އެމިޓީ ސޭޓު މަރުވެއްޖެ
އެމިޓީ ސޭޓު މަރުވެއްޖެ

މަޝްހޫރު ވިޔަފާރިވެރިޔާ އަދި އެމިޓީ ފިހާރައިގެ ވެރިޔާ މުހައްމަދު ހަސަންފުޅު (އެމިޓީ ސޭޓު) ރޭ މަރުވެއްޖެ އެވެ.

އެމިޓީ ސޭޓް 77، މަރުވީ އައިޖީއެމްއެޗްގެ އައިސީޔޫގައި، ނިއުމޯނިއާ އަށް ފަރުވާ ކުރަމުން ދަނިކޮށް ރޭ ދަންވަރު 2:40 ހާއިރެވެ. ކިޑްނީގެ މައްސަލަ ހުންނަ، އެމިޓީ ސޭޓުގެ ހާލުބޮޑުވެ އެޑްމިޓް ކުރީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

ރާއްޖޭގައި ފޮތީގެ ވިޔަފާރި ކުރުމުގައި މަޝްހޫރު އެމިޓީ ސޭޓު މަރުވި އިރު، އޭނާގެ ފަސް ފިހާރަ އެބަހުއްޓެވެ. އޭގެ ތެރެއިން މާލޭގައި ހިންގަނީ ތިން ފިހާރަ އެވެ. އަނެއް ދެ ފިހާރަ ހިންގަނީ ރ. އަތޮޅުގަ އެވެ.

އެމިޓީ ސޭޓު މަރުވި އިރު ނުވަ ދަރިންނާއި އަންބަކު ދުނިޔޭގައި އެބަތިއްބެވެ.

އެމްއެންޑީއެފްގެ ކާނަލް އަދި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ ރައީސް ޑރ. އަލީ ޝާހިދަކީ ވެސް އެމިޓީ ސޭޓުގެ ބޭފުޅެކެވެ.