ބަލަކަށް ޗެލްސީގެ އިސް މަގާމެއް ހުށަހަޅައިފި
ބަލަކަށް ޗެލްސީގެ އިސް މަގާމެއް ހުށަހަޅައިފި

ލަންޑަން (މެއި 24) - ހުސްވެފައިވާ ޗެލްސީގެ ޑިރެކްޓާ އޮފް ފުޓްބޯލްގެ މަގާމު ކުރީގެ ކުޅުންތެރިޔާ މައިކަލް ބަލަކަށް ހުށަހަޅާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޗެލްސީގެ ޑިރެކްޓާ އޮފް ފުޓްބޯލްގެ މަގާމު ހުސްވީ މިދިޔަ ނޮވެމްބަރު މަހު ކުރިން އެ މަގާމުގައި ހުރި މައިކަލް އެމެނާލޯ މޮނާކޯ އަށް ބަދަލުވުމުންނެވެ. އޭރު ޗެލްސީން ބުނީ އެ މަގާމަށް ދެން ހަމަޖައްސާނީ މުޅި ކްލަބްގެ ހައިބަތު ހިފެހެއްޓޭ ވަރުގެ ފަރާތަކާ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ފާއިތުވި ހަފްތާގައި ބޭއްވި ޗެލްސީގެ ބޯޑުގެ ބައްދަލުވުމުގައި ޑިރެކްޓާ އޮފް ފުޓްބޯލްގެ މަގާމަށް ހުރިހާ މެމްބަރުންގެ އިއްތިފާގުން ހުށަހެޅީ ކުރިން ޖަރުމަން ގައުމީ ޓީމުގެ ކެޕްޓަންކަން ކުރި ބަަލަކްގެ ނަމެވެ.

ބަލަކް ޗެލްސީ އަށް ކުޅުނީ 2006 އިން 2010 އަށެވެ. ބަލަކް އެ ޓީމަށް ހަވާލުވިއިރު އޭރު އޭނާ ކުޅެމުން ދިޔަ 13 ނަމްބަރަށް ކުޅުނީ ފްރާންސްގެ ޑިފެންޑަރު ވިލިއަމް ގަލަސް އެވެ. ގަލަސް އަތުން 13 ނަމްބަރު ނެގުމަށް ފަހު ބަލަކަށް ދިނުމުން އެކަމާ ހިތްހަމަ ނުޖެހި ގަލަސް ވަނީ ފަހުން އެ ޓީމު ދޫކޮށްލައިފަ އެވެ. އެ ފަހަރު ކްލަބްގެ ކޯޗަކަށް ހުރި ހޯސޭ މޮރީނިއޯ ބުނީ ބަލަކަށް 13 ނަމްބަރު ދިނީ އެއީ އޭނާގެ ރަމްޒީ ނަމްބަރަކަށްވާތީ ކަމަށެވެ.

ބަލަކް ވަނީ ޗެލްސީއާ އެކު ޕްރިމިއާ ލީގު އެއް ފަހަރު، އެފްއޭ ކަޕް ދެ ފަހަރު އަދި ލީގު ކަޕް އެއް ފަހަރު ހޯދައިފަ އެވެ. އަދި އޭނާ އަކީ 2008 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ރަނަރަޕަށް ދިޔަ ޗެލްސީ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. ދާދި ފަހުން ޖަރުމަނު ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި ބަލަކް ވަނީ ޗެލްސީގައި ހޭދަކުރި ދުވަސްތައް ހަނދާން ހުންނަ ކަމަށާއި އަދި އެ ޓީމަށް ހިދުމަތެއް ކޮށްދިނުމުގެ ފުރުސަތެއް ލިބިއްޖެނަމަ ބޭނުން ހިފުމާމެދު ވިސްނާނެ ކަމަށެވެ.

އުމުރުން 41 އަހަރުގެ ބަލަކް އެ މަގާމާ ހަވާލުވާން ފުރަގަސްދީފިނަމަ ދެން ޗެލްސީން ވިސްނާފައިވަނީ ކުރީގެ ކުޅުންތެރިޔާ ޖޫލިއާނޯ ބެލެޓީ ނޫނީ ފްރާންސްގެ ކްލަބް ލިލްގެ ސްޕޯޓިން ޑިރެކްޓަރުގެ މަގާމުގައި ލުއިސް ކަމްޕޯސް ގެންނާށެވެ.