24 މެއި 2018 - 11:41

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލް ލީޓަރަކުން 35ލ. އަދި ޑީސަލް ލީޓަރަކުން 41ލ. މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ ކުންފުނިން ބުނީ ޕެޓްރޯލް ލީޓަރަކުން 35 ލާރި ބޮޑުކުރުމުން މިހާރު ލީޓަރެއް ވިއްކާނީ 10.77ރ. އަށް ކަމަށެވެ. އަދި ޑީސަލް ލީޓަރަކުން 41 ލާރި ބޮޑުކުރުމުން ލީޓަރެއް ވިއްކާނީ 11.13ރ. އަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯ އިން އެންމެ ފަހުން ތެލުގެ އަގު ބޮޑުކޮށްފައި ވަނީ މިމަހުގެ ހަ ވަނަ ދުވަހު އެވެ. އެ ފަހަރު ވެސް ވަނީ ޑީސަލް އަދި ޕެޓްރޯލް ލިޓަރަކުން 31 ލާރި ބޮޑުކޮށްފަ އެވެ.
އެސްޓީއޯ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ތެލުގެ އަގު ބޮޑުކުރަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ކަމަށެވެ.
މިއީ މި އަހަރުގެ ތެރޭގައި އެސްޓީއޯ އިން ތެލުގެ އަގަށް ބަދަލު ގެނައި ހަތަރު ވަނަ ފަހަރެވެ. އެ ގޮތުން މި އަހަރުގެ ފުރަތަމަ ބަދަލެއްގެ ގޮތުން ޖެނުއަރީގައި ޑީސަލް ލިޓަރަކުން 80 ލާރި އަދި ޕެޓްރޯލް ލިޓަރަކުން 54 ލާރި ބޮޑުކުރި އެވެ. ނަމަވެސް ފަހުން، މާޗް މަހުގެ ތެރޭގައި ވަނީ ޑީސަލް ލީޓަރަކުން 20 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 30 ލާރި ހެޔޮކޮށްފަ އެވެ.