ޓައިގާ ޝްރޮފާއި ޑިޝާ ޕަޓްނީ އަނެއްކާ ވެސް ޗުއްޓީ އަށް ރާއްޖޭގައި
ޓައިގާ ޝްރޮފާއި ޑިޝާ ޕަޓްނީ އަނެއްކާ ވެސް ޗުއްޓީ އަށް ރާއްޖޭގައި

މިދިޔަ މާޗް މަހު ރިލީޒްކޮށް 100 ކްރޯޑް ކުލަބުން ޖާގަ ހޯދި ކާމިޔާބު ފިލްމް "ބާގީ 2" ގެ ދެ ތަރިން އަދި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ޓައިގާ ޝްރޮފާއި ޑިޝާ ޕަޓްނީ އަނެއްކާ ވެސް ޗުއްޓީ ހޭދަކުރަން ރާއްޖެ އަތުވެއްޖެ އެވެ.

އާ އަހަރު ފާހަގަކުރަން ވެސް މި ދެ ތަރިން ރާއްޖެ އަ އެވެ. އަދި އާ އަހަރުގެ ޗުއްޓީ ތެރޭގައި ވަކިވަކިން ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް އިސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ.

އެނގިފައިވާ ގޮތުގައި މި ފަހަރު ޓައިގާ އާއި ޑިޝާ ޗުއްޓީ ހޭދަ ކުރަމުން އަންނަނީ ފޯ ސީޒަން ލަނޑާގިރާވަރު ރިސޯޓްގަ އެވެ.

ދެ ތަރިން އަލުން ރާއްޖެ އަށް ޗުއްޓީ ހޭދަ ކުރަން އައި އިރު، ޓައިގާ މިހާރު އަންނަނީ ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، ޕުނިތު މަލްއުތުރާ ޑައިރެކްޓް ކުރާ ފިލްމް "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގެ މަސައްކަތް ކުރަމުންނެވެ.

މި އަހަރުގެ ނޮބެމްބަރު މަހުގެ 23 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ ފިލްމުން ޓައިގާއާ އެކު އާ ދެ ބަތަލާއިން ތައާރަފުވެގެން ދާނެ އެވެ. އެއީ ޗަންކީ ޕާންޑޭގެ ދަރިފުޅު އަނަންޔާ ޕާންޑޭ އާއި ތާރާ ސުތާރިއާ އެވެ. އަދި މި ފިލްމަށް ފަހު، ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) އިން އުފައްދާ ފިލްމަކަށް ވެސް ޓައިގާ ވަނީ ސޮއިކޮށްފަ އެވެ.

އެ ފިލްމްގައި އޭނާ ފެނިގެން ދާނީ ރިތިކް ރޯޝަނާއި ވާނީ ކަޕޫރާ އެކުގަ އެވެ. އަދި "ރާމްބޯ" އަކީ ޓައިގާގެ ކުރިއަށް ފިލްމެކެވެ.

ޑިޝާ އިހަކަށް ދުވަހު ވަނީ ސަލްމާން ހާނާއި ޕްރިޔަންކާ ޗޯޕްޅާ އަދި ތައްބޫ ވެސް މުހިއްމު ރޯލްތަކުން ފެނިގެންދާ އަލީ އަައްބާސް ޒަފަރުގެ "ބާރަތު" އަށް ސޮއިކޮށްފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އެކްޓަރު ވަރުން ދަވަންގެ ބޭބެ ރޯހިތު ދަވަން ރިތިކްއާ އެކު ހަދާ ފިލްމްގެ ބަތަލާގެ ރޯލަށް ވެސް ޑިޝާ ވަނީ ސޮއިކޮށްފަ އެވެ.

ޑިޝާ އާއި ޓައިގާ ރައްޓެހިވެގެން އުޅޭ ކަމަށް މީޑިއާތަކުން ބުނި ނަމަވެސް، އެ ދެ ތަރިން އެކަމަކަށް މިހާތަނަކަށް ރަސްމީކޮށް އެއްބަހެއް ނުވެ އެވެ.

އަހުމަދު ހާން ޑައިރެކްޓް ކުރި "ބާގީ 2" އަކީ ދެ ތަރިން އެކުގައި ކުޅުނު ފުރަތަމަ ފިލްމެވެ.