24 މެއި 2018 - 12:24

ކުއާލަ ލަމްޕޫރު (މެއި 24) - މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގާ ގުޅުން ހުރި ތަންތަނުން މިހާތަނަށް 25 މިލިއަން ޑޮލަރު ހޯދާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މީގެ އިތުރުން ގިނަ އަދަދެއްގެ ގަހަނާ އާއި ހޭންޑްބޭގް ވެސް ވަނީ ނަޖީބާ ގުޅުން ހުރި އެކި އެކި ތަންތަން ބަލާ ފާސްކުރުމުގައި ހޯދައިފަ އެވެ.
ނަޖީބުގެ ވެރިކަމުގެ 10 އަހަރު ކޮރަޕްޝަނުގެ ތުހުމަތު އެންމެ ބޮޑަށް ކޮށްފައި ވަނީ ސަރުކާރުގެ އިންވެސްޓްމަންޓް ފަންޑް، 1އެމްޑީބީ އަށެވެ. އެ ބޭންކުން ނަޖީބުގެ އަމިއްލަ އެކައުންޓަށް ވަނީ 700 މިލިއަން ޑޮލަރު ޖަމާކޮށްފަ އެވެ.
ކޮރަޕްޝަނުގެ މައްސަލާގައި ސުވާލު ކުރަން މިދިޔަ އަންގާރަ ދުވަހު ނަޖީބު ވަނީ މެލޭޝިއަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ) އަށް ހާޒިރުކޮށްފަ އެވެ. އަދި މިއަދު ވެސް ވަނީ އެމްއޭސީސީ އަށް ނަޖީބު ހާޒިރުކޮށްފަ އެވެ.
ނަޖީބުގެ މައްޗަށް މިހާރު ސުވާލު ކުރަމުން ދަނީ 1އެމްޑީބީގެ ސަބްސިޑަރީއެއް ކަމަށްވާ އެސްއާރުސީގެ ކޮރަޕްޝަނާ ގުޅިގެންނެވެ. ވޯލް ސްޓްރީޓް ޖާނަލްގެ ތަހުގީގަކުން އެނގިފައިވާ ގޮތުގައި އެސްއާރުސީ އިން ނަޖީބުގެ އަމިއްލަ އެކައުންޓަކަށް ވަނީ 42 މިލިއަން ރިންގިޓް (10.6 މިލިއަން ޑޮލަރު) ޖަމާކޮށްފަ އެވެ.
1އެމްޑީބީގެ ކޮރަޕްޝަން ބެލުމަށް މިހާރު ވަނީ ޓާސްކް ފޯހެއް އުފައްދައިފަ އެވެ.