25 ޖުލައި 2016 - 12:36

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފަށް ދައުވާކުރާ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ދައުވާގައި އޭނާގެ ފަރާތުން ވަކާލާތު ކުރައްވާ ވަކީލް ނާޒިމް އަބްދުއްސައްތާރު މީޑިއާގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން ވަކާލާތު ނުކުރެވޭ ގޮތަށް އޭނާ ކްރިމިނަލް ކޯޓުން ސަސްޕެންޑްކޮށްފި އެވެ.
ފުލުހުން ބެރިކޭޑް ޖަހައި، ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަން ކަމަށް ބުނެ މަހްލޫފަށް ދައުވާ ކުރާއިރު، މިފަދަ އެހެން ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ 4 މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިމް ވިދާޅުވެފައި ވަނީ މަހުލޫފަށް ހުކުމްކުރި މައްސަލަ ކުރިއަށް ގެންދަނީ އިންސާފުގެ ހަމަތަކުން ބޭރުން ކަމަށާއި ދިފާއުވުމުގެ ހައްގަށް ކޯޓުން ހުރަސް އަޅާފައިވާ ކަމަށެވެ. ނާޒިމަށް ކޯޓުން މިއަދު އެންގި އެންގުމުގައި ވަނީ އެ މައްސަލައާ މެދު ނުބައި ތަސައްވުރެ އުފެދޭ ގޮތަށް އަދި މައްސަލައަށް ނުފޫޒު ފޯރުވޭ ފަދަ ގޮތަކަށް ނާޒިމް އަމަލުކުރައްވާފައި ވާތީ އެ މައްސަލާގައި ވަކާލާތު ނުކުރެވޭ ގޮތަށް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
ނާޒިމް އެ މައްސަލައިން ސަސްޕެންޑް ކުރިއިރު އެ މައްސަލައިގެ ހުކުމް މިއަދު މެންދުރު އިއްވަން ވަނީ ހަމަޖައްސައިފަ އެވެ.
އިިދިކޮޅު ކޯލިޝަންގެ ތަރުޖަމާނުކަން ވެސް ކުރައްވާ މަހްލޫފަށް އިއްވި އެ ހުކުމުގެ ސަބަބުން އޭނާގެ މެމްބަރުކަން ނުގެއްލުނަސް އެ މުއްދަތުގައި އޭނާއަށް މަޖިލީހަށް ހާޒިރެއް ނުވެވޭނެ އެވެ.