23 މެއި 2018 - 21:44

ރާއްޖޭގައި އޮތީ ސިޔާސީ ގޮތުން ކޮންޓްރޯލްކޮށްފައިވާ އިލެކްޝަންސް ކޮމިޝަނެއް ކަމަށާއި އެތަނުން އިދިކޮޅު ސިޔާސީ ޕާޓީތަކަށް ހުރަސްއަޅަމުންދާ ކަމަށް ވިދާޅުވެ، ރާއްޖެއަށް ފިޔަވަޅު އަޅަން އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ ކުރީގެ ސްޓޭޓް މިނިސްޓަރު ހޫގޯ ސްވަޔާ މިރޭ ގޮވާލައްވައިފި އެވެ.
ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުން އިދިކޮޅު ޕާޓީތަކަށް ފުރުސަތު ގެއްލުވާލުމަށް ސިޔާސީ ނުފޫޒު ފޯރުވާފައިވާ އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭނާ އެ އިޝާރާތް ކުރެއްވީ، ޕާޓީތަކުގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ އުސޫލެއް އާއްމުކޮށް، ޕާޓީތަކުގެ އަސާސީ ގަވާއިދު އިސްލާހުކުރަން ހުށަހެޅުމާއެކު އިދިކޮޅު އެމްޑީޕީ އުވާލާނެ ކަމަށް ދިން އިންޒާރަށް ކަމަށް ބެލެވެ އެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލައްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޝަރުތު ހަމަނުވާ ކަމަށް އަންގައި، އެމަނިކުފާނަށް ފުރުސަތުދީގެން ބާއްވާ ޕްރައިމަރީ ބަލައިނުގަނެ އެމްޑީޕީއާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް އިލެކްޝަންސުން ވަނީ އަންގައިފަ އެވެ.
ހޫގޯ ސްވަޔާ ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަމުންދާ އެންމެން، ބައިނަލްއަގުވާމީ މުޖުތަމައުން ބޭޒާރުކޮށް ލަދުގަންނަވާލަން ޖެހެ އެވެ.
ރާއްޖޭގެ ހާލަތާ މެދު މިހާތަނަށް އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވި ނަމަވެސް މިއީ، ބައިނަލްއަގުވާމީ ފަރާތްތަކުން ހަރުކަށި ފިޔަވަޅު އަޅަންވީ ވަގުތު ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެ މިދަނީ، ޓޫރިސްޓުންނާއި މަޝްހޫރު މީހުން ރާއްޖެ ބޮއިކޮޓް ކުރަން ޖެހޭ ހާލަތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސިޔާސީ ގޮތުން ރާއްޖެ އޮތް ހާލަތާ މެދު ސްވަޔާ ކަންބޮޑުވުންފާޅުކުރެއްވިިއިރު، މިހާރު އޮތް ހާލަތުން، މިނިވަން އިންސާފުވެރި ރިއާސީ އިންތިހާބެއް ބޭއްވިދާނެ ކަމާ މެދު އެމެރިކާގެ ސަފީރު އަތުލް ކެޝަޕް ވެސް ވަނީ ސުވާލު އުފައްދަވައިފަ އެވެ.
މީގެ ހަފުތާއެއްހާ ދުވަސް ކުރިން އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގުތައް ހޯއްދަވަން މަސައްކަތް ކުރެއްވި ކުރީގެ ދެ ރައީސުންނާއި ނައިބު ރައީސަކާއި ސިޔާސީ ޕާޓީ ލީޑަރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ޖަލަށް ލާފައިވާ ކަމަށެވެ. ރާއްޖޭގެ މި ހާލަތާ މެދު އޭނާ ކަންބޮޑުވުން ފާޅު ކުރައްވައި، އިންތިހާބު މިނިވަންވެދާނެތޯ ވަނީ ސުވާލު އުފައްދަވައިފަ އެވެ.
ރާއްޖެއާ މެދު ބައިނަލްއަގުވާމީ މުޖުތަމައުން ފާޅުކުރާ ކަންބޮޑުވުންތަކަށް ރައްދުދީ ސަރުކާރުން ބުނެފައި ވަނީ، ރާއްޖޭގެ އެތެރޭގެ ކަންކަން ހިންގަންވީ ގޮތާއި ރިޔާސީ އިންތިހާބު ބާއްވަން ޖެހޭ ގޮތް ގައުމުތަކުން ކިޔައިދޭން ނުޖެހޭނެ ކަމަށެވެ. ރިޔާސީ އިންތިހާބާއި އެހެން ވެސް ކަންކަން ކުރިއަށް ގެންދަނީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.