24 މެއި 2018 - 13:01

ތެހެރާން (މެއި 24) - ނިއުކްލިއާ އެއްބަސްވުމުގައި ދެމި ތިބުމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވެސް ޝަރުތުތަކެއް ހުށަހަޅުއްވައިފި އެވެ.
ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުމާ ގުޅިގެން އެ އެއްބަސްވުން ސަލާމަތް ކުރުމުގެ ގޮތުން އީރާނުން ދަނީ ދުނިޔޭގެ ބޮޑެތި ގައުމުތަކާ އެކު މަޝްވަރާ ކުރަމުންނެވެ.
ނިއުކްލިއާ އެއްބަސްވުން ދެމެހެއްޓުމުގެ ގޮތުން ޚާމަނާއީ ހުށަހެޅި ޝަރުތުތަކުގެ ތެރޭގައި އީރާނުގެ ތެލުގެ ވިޔަފާރި ޔޫރަޕުގެ ގައުމުތަކުން ސަލާމަތް ކުރުން ހިމެނެ އެވެ. އޭގެ ތެރޭގައި އީރާނުގެ ސާފު ނުކުރާ ތެޔޮ ޔޫރަޕުން ގަތުން ވެސް ހިމެނެ އެވެ. ދެ ވަނަ ޝަރުތަކަކީ އީރާނުގެ ވިޔަފާރި ޔޫރަޕުގެ ބޭންކްތަކުން ހިމާޔަތްކޮށްދިނުމެވެ. ޚާމަނާއީ ދެން ހުށަހަޅުއްވާފައި ވަނީ އިނގިރޭސި ވިލާތާއި ފްރާންސް އަދި ޖަރުމުން އީރާނުގެ ބެލެސްޓިކް މިސައިލް ޕްރޮގްރާމާ ގުޅޭ ގޮތުން މަޝްވަރާ ނުކުރުމެވެ.
ޚާމަނާއީ ވިދާޅުވީ އީރާނުން ހުށަހަޅާ ޝަރުތުތައް ގަބޫލް ނުކުރާ ނަމަ އީރާނުން އަނެއްކާ ވެސް ޔުރޭނިއަމް ފައްކާކުރަން ފަށާނެ ކަމަށެވެ.
އެމެރިކާއާ އެއްވެސް މުއާމަލާތެއް އީރާނުން ކުރަމުން ނުގެންދާ ކަމަށް ވެސް ޚާމަނާއީ ވިދާޅުވި އެވެ.
"ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފުވަމުންދާ ގައުމަކާ އެކު އީރާނުން މުއާމަލާތެއް ނުކުރެވޭނެ،" ޚާމަނާއީ ވިދާޅުވި އެވެ.
ޚާމަނާއީގެ ޝަރުތުތައް ކުރިމަތި ކުރެއްވި އިރު އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވެސް ވަނީ އީރާނާ އެކު އާ އެއްބަސްވުމަކަށް ދިއުމަށް ޝަރުތުތަކެއް ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި ސީރިއާ އިން އީރާން ސިފައިން ބޭލުމާއި ޔަމަނުގެ ހޫތީންނަށް ވާގިވެރިން ހުއްޓާލުން ހިމެނެ އެވެ.