25 މެއި 2018 - 09:51

އަންނަ އަހަރު ރިލީޒް ކުރަން ތާވަލުކޮށްފައި އޮތް ޕެރަމައުންޓް ޕިކްޗާޒްގެ "ޓްރާންސްފޯމާޒް" ސީރީޒްގެ ހަތް ވަނަ ބައި ތާވަލުން އުނި ކުރުމާ އެކު، އެ ފިލްމް އަންނަ އަހަރު ސިނަމާތަަކަށް އައުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.
ކުރިން ތާވަލްކޮށްފައި އޮތް ގޮތުން "ޓްރާންސްފޯމާޒް 7" ރިލީޒް ކުރަން އޮތީ ޖޫން، 28، 2019 ގަ އެވެ. އެކަމަކު މިހާރު އެ ތާރީހުގައި ރިލީޒް ކުރަން ހަމަޖެހިފައި ވަނީ ޓިފެނީ ހެޑިޝްގެ ކޮމެޑީ ފިލްމް "ލިމިޓެޑް ޕާޓްނާސް" އެވެ.
"ޓްރާންސްފޯމާ 7" އަންނަ އަހަރުގެ ޝެޑިއުލުން ނެގި ނަމަވެސް، މި ސީރީޒްގެ ބައެއްގެ ގޮތުގައި ގެނެސްދޭ ހަ ވަނަ ފިލްމް "ބަމްބަލްބީ: ދަ މޫވީ" ކުރިން ވެސް ތާވަލުކޮށްފައި އޮތް ތާރީހުގައި ސިނަމާތަކަށް އަންނާނެ އެވެ. ޓްރާވިސް ނައިޓް ޑައިރެކްޓްކޮށްފައިވާ އެ ފިލްމް ސިނަމާތަކަށް އަންނާނީ މި އަހަރުގެ ޑިސެމްބަރު 21 ގަ އެވެ.
"ޓްރާންސްފޯމާޒް" ގެ ފުރަތަމަ ފަސް ފިލްމް ޑައިރެކްޓްކޮށްފައި ވަނީ މައިކަލް ބޭ އެވެ. ބޮކްސް އޮފީހުގައި އަބަދު ވެސް ވަރަށް ހިނގާ މި ސީރީޒްގެ ފިލްމްތަކުގެ ތެރެއިން މިދިޔަ އަހަރު ރިލީޒް ކުރި "ޓްރާންސްފޯމާޒް: ދަ ލާސްޓް ނައިޓް" އަކީ ވިޔަފަރި އެންމެ ދަށް ފިލްމެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި ލިބުނީ 605.4 މިލިއަން ޑޮލަރެވެ.
ބޭ ޑައިރެކްޓް ކުރި "ޓްރާންސްފޯމާޒް" ފަސް ފިލްމްގެ އާމްދަނީ އެއްކޮށްލުމުން 4.4 ބިލިއަން ޑޮލަރަށް އަރަ އެވެ. އެކަމަކު ހަތް ވަނަ ބައި ޑައިރެކްޓަރަކީ ކޮބައިކަން ވެސް އިއުލާންކޮށްފައެއް ނުވެ އެވެ.
ޕެރަމައުންޓްގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި މެއި، 17، 2019 ގައި ރިލީޒް ކުރާ އެލްޓަން ޖޯންގެ ބައޮޕިކް "ރޮކެޓްމޭން" އާއި އެޕްރީލް، 5، 2019 ގައި ރިލީޒް ކުރާ "ޕެޓް ސިމިޓްރީ" ގެ ރިބޫޓް ވާޝަން ހިމެނެ އެވެ.