25 ޖުލައި 2016 - 12:58

ޗެންނާއީ، އިންޑިއާ (ޖުލައި 25) - ޔުވެންޓަސްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި އެކަމަކު އޭނާ ގަންނަން މެންޗެސްޓާ ޔުނައިޓެޑުން 85 މިލިއަން ޕައުންޑް (102 މިލިއަން ޔޫރޯ) ހޭދަކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު ޕައުލް ސްކޯލްސް ބުނެފި އެވެ.
ޕޮގްބާ އަކީ ޔުނައިޓެޑުގެ ޔޫތު ޓީމުން ތަމްރީންވެ 2012 ވަނަ އަހަރު ހިލޭ ޓްރާންސްފާއެއްގައި ޔުވެންޓަސްއާ ގުޅުނު ކުޅުންތެރިއެކެވެ. އޭރު ޕޮގްބާ އެ ކްލަބް ދޫކޮށްލީ، އޭނާ އަށް ފުރުސަތު ނުދީ، ރިޓަޔާމަންޓުގައި ހުރި ސްކޯލްސް އަލުން ގެނެސް ފުރުސަތު ދިނުމުންނެވެ.
ޕޮގްބާ ޔުވެންޓަސްގައި ދެއްކި މޮޅު ކުޅުމާ އެކު ޔުނައިޓެޑުން ވަނީ 102 މިލިއަން ޔޫރޯ އަށް އޭނާ ގަންނަން ހުށަހަޅައިފަ އެވެ. އެކަމަކު ޔުވެންޓަސް އިން ބުނީ އޭނާ ވިއްކާލާނީ 124 މިލިއަން ޔޫރޯ އަށް ކަމަށެވެ.
"އޭނާ އަކީ ވަރަށް ޒުވާން ހުނަރުވެރި ކުޅުންތެރިއެއް. އަހަރެން އޭނާއާ އެކު ކުޅުނިން. އޭނާ އަކީ މޮޅު ކުޅުންތެރިއެއް. އެކަމަކު އަހަންނަށް ހިޔެއް ނުވޭ އޭނާ އަކީ އެ އަގަށް ގަންނަވަރުގެ ކުޅުންތެރިއެއްހެން،" އިންޑިއަން ފުޓްސަލް ލީގުގައި ކުޅެމުން އަންނަ ސްކޯލްސް ބުންޏެވެ.
އޭނާ ބުނީ އެ އަގަށް ގަންނަން ޖެހޭނީ ސީޒަނެއްގައި 50 ލަނޑު ޖަހާ ފެންވަރުގެ ކުޅުންތެރިއެއް ކަމަށާއި ކްރިސްޓިއާނޯ ރޮނާލްޑޯ ނުވަތަ ލިއޮނަލް މެސީ ފަދަ ކުޅުންތެރިއަކަށް އެ އަގު ދޭން މައްސަލައެއް ނެތް ކަމަށެވެ.
ސްކޯލްސް ބުނީ ވާދަވެރި މެންޗެސްޓާ ސިޓީން 21 މިލިއަން ޕައުންޑަށް ގަތް އިލްކޭ ގުންޑޮގާން އަކީ ވަރަށް މޮޅު ކުޅުންތެރިއެއް ކަމަށެވެ.