24 މެއި 2018 - 13:03

ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި އެޓާނީ ޖެނެރަލްގެ އޮފީހުގައި މަސައްކަތް ކުރެއްވި އިސް ދެ ވަކީލެއް ގުޅިގެން ލޯފާމެއް އުފައްދައި ވަކާލާތު ކުރައްވަން ފައްޓަވައިފި އެވެ.
"ލިޓިކާ ލޯ އެސޯސިއޭޓްސް" އުފައްދާފައި ވަނީ އަޒްމިރަލްދާގެ އިތުރުން އޭޖީ އޮފީހުގެ ސްޓޭޓް ކައުންސެލްގެ މަގާމުން ދާދި ފަހުން އިސްތިއުފާ ދެއްވި މަރިޔަމް ޝުނާނާ އާއި އެ އޮފީހުގެ ވަކީލެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި މޫސާ އާލިމެވެ.
ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަޒްމިރަލްދާ އާއި ދައުލަތުގެ ކުރީގެ ދެ ވަކީލަކު އުފައްދައި މި މަހުން ފެށިގެން ހިންގަމުންދާ އެ ލޯ ފާމުން ވަކާލާތު ކޮށްދެނީ މަދަނީ މައްސަލަތަކުގައި އެކަންޏެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމުން 2016 ގައި އަޒްމިރާލްދާ އިސްތިއުފާ ދެއްވީ މަޖުބޫރީ ހާލަތްތަކެއް ކުރިމަތިވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެ އެވެ. އޭރު އޭނާ ހުންނެވީ ހައި ކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރެއްގެ ގޮތުގަ އެވެ. މާލޭގެ ހައި ކޯޓުގައި ކުރިން މަސައްކަތް ކުރެއްވި އަޒްމިރާލްދާ ދެކުނު ގޮތްޕަށް ބަދަލުކުރީ ރާއްޖޭގެ ދެ ސަރަހައްދެއްގައި ހައި ކޯޓުގެ ދެ ގޮތްޕެއް އުފައްދަންޖެހޭ ގޮތަށް ކޯޓުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތަށް ސ. މީދޫގައި ހައި ކޯޓުގެ ދެކުނު ގޮފި އުފެއްދުމަށް ފަހު އެވެ.
އޭޖީ އޮފީހުން ޝުނާނާ މިދިޔަ މާޗް މަހު އިސްތިއުފާ ދެއްވީ ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ ނިންމުންތަކާއި ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ސަރުކާރުން އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތާމެދު ހިތްހަމަ ނުޖެހިގެންނެވެ.
ބޮޑެތި މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރަމުން ގެންދެވި އާލިމް އޭޖީ އޮފީހުން ވަކިވެފައިވާތާ ހަތަރު ވަރަކަށް އަހަރު ވަނީ ވެފަ އެވެ.