23 މެއި 2018 - 20:38

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އެއް އަހަރާއި ހަތް މަހަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ރިޝްވަތު ރިޝްވަތު ނަގައި، ސަރުކާރު ވައްޓާލުމަށް ނެރުނު އަމުރެއް ކަމަށް ބުނެ ހައްޔަރުކުރި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލާގަ އެވެ.
އެ ހުކުމް އިސްތިއުނާފް ކުރަން އެ ބޭފުޅުންގެ ފަރާތުން ހުށަހެޅި މައްސަލާގެ ޝަރީއަތް ހައި ކޯޓުން ފަށަން ހަމަޖައްސާފައިވަނީ މާދަމާ ހެނދުނު އެވެ. މިއީ އެ ދެ ބޭފުޅުން މިދިޔަ ފެބްރުއަރީ މަހު ހައްޔަރުކުރި ފަހުން ހައި ކޯޓަށް ހާޒިރުކުރާ ފުރަތަމަ ފަހަރެވެ.
ނުފޫޒު ފޯރުވި މައްސަލާގެ އިތުރުން މިދިޔަ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުގައި ޖެމްސް ސިސްޓަމް ޑައުން ކުރަން އެންގެވި މައްސަލާގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ވަނީ އިތުރު ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވެސް އައިސްފަ އެވެ. އެ ހުކުމް ވެސް އިސްތިއުނާފް ކުރަން އުއްތަމަ ފަނޑިޔާރުގެ ފަރާތުން ވަނީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އެކަމަކު އެ މައްސަލައިގެ އަޑުއެހުންތައް ފަށަން ހައި ކޯޓުން އަދި ތާވަލެއް ނުކުރެ އެވެ.
ފަނޑިޔާރުންގެ ގާނޫނު އޮންނަ ގޮތުން ފަނޑިޔާރެއްގެ މައްޗަށް ކުށެއް ސާބިތުވާ މައްސަލައެއް އިސްތިއުނާފަށް ހުށަހަޅައިފި ނަމަ އެ މައްސަލައެއް 30 ދުވަސް ތެރޭގައި ހައި ކޯޓުން ނިިންމަން ޖެހޭނެ އެވެ. އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމޭއިރު ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފި ނަމަ އެ ބޭފުޅުން ފަނޑިޔާރު ކަމުގެ މަގާމުން އޮޓަމެޓިކުން ވަކިވާނެ އެވެ.
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ އިސްތިއުނާފް އަޑުއެހުންތައް މާދަމާ ހެނދުނު ފަށަން ހައި ކޯޓުން ހަމަޖައްސާފައިވާއިރު އެ ދެ ބޭފުޅުންގެ މައްޗަށް ކުރާ އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާގެ އަޑުއެހުމެއް ވެސް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ވަނީ ހަމަޖައްސައިފަ އެވެ.
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ޖަލު ހުކުމެއް އައިސްފައިވާއިރު، އިތުރު ދައުވާތަކެއް ވެސް ދައުލަތުން ވަނީ އެ ބޭފުޅުންނާ ދެކޮޅަށް އުފުލައިފަ އެވެ. އޭގެ ތެރޭގައި ޓެރަރިޒަމްގެ ދައުވާ ވެސް ހިމެނެ އެވެ.