24 މެއި 2018 - 10:54

ލަންޑަން (މެއި 24) - އޭނާގެ ކޯޗުކަމުގައި އާސެނަލް ކުޅޭ ހުރިހާ މުބާރާތެއްގެ ތަށްޓަކަށް އެ ޓީމު ވާދަކުރާނެ ކަމަށް އިއްޔެ އާސެނަލާ ހަވާލުވި ކޯޗު ސްޕެއިނުގެ އުނާއި އެމެރީ ބުނެފި އެވެ.
މިދިޔަ ދެ ސީޒަނުގައި ފްރާންސުގެ ޕީއެސްޖީ އަށް ކޯޗުކޮށްދިން އެމެރީ އެ ޓީމަށް ފްރާންސް ލީގު އެއް ފަހަރު އަދި ފްރެންޗް ކަޕް ދެ ފަހަރު ކާމިޔާބުކޮށްދިނެވެ. މިދިޔަ ސީޒަނުގެ ނިޔަލަށް ޕީއެސްޖީއާ އެކު އެމެރީ ހަދާފައި އޮތް އެއްބަސްވުން ހަމަވުމުން އެ ޓީމުން އޭނާގެ ކޮންޓްރެކްޓް އާ ނުކުރީ ޔޫރަޕްގައި ނަތީޖާ ނުނެރެވޭތީ އެވެ.
އާސެނަލާ ދިގު މުއްދަތުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ފަހު މީޑިއާއާ ފުރަތަމަ ފަހަރަށް ބައްދަލުކުރުމަށް ފަހު އެމެރީ ބުނީ އޭނާގެ ވިސްނުމަކީ ހަމައެކަނި އާސެނަލް ކުރިން އޮތް ހިސާބަށް ގެންދިއުން ނޫން ކަމަށާއި ދުނިޔޭގެ ނިސްބަތުން އެ ޓީމަށް ކުރިއެރުން ތަކެއް ހޯދައިދިނުން ކަމަށެވެ.
"ހަމައެކަނި ކުރިއެރުމެއް ނޫން ބޭނުންވަނީ. ބޭނުމީ ހުރިހާ ތަށްޓަކަށް ވާދަކުރަން. އެއީ އާސެނަލް އަދި އަހަރެންގެ ތާރީހުގައި ވެސް އޮތް ގޮތް،" އެމެރީ ބުންޏެވެ.
މިދިޔަ އަހަރު އާސެނަލަށް ޗެމްޕިއަންސް ލީގުން ފުރުސަތު ނުލިބެ އެވެ. އަންނަ ސީޒަނުގައި ވެސް އެ ޓީމު ވާދަކުރަން ޖެހެނީ ޔޫރޮޕާ ލީގުގަ އެވެ. މި ސީޒަނުގައި އެ ޓީމު އެ މުބާރާތުގެ ސެމީ ފައިނަލުގައި ކެޓީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެތުލެޓިކޯ މެޑްރިޑް އަތުންނެވެ.
އުމުރުން 46 އަހަރުގެ އެމެރީގެ ކޯޗިން ކެރިއަރުގައި އެންމެ ހާއްސަ ކާމިޔާބީ އަކީ ސްޕެއިނުގެ ސެވިއްޔާ ގޮވައިގެން ޖެހިޖެހިގެން ތިން ފަހަރު ޔޫރޮޕާ ލީގު ކާމިޔާބު ކުރުމެވެ.
"މި ކްލަބަށް ވަރަށް މުހިއްމު ކަމެއް ދެ އަހަރަށް ފަހު އަލުން ޗެމްޕިއަންސް ލީގަށް ދިއުމަކީ. އަލުން ޕްރިމިއާ ލީގުގެ އެންމެ މޮޅު ޓީމަށް ވުމަކީ އަދި މުޅި ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ ޓީމަކަށް ވުމަކީ. މިއީ ހުސް އަހަރެން ބޮލުގައި އެޅިފައި ހުރި ޒިންމާ،" އެމެރީ ބުންޏެވެ.
ބާވީސް އަހަރަށް ފަހު އާސެނަލްގެ ކޯޗުގެ މަގާމުން އާސެން ވެންގާ މި އަހަރު ވަކިވާން ނިންމުމުން އެ ޓީމުން އެ ހިސާބުން ވަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ. އާސެނަލާ ހަވާލެވޭނެ ކަމަށް އެންމެ ބޮޑަށް ބެލެވުނީ ކުރިން އެ ޓީމަށް ކުޅުނު މިހާރު މެންޗެސްޓާ ސިޓީގެ އެސިސްޓަންޓް ކޯޗު މިކޭލް އާޓެޓާ އެވެ.
އާސެނަލް ފަދަ ބޮޑު ކްލަބެއްގައި ކޯޗުކޮށްދިނުމުގެ ތަޖުރިބާ އާޓެޓާގެ މަދު ނަމަވެސް އޭނާއާ އެ ޓީމު ހަވާލުކުރަން އެ ކްލަބުގެ ބޯޑުން ބޭނުންވި އެވެ. އާޓެޓާ އާސެނަލާ ހަވާލުވާން ދެކޮޅު ހެދީ އެ ޓީމުން މި ފަހަރު ޓީމަށް ހަރަދުކުރަން ދޭން ނިންމި ބަޖެޓް ކުޑަވުމުންނެވެ. އާސެނަލުން އާޓެޓާ އަށް ހުށަހެޅީ 50 މިލިއަން ޕައުންޑްގެ ޓްރާންސްފާ ބަޖެޓެކެވެ.
"މި ފަށަނީ އާސެނަލްގެ ތާރީހުގައި އާ ޗެޕްޓަރެއް. މި ޓީމަށް މާ ބޮޑު ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އަހަރެން ނުދެކެން. މި ވަގުތު ތިބީ ވެސް ހުސް މޮޅެތި ކުޅުންތެރިން. އެކަމަކު އިތުރު ކުޅުންތެރިން ގުޅުމުގެ ފުރުސަތު ވެސް އެބައޮތް،" އެމެރީ ބުންޏެވެ.
މި ސީޒަނަށް ފަހު އާސެނަލްގެ ޖެކް ވިލްޝަޔާ އާއި އާރޮން ރަމްސޭގެ އެއްބަސްވުން ހަމަވެފައިވާއިރު، މި ދެ ކުޅުންތެރިންގެ އެއްބަސްވުން އާ ކުރަން އާސެނަލުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެމެރީއާ ޓީމު ހަވާލުކުރުމުން އާސެނަލްގެ ކުރީގެ ކުޅުންތެރިން ވަނީ އެކަމަށް މަރުހަބާ ކިޔައިފަ އެވެ. އިނގިރޭސި ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނާގޮތުގައި އެމެރީ އަށް އެ ޓީމުގައި ކާމިޔާބު ހޯދޭނީ ގިނަ ހަރަދުތަކެއް ކޮށްގެންނެވެ. އަދި މިހާރު އޮތް ސްކޮޑަށް ބަލާއިރު، އެންމެ ބޮޑަށް ރަނގަޅު ކުރަން ޖެހިފައި އޮތީ އެ ޓީމުގެ ޑިފެންސެވެ.
އާސެނަލްގެ ލެޖެންޑް އިއާން ރައިޓް ބުނީ އެމެރީ އަށް ކުރިމަތިވާނެ އެންމެ ބޮޑު ޕްރެޝަރަކީ ވެންގާގެ ލެގަސީ ދެމެހެއްޓުން ކަމަށެވެ.