26 މެއި 2018 - 09:40

"ޕްރެޓީ ވުމަން" ފަދަ މަޝްހޫރު ފިލްމްތައް ކުޅެފައިވާ ހޮލީވުޑްގެ އެކްޓަރު ރިޗަޑް ގިއާ 30 އަހަރު ފަހުން ޓީވީ ސިލްސިލާއަކަށް ސޮއިކޮށްފި އެވެ.
އޭނާ އެމެރިކާ މީޑިއާއެއްގެ ވެރިއެއްގެ ރޯލް އަދާ ކުރާ މި ސިލްސިލާއަކީ ބީބީސީން އުފައްދާ "މަދާފާދާސަން" އެވެ. މީގެ އިތުރު ކާސްޓުންގެ ތެރޭގައި "ޕީކީ ބްލައިންޑާޒް" ގެ ތަރި ހެލެން މެކްކޯރީ އާއި "އޮން ޗެސިލް ބީޗް" ގެ އެކްޓަރު ބިލީ ހޯލޭ ހިމެނެ އެވެ.
އަށް ގަޑި އިރުގެ އެޕިސޯޑްތަކެއް ހިމެނޭ ގޮތަށް ގެނެސްދޭ "މަދާފާދާސަން" ބެލުންތެރިންނަށް ގެނެސް ދެނީ "ދި އެސަސިޝޭޝަން އޮފް ޖާނީ ވަޗާސޭ: އެމެރިކަން ކްރައިމް ސްޓޯރީ" ގެ ލިޔުންތެރިޔާ ޓޮމް ރޮބް ސުމިތު އެވެ.
އޭނާ ބުނީ "މަދާފާދާސަން" ގައި ވަރުގަދަ ކާސްޓަކާ އެކު މަސައްކަތްކޮށްލަން ލިބުމަކީ އެންމެ ގަޔާވާ އެއް ކަންތައް ކަމަށެވެ. އަދި މި ސިލްސިލާއަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ އެއްޗަކަށް ވާނެ ކަމަށް ބުންޏެވެ.
ޓޮމް ބުނީ ގިއާ ފެނިގެން ދާނީ ވެސް ތަފާތު އަދި ވަރަށް ފާހަގަކޮށްލެވޭ ކަހަލަ ކެރެކްޓާއަކުން ކަމަށެވެ.
"އަންފެއިތުފުލް" އާއި "ޕްރައިމަލް ފިއާ" އަދި "ރަން އަވޭ ބްރައިޑް" ފަދަ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ގިއާ ބީބީސީއާ އެކު މަސައްކަތްކޮށްލަން ލިބުމަކީ އުންމީދެއް ހާސިލްވުން ކަމަށެވެ.
"ވަރަށް އުފާވެއްޖެ އެހާ ހުނަރުވެރި ޓީމަކާ އެކު އަނެއްކާ ވެސް ވަަރަށް ޒަމާންކޮށްފައި ޓީވީ އުފެއްދުމެއްގައި މަސައްކަތްކޮށްލަން ލިބުނީމަ،" 68 އަހަރުގެ އެކްޓަރު ބުންޏެވެ.
ގިއާ އެންމެ ފަހުން ކުޅުނު ފިލްމަކީ މިދިޔަ އަހަރު ޓޮރޮންޓޯ އިންޓަނެޝަނަލް ފިލްމް ފެސްޓިވަލް (ޓީއައިއެފްއެފް) ގައި ޕްރިމިއާ ކުރި "ތުރީ ކްރިސްޓްސް" އެވެ.
ކުރިއަށް އޮތް ހޫނު މޫސުމުގައި ލަންޑަނާއި ސްޕެއިންގައި ޝޫޓް ކުރާ "މަދާފާދާސަން" ދައްކަން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.