ރިލޭ ވިކްޓަރީ އަށް ބަދަލުވެއްޖެ
ރިލޭ ވިކްޓަރީ އަށް ބަދަލުވެއްޖެ

ނިއު ރޭޑިއަންޓްގެ މިޑްފީލްޑަރު ރިލްވާން ވަހީދު (ރިލޭ) ވިކްޓަރީ ސްޕޯޓްސް ކްލަބަށް ބަދަލުވެއްޖެ އެވެ.

އަހުލާގީ މައްސަލައެއްގެ ސަބަބުން ނިއުގެ ސަސްޕެންޝަނެއްގައި ހުރި ރިލޭ ވިކްޓަރީ އަށް ބަދަލުވީ މި އަހަރުގެ ނިޔަލަށެވެ. ނިއު އިން ރިލޭ ސަސްޕެންޑްކުރީ ކްލަބްގެ އަގުވެއްޓޭ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަދައްކައި ކްލަބުގެ ކުޅުންތެރިންގެ މެދުގައި ފިތުނަރުވެރިކަން އުފެދޭ ގޮތަށް ވާހަކަދައްކަމުން އަންނާތީ ކަމަށް އެ ކްލަބުން ބުނެ އެވެ.

ނިއުގެ ވައިސް ކެޕްޓަންގެ މަގާމުގައި ހުރި ރިލޭ އަކީ ކުރިން ވިކްޓަރީ އަށް ކުޅުނު ކުޅުންތެރިއެކެވެ. ރިލޭގެ އިތުރުން ނިއު އަށް މި ސީޒަނުގައި ކުޅުނު މިޑްފީލްޑަރު ފަރުހާދު އިސްމާއިލް (ފަރޭ) ވެސް ވަނީ ވިކްޓަރީ އަށް ބަދަލުވެފަ އެވެ.

ކްލަބް ވެލެންސިއާ އިން ކެރިއަރު ފެށި ރިލޭ ވަނީ ނިއު އާއި ވިކްޓަރީގެ އިތުރުން މާޒިޔާ އަށް ވެސް ކުޅެފަ އެވެ. ރިލޭ ދެ ވަނަ ފަހަރަށް ނިއު އަށް ބަދަލުވީ މިދިޔަ އަހަރު އެވެ. ނިއު އިން ރިލީސް ދިނުމުން ރިލޭ ވަނީ އިއްޔެ ވިކްޓަރީގެ ފަރިތަކުރުންތަކުގައި ބައިވެރިވެފަ އެވެ.

ވިކްޓަރީން ވަނީ އެ ޓީމުގެ ކޯޗުކަމުން މުހައްމަދު ނަޒީހު ވަކިވުމުން އެ އެ ޓީމުގެ ކޯޗަކަށް ލާޒްލޯ ކިސް ހަމަޖައްސައިފަ އެވެ. ކުރިން ވެލެންސިއާ އަދި ވީބީ އައްޑޫ އެފްސީ އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކިސް ވިކްޓަރީއާ ހަވާލުވީ މި ސީޒަނުގެ ނިޔަލަށެވެ.

ވިކްޓަރީ މި ވަގުތު އޮތީ ކުޅުނު ނުވަ މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު ލީގުގެ ހަތް ވަނައިގަ އެވެ.