ޑިމޮކްރެސީ އަކީ ހުދުމުހުތާރުގެ ދެ ވަނަ މާނަތޯ؟
ޑިމޮކްރެސީ އަކީ ހުދުމުހުތާރުގެ ދެ ވަނަ މާނަތޯ؟

ޒަމާނީ ޑިމޮކްރެސީގެ ސިފަތަކާ އެއްގޮތަށް ދުސްތޫރީ އޮނިގަނޑު ބިނާކޮށް ގާނޫނީ ނިޒާމު އެކަށައަޅާފައިވާ، އޭޝިޔާގެ މަދު ގައުމުތަކުގެ ވެސް އެންމެ ކުރީގައި ރާއްޖޭގެ ނަން ގުނިގެންދާނެ އެވެ. އިންތިޚާބީ މަގާމުތަކަށް މީހުން ހޮވުން އޮތީ ގިނަ ޕާޓީތައް ވާދަކުރާ ނިޒާމެއްގެ ތެރެއިންނެވެ. ދައުލަތުގެ ތިން ބާރުމެ ވަނީ މިނިވަންވެ ވަކިވެފަ އެވެ.

ޑިމޮކްރެސީ އަކީ ހުދުމުހުތާރުގެ ދެ ވަނަ މާނަތޯ؟
ޑިމޮކްރެސީ އަކީ ހުދުމުހުތާރުގެ ދެ ވަނަ މާނަތޯ؟

އޭގެ އިތުރުން އެއް ބާރުން އަނެއް ބާރަށް ފާރަވެރިވެ ޒިންމާދާރު ކުރުމުގެ ނިޒާމުތައް އެކަށައެޅިފައިވެ އެވެ. ދައުލަތުގެ މުއައްސަސާތައް ގާނޫނީ އިމުން ބޭރުވިޔަ ނުދީ ދުސްތޫރީ ހަފޮޅުގެ ތެރޭގައި ލެހެއްޓުމަށް މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތައް ވަނީ އުފައްދައިފަ އެވެ. ގާނޫނު ތަންފީޒު ކުރާ ފަރާތްތަކުން، ހަމަހަމަކަން ނަގާލައި ބޭއިންސާފުން އަމަލުކުރާ ނަމަ، އެފަދަ މައްސަލަތައް ބެލުމަށް ހާއްސަ އިދާރާތައް އުފައްދާފައި އެބަހުއްޓެވެ.

ޑިމޮކްރެސީ އަކީ ހުދުމުހުތާރުގެ ދެ ވަނަ މާނަތޯ؟
ޑިމޮކްރެސީ އަކީ ހުދުމުހުތާރުގެ ދެ ވަނަ މާނަތޯ؟

މިއީ ރާއްޖޭގެ ގާނޫނުއަސާސީގައި ލިޔެފައި ހުއްޓާ ފެންނާން ހުރި ހަގީގަތްތަކެވެ. މިހާ ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެހިފައިވާ އިރު، މި ރާއްޖެ އަށް ވުރެ ވަކީން ޑިމޮކްރެޓިކް ގައުމެއް އޮންނާނެ ހެއްޔެވެ؟

ޑިމޮކްރެސީ އަކީ ހުދުމުހުތާރުގެ ދެ ވަނަ މާނަތޯ؟
ޑިމޮކްރެސީ އަކީ ހުދުމުހުތާރުގެ ދެ ވަނަ މާނަތޯ؟

ވެރިކަން ކުރުމުގެ ނިޒާމަށް ފާރަވެރިވެ ޒިންމާދާރު ކުރުވުމަށްޓަކައި، ތަފާތު ސިޔާސީ ފިކުރުތަކުގެ ޕާޓީތައް އުފައްދައި ހިންގުމުގެ ފުރުސަތު އޮތީ ތަނަވަސްވެފަ އެވެ. އެއިން ކޮންމެ ޕާޓީއެއްގެ ވެސް އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުތައް އެކަށައެޅިފައިވަނީ ޑިމޮކްރެސީގެ ހަމަތަކުގެ މަތީންނެވެ.

ކިތަންމެ ފުރިހަމަ އަށް ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތައް އެކަށައެޅިފައި ހުއްޓަސް، މުޅި ގާނޫނުއަސާސީގައި ވެސް އޮތް ހަމައެކަނި އުނިކަމަކީ، ދިވެހި ރާއްޖޭގައި އަމަލުކުރުމަށްޓަކައި ޑިމޮކްރެސީ މާނައަކީ ކޮބައިކަން ބުނެދީފައި ނެތުމެވެ. ނުވަތަ ޑިމޮކްރެސީ އަކީ ހުދުމުހުތާރުގެ ދެ ވަނަ މާނަ ކަމުގައި ބުނެދީފައި ނެތުމެވެ.

ގާނޫނު ތަންފީޒުކުރާ ބާރުން އަމަލު ކުރަމުންދާ ގޮތަށް ބަލާއިރު، ގާނޫނުތައް މާނަ ކުރެވެނީ، "ގާނޫނުއަސާސީއަކީ ރަންނަބަނޑޭރި ކިލެގެފާނުގެ ހިތޭ" ބުނާ ބީދައިންނެވެ. ގާނޫނު ހަދާ ބާރުގެ އަމަލުތައް ހުރީ ވެސް ހަމަ އެ ބީދައިންނެވެ. އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ތެރޭގައި ކަން ހިނގާ ގޮތް، ފުލުހުންގެ ތަހުގީގަކަށް ދެ ފަނޑިޔާރަކު ދާދި ފަހުން ދީފައިވާ ބަޔާނުން އެއޮތީ ސާފުކޮށް ފެންނާށެވެ.

ދައުލަތުގެ ތިން ބާރުގެ އަމަލުތައް ހުރީ މިހެން ކަމުގައިވާ އިރު، ވަކިވަކި ސިޔާސީ ޕާޓީތަކުން ޑިމޮކްރެސީ އާއި އަދުލު އިންސާފު ކުދިކޮށް ކޮށައި ވީދިޔަސް ފަރުވާލެއް ނެތެން ނޫން ހެއްޔެވެ؟ ކުރިއަށް އޮތް ރިއާސީ އިންތިހާބަށް ކެންޑިޑޭޓުން ކަނޑައެޅުމުގައި، ވެރިކަން ކުރާ ޕީޕީއެމާއި އިދިކޮޅު މައި ޕާޓީ އެމްޑީޕީން އަމަލު ކުރި ގޮތުން އެކަން ދޭހަ ނުވޭ ހެއްޔެވެ؟

އެމްޑީޕީގެ ރިއާސީ ޓިކެޓަށް ޝައުގުވެރިކަން ހުރި ދެތިން ބޭފުޅަކު ދާދި ފަހުން ފެންމަތިވި އެވެ. ބައެއް ރަށްރަށަށް ވަޑައިގެން ކޮންމެވެސް ވަރަކަށް ކެމްޕޭން ވެސް ކުރެއްވި އެވެ. ބައެއް ބޭފުޅުން ކެމްޕޭން ހަރަކާތްތައް ދިޔައީ ވަރަށް ސިއްރިޔާތުގަ އެވެ.

ނަމަވެސް އެކަމަށް ފާރަލަމުން ދިޔަ ލޮލުގައި އެ މަންޒަރު އަޅައިގަތުމާ އެކު، އެކަމަށް ހުއްޓުން އައީ ލޮލުގެ އެސްފިޔަ ޖަހައިލާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގަ އެވެ. އެއަށް ފަހު ދެން ފެނިގެން ދިޔައީ، އެ ހުރިހާ ބޭފުޅުން ވެސް "އެ މަނިކުފާނަށް" ތާއީދު ކުރެއްވުމުގެ ގޮތުން ކޮންމެވެސް އެއްޗެއް ވިދާޅުވި މަންޒަރެވެ. އެއާއެކު އަނެއްކާ ވެސް އެބޭފުޅުން މިހާރު ވަނީ މަސްރަހުން ގެއްލި އަޑު ވެސް ކެނޑިފަ އެވެ.

ވެރިކަން ކުރާ ޕީޕީއެމުން ވެސް ރިއާސީ ޓިކެޓް ދިނުމުގައި އަމަލުކުރީ، ދާދި އެއްކަހަލަ ގޮތަކަށެވެ. ޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައި ކޮންމެ ގޮތަކަށް އިޖުރާއާތުތައް ކަނޑައަޅާފައި ހުއްޓަސް، "އެ މަނިކުފާނަށް" އެކަނި އެ ފުރުސަތު އޮންނަ ގޮތަށް މިހާރު އެއޮތީ ރިއާސީ ޓިކެޓް ވެދުން ކޮށްފަ އެވެ.

މި ހުރިހާ ކަމަކަށް ބެލުމުން ވެސް ފެނިގެން ދަނީ، ދެ ޕާޓީގެ ތެރޭގައި ވެސް އަދި ދެ ޕާޓީގެ ލީޑަރުންގެ ކިބައިގައި ވެސް ހުރި އެއްގޮތް ސިފަތަކެވެ. ނަމަވެސް އެއީ ޑިމޮކްރެސީގެ އެއްވެސް އަސަރެއް ހުރި ސިފަތަކެއް ނޫނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބާރާއި ނުފޫޒު އަދި ޕީޕީއެމްގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީންގެ ނުފޫޒާއި ބާރު އޮތްހާ ދުވަހަކު، އެއިން އެއްވެސް ޕާޓީއަކަށް ޑިމޮކްރެސީއާ ފައި ހަމައެއް ނުކުރެވޭނެ އެވެ.

"ރައީސް ޔާމީންގެ ގެޔަކަށް ވެސް އަދި އެ މަނިކުފާނުގެ ގަޔަކަށް ވެސް ޑިމޮކްރެސީއެއް ނުވަންނާނެ. ނަޝީދުގެ ގެއަކަށް ވެސް އަދި ގަޔަކަށް ވެސް ޑިމޮކްރެސީއެއް ނުވަންނާނެ. އެއަށް ވުރެ އެ ދެ ބޭފުޅުން ބީރައްޓެހި އެހެން އެއްވެސް ކަމެއް ނޯންނާނެ. ޑިމޮކްރެސީގައި މި އޮންނަނީ މެޖޯރިޓީ އަށް ތަބާވުންތާ. އެހެންވެ ބޭރުފުށަށް ދައްކާނީ، މިއީ ގިނަ މީހުން ބޭނުންވި ގޮތޭ. ނިކަން ބައްލަވާ އެމްޑީޕީގެ ރިއާސީ ޓިކެޓް ހޯދަން ނަޝީދު ނޫން ބޭފުޅަކު ކުރިމަތި ވެސް ނުލައްވާ ނޫންތޯ. އެކަމު ކާކަށްތޯ އެނގެނީ ފަރުދާގެ ފުރަގަހުގައި ކަން ހިނގީ ކިހިނެއް ކަން،" އެ މެމްބަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީ އާއި ގާނޫނުތައް ހުރި ގޮތުން ނަޝީދަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަން އެމްޑީޕީގެ އިސް ސަފުގެ ގިނަ ބަޔަކު ވެސް ގަބޫލު ކުރެ އެވެ. އަދި އެމްޑީޕީއާ އެކު ގުޅިފައިވާ ކޯލިޝަންގެ ތެރޭގައި ވެސް އެ ވިސްނުން ކިތަންމެ ބޮޑަކަށް ވެސް އެބަ އޮތެވެ. އެހެންކަމުން ގުޅިފައިވާ ކޯލިޝަންގެ ތެރޭގައި ވެސް ބޮޑަށް ބުރެވެވެނީ، ނަޝީދާއި ގާސިމް ނޫން ބޭފުޅަކު، ރައީސް ޔާމީނާ ވާދަ ކުރައްވަން ނެރުމަށެވެ.

"ނަޝީދަށް ވެސް ފެންނަމުން ދިޔައީ ކަންތައް ފުރޮޅެމުން ބަދަލުވަމުން ދިޔަ ގޮތް. އެމްޑީޕީގެ އިސް ސަފުގެ ވިސްނުން ހުރި ގޮތް ވެސް ނަޝީދަށް ވެސް އެނގޭ. އެކަމު އެ ވިސްނުމާ އެއްގޮތަށް، ނަޝީދު ނޫން ބޭފުޅަކަށް އެމްޑީޕީގެ ޓިކެޓް ލިބޭ ހިސާބުން، ޕާޓީ ވެސް ތިމަންނާ އަށް ގެއްލުނީ ކަން، ޕާޓީގެ ތެރޭގައި އޮތް ތިމަންނާގެ ބާރާއި ނުފޫޒު ވެސް ގެއްލުނީ ކަން ނަޝީދަށް ރަނގަޅަށް އެނގޭ. އެހެންވެ މާ ކުރިއްސުރެ ނަޝީދު ވިދާޅުވަމުން އެ ގެންދެވީ ޕްރައިމަރީ އަށް ކުރިމަތިވެސް ލައްވާނެ ކަމާއި ޓިކެޓް ވެސް ހޯއްދަވާނެ ކަން. އެހެން ވިދާޅުވާ އިރު ވެސް އެނގިވަޑައިގަނެޔޭ ތިމަންނާގެ ކޮނޑުގައި ޖަލު ހުކުމެއް އެބަ އޮތް ކަމާއި، ރައީސް ޔާމީން ވެރިކަމުގައި ހުންނެވިހާ ދުވަހަކު އެ ހުކުމުން ސަލާމަތް ނުވެވޭނެ ކަން ވެސް، އިންތިހާބުގައި ވާދަ ވެސް ނުކުރެއްވޭނެ ކަން."

އެ މެންބަރު ވިދާޅުވި ގޮތުގައި އެ ހުރިހާ ކަމެއް އެނގިވަޑައިގެން ހުންނަވައި ރިއާސީ އިންތިޚާބަށް ޓިކެޓް ހޯއްދަވަން އުޅުއްވަނީ، ނަޝީދު ނޫން އެހެން ބޭފުޅަކަށް އެމްޑީޕީގެ ޓިކެޓް ދެއްވަން ނަޝީދު ބޭނުންފުޅު ނުވާތީ އެވެ.

"ބައެއް މީހުންނަށް ހީވަނީ ނަޝީދަށް ކުރިމަތި ނުލެވިއްޖެއްޔާ ޝާހިދަށް ނޫނީ އިބޫ އަށް ނޫނީ ގާސިމަށް ނަޝީދު އެ ފުރުސަތު ދެއްވާނެޔޭ. ނަޝީދު ގަބޫލުކުރައްވާ ގޮތުގައި ނަޝީދަށް ވެރިކަމަށް ކުރިމަތި ނުލެވިއްޖެއްޔާ ރައީސް ޔާމީން ވެރިކަމުގައި އިތުރު ދައުރަކު ހުންނެވުން ވެސް ނަޝީދަށް މާ ރަނގަޅުވާނެ. ނަޝީދު ގަބޫލުކުރައްވާނީ، މި ވެރިކަން ފުރޮޅިގެން ދަންޏާ ދާންޖެހޭނީ ކެނެރީގޭ ނަޝީދުގެ އަތްމައްޗަށޭ،" މަޖިލީހުގެ މެމްބަރު ވިދާޅުވި އެވެ.

ޕީޕީއެމްގެ ތެރޭގައި ވެސް ކަން އޮތީ ހަމަ އެ ގޮތަށެވެ. ޕާޓީގެ ހިންގާ ގަވާއިދުގައި ކޮންމެ ގޮތަކަށް އޮތަސް، ޕާޓީގެ ކައުންސިލުން މިހާރު ނިންމާފައި އޮތީ، ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ރިއާސީ ޓިކެޓް ދިނުމަށެވެ. އެއީ ރައީސް ޔާމީނަކީ މިހާރު ވެސް މަގާމުގައި ހުންނެވި ބޭފުޅަކަށް ވުމުން އިތުރު ދައުރަކަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ވެރިކަމުގައި ހުންނެވި ބޭފުޅަކަށް، ޕްރައިމަރީއަކާ ނުލައި ރިއާސީ ޓިކެޓް ދެވޭނީ، ރިއާސީ އިންތިހާބުގައި ވާދަކުރުމަށް ޕާޓީގެ އިތުރު މެންބަރަކު ޝައުގުވެރިކަން ފާޅުކޮށްފައި ނުވާ ނަމަ އެވެ. އެފަދަ ހާލަތުގައި ވެސް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދެވޭނީ ގައުމީ ޖަލްސާގެ ބައްދަލުވުމެއްގައި އެ ގޮތަށް ފާސްކޮށްގެންނެވެ.

"ޝައުގުވެރިވާ މީހަކު ހުރިތޯ ބަލަން އެންމެ ކުޑަމިނުން އިއުލާން ކުރަންޖެހޭނެ. ޔަގީން ކަށަވަރު ވަނީ އިއުލާން ކުރި ނަމަ ރިއާސީ ޓިކެޓަށް ވާދަ ކުރާނެ އެހެން ބޭފުޅުން އެ ޕާޓީގައި ތިއްބަވާނެ. އެ ބޭފުޅަކާ އެކު ރައީސް ޔާމީން ޕްރައިމަރީގައި ވާދަކޮށްފި ނަމަ ބަލިވާނެ. ޕާޓީގެ އާންމު މެމްބަރުންގެ ތާއީދެއް ވެސް އެ މަނިކުފާނަކަށް ނެތް،" މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތު ވިދާޅުވި އެވެ.

ޕީޕީއެމްގެ ކައުންސިލް ވެސް މިއަދު އޮތީ، ކޯޓު މެދުވެރިކޮށް ޕާޓީގެ ހުރިހާ ބާރެއް ހޯއްދަވައިގެން ހުންނެވި އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގަ އެވެ. އެހެންކަމުން ޕާޓީގެ ގަވާއިދުތަކުގައި ކޮންމެ ގޮތަކަށް އިޖުރާއާތުތައް ކަނޑައަޅާފައި ހުއްޓަސް، ކައުންސިލުން ނިންމަމުން ދާނީ ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަށެވެ.

"ހަގީގަތުގައި ރައީސް ޔާމީނަކީ ވެސް ނަޝީދަކީ ވެސް އެއްވެސް ހަމައެއް ލަމައެއް އޮތް ދެ ބޭފުޅުންނެއް ނޫން. ހިނގަމުންދާ މަގު ބެދިގެން ވިޔަސް، ޑިމޮކްރެސީ އޮތް ހަނި ގޯޅިއަކަށް ވެސް މިއިން ބޭފުޅަކު ވަދެވަޑައެއް ނުގަންނަވާނެ. މި ދެ ބޭފުޅުންނަކީ ވެސް އެއް ފޮތަކުން ކިޔަވައިގެން ތިއްބެވި ދެ ބޭފުޅުން. އެ ބޭފުޅުން ބޭނުންފުޅުވާ ގޮތަކަށް ކަންތައް ނިމެމުން ފުރިހަމަވަމުން ދާންޖެހޭނީ އަބަދު ވެސް. ބާރުގެ ބޭނުންކޮށްގެން ވިޔަސް، ނުވަތަ ނުފޫޒުގައި ގާނޫނުތައް ބަދަލުކޮށްގެން ވިޔަސް، އެ ބޭފުޅުން ބޭނުންވާ ގޮތަށް ކަންކަން ނިމެންޖެހޭނީ. އެއީ އެ ބޭފުޅުން ދެނެވަޑައިގަންނަވާ ޑިމޮކްރެސީއަކީ. ބައެއް މީހުން އެއަށް ކިޔާފާނެ ހުދުމުހުތާރު ވުމޭ ވެސް،" ކުރިން ވާހަކަ ދެއްކެވި މަޖިލީހުގެ މެމްބަރު ވިދާޅުވި އެވެ.