ހަތް މަސް ދުވަސް ވީއިރު ވެސް ފުށިދިއްގަރު ފަރަށް އެރި ބާޖު ފުނެއް ނުކުރެވޭ
ހަތް މަސް ދުވަސް ވީއިރު ވެސް ފުށިދިއްގަރު ފަރަށް އެރި ބާޖު ފުނެއް ނުކުރެވޭ

ފުށިދިއްގަރު ފަރަށް އެމްއެމް އެކްސްޕޯޓުގެ ބާޖު އެރިތާ ހަތް މަސް ވީ އިރު ވެސް އެ ފުންނުކުރެވޭ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

އެ އޮތޯރިޓީގެ ޗެއާމަން އަބްދުއް ރަޝީދު ނާފިޒު ވިދާޅުވީ އެ ބާޖު ފުންނުކުރެވޭކަން އެ ފަރާތުން ބުނެފައިވާ ކަމަށާއި ނަމަވެސް ފުން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަން އެ ފަރާތުން އަންގާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ އުޅަނދު ފުން ކުރުމުގެ މަސައްކަތް ސަރުކާރުން ފަށާނީ އެމީހުންނަށް އެ އެއްޗެހިތައް ފުންނުކުރެވޭނެ ކަން ރަސްމީކޮށް އެންގުމުން ކަމަށެވެ.

"އެ އުޅަނދު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި އޮތީ،" ނާފިޒު ވިދާޅުވި އެވެ.

އެމްއެމް އެކްސްޕޯޓަކީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ މަގުތައް ހަދަން އެޗްޑީސީން ހަވާލުކޮށްފައިވާ އިންޑިޔާގެ ކުންފުންޏެކެވެ. އެ ބާޖު ފަރަށް އެރީ އެ މަސައްކަތަށް ބޭނުންވާ ހިލަ ހިފައިގެން ދިއުމުގެ ތެރޭގަ އެވެ. އެ ބާޖާއެކު ޓަގު ބޯޓު ވެސް ފަރަށް އެރި އެވެ. ނަމަވެސް އެ އުޅަނދު ވަނީ މިދިޔަ މާޗު މަހުގެ ތެރޭގައި ފުންކޮށްފަ އެވެ.

އެމްއެމް އެކްސްޕޯޓްގެ ބޯޓެއް 2014 ވަނަ އަހަރުގެ ތެރޭގައި ތިލަފުށީ ފަރަށް ވެސް އެރި އެވެ. އަދި އެމައްސަލަ ބެލުމަށްފަހު އެ ބޯޓް 22 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރި ނަމަވެސް އެމްއެމް އެކްސްޕޯޓުގެ އެދުމުގެ މަތިން ފަހުން ވަނީ ޖޫރިމަނާ 2.8 މިލިއަން ރުފިޔާއަށް ކުޑަކޮށްދީފަ އެވެ.