް ހަތަރު މެޗުގެ ތެރެއިން ކުރިއަށް ދެން އޮތީ އީގަލްސް އާއި ވެލެންސިއާއާ ދެކޮޅަށް ކުޅޭ ދެ މެޗެވެ. އޮސްކާ ބުނީ މިވަގުތު ވިސްނަނީ އާދީއްތަ ދުވަހު އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗާށް ކަމަށާއި ވެލެންސިއާއާ މެދު ވިސްނާނީ އޭގެ ފަހުން ކަމަށެވެ.
"ލީގު ކާމިޔާބުކުރުމަކީ އަހަރެމެންގެ ޓާގެޓެއް. އެކަމަށް ވަރަށް ބޮޑަށް ވިސްނާން،" އޮސްކާ ބުންޏެވެ.