މި ކެމެރާއަށް ހިސާބުގަނޑު އެއްކޮށް ފެންނާނެ
މި ކެމެރާއަށް ހިސާބުގަނޑު އެއްކޮށް ފެންނާނެ

ގޭތެރޭގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭނެ އެންމެ ޒަމާނީ ފިޔަވަޅަކީ ސެކިއުރިޓީ ކެމެރާއެއް ހަރުކުރުމެވެ. ބާޒާރުގައި ނަން ހުސްކޮށް މި ފާޑުގެ ކެމެރާތައް ބައިވަރެވެ. ޑީލިންކް އޮމްނާ ކެމެރާއަކީ މުހިންމު ގިނަ ސިފަތަކެއް އެކުލެވިފައިވާ ކެމެރާއެކެވެ.

އޮމްނާ ހައިޑެފިނިޝަން ސެކިއުރިޓީ ކެމެރާގެ އެންމެ ޚާއްސަ އެއް ކަމަކީ މިއިން 180ޑިގްރީގެ ސަރަހައްދެއް ބަލަހައްޓައިދޭ ކަމެވެ. ކޮންމެ މަންޒަރަކުން ވެސް މުޅި ހިސާބުގަނޑުގެ ބޮޑު މަންޒަރު ދައްކައިދެއެވެ. ރޭގަނޑު ނަގައިދޭ މަންޒަރުތައް ވެސް އަލިވެފައި ސާފެވެ. ކެމެރާ ލެންސްތަކުގައި ރައްކާކޮށްފައިވާ ލެޑް ބޮކިތަކުގެ އެހީގައި ރޭގަނޑު 16 ފޫޓުގެ ސަރަހައްދެއް ސާފުކޮށް ފެނެއެވެ.

އޮމްނާ ސެކިއުރިޓީ ކެމެރާއަކީ ދެ ފަރާތުގެ އަޑު ނަގައިދޭ ގޮތަށް ފަރުމާކޮށްފައިވާ ސިސްޓަމެކެވެ. ބޭރުން ކުރާ ސުވާލުތަކަށް އެތެރޭން ޖަވާބުދެވެއެވެ. ގޭގެ ވައިފައި ނެޓްވޯކާ ގުޅުވާލެވެއެވެ. ނުވަތަ އެޕަލް ހޯމްކިޓާ ވެސް ގުޅުވައިދެއެވެ. އަދި މީގައި ހިމެނޭ މައިކްރޯ އެސްޑީ ކާޑަށް ބޭނުން މަންޒަރެއް ރައްކާކޮށް، ފަހުން ބަލައިލެވެއެވެ. މިކަން ކުރެވޭނީ މީގެ އެޕްގެ އެހީގައެވެ.