23 މެއި 2018 - 15:19

ކަރާކަސް (މެއި 23) - ވެނެޒުއެލާގައި ބޭއްވި ރިޔާސީ އިންތިޚާބަށް ފާޑުކިޔަމުން ދަނިކޮށް އެ ގައުމުގައި ހުރި އެމެރިކާގެ އެންމެ އިސް ޑިޕްލޮމެޓް ބޭރުކޮށްލަން ރައީސް ނިކޮލަސް މަދޫރޯ އަންގަވައިފި އެވެ.
ގައުމީ ޓީވީގައި ވާހަކަ ދައްކަވަމުން މަދޫރޯ ވިދާޅުވީ ގަދަ ބާރުން ވެނެޒުއެލާގެ މައްޗަށް ވެރިވެނުގަނެވޭނެ ކަމަށެވެ.
"އެމެރިކާގެ ޖާސޫސްކުރުންތައް މިހާރު ފުދިއްޖެ. ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ އެމެރިކާގެ ޝާޒެ ޑެފެއާޒް ޓޮޑް ރޮބިންސަން އާއި އޭނާގެ ނައިބް ބްރިއަން ނަރަންޖޯ ވެނެޒުއެލާ އިން ފުރަން ޖެހޭނެ،" މަދޫރޯ އިއުލާން ކުރެއްވި އެވެ.
މަދޫރޯ ވިދާޅުވީ އެ ދެ މީހުން ވެނެޒުއެލާގައި ތިބެގެން އެ ގައުމުގެ އިންތިޚާބު ޚަރާބުކޮށްލަން ލައްކަ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެއީ ވެނެޒުއެލާގައި ތިބޭ ސީއައިއޭގެ އެޖެންޓުންތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ބޮއިކޮޓްކޮށްފައިވާ ވެނެޒުއެލާގެ އިންތިޚާބުގައި 52 ޕަސެންޓް މީހުން ވޯޓެއް ނުލަ އެވެ. މަދޫރޯ ވަނީ ވޯޓުލީ މީހުންގެ 68 ޕަސެންޓް ކާމިޔާބު ކުރައްވައިފަ އެވެ.
މަދޫރޯއާ ދެކޮޅު ހެދުމުގެ ގޮތުން 14 ގައުމެއްގެ ސަފީރުން ވަނީ ވެނެޒުއެލާ އިން އަނބުރާ ގެންގޮސްފަ އެވެ. އޭގެ ތެރޭގައި އާޖެންޓީނާ، ބްރެޒިލް، މެކްސިކޯ، ކޮލަމްބިއާ އަދި ކެނެޑާ ހިމެނެ އެވެ. ވެނެޒުއެލާގައި އިންތިޚާބު ބޭއްވުމުގެ ކުރިން ވެސް އެމެރިކާ، ކެނެޑާ އަދި ޔޫރިއަން ޔޫނިއަން އާއި ލެޓިން އެމެރިކާގެ ބައެއް ގައުމުތަކުން ވަނީ ނަތީޖާ ގަބޫލް ނުކުރާނެ ކަމަށް ބުނެފަ އެވެ.
ވެނެޒުއެލާގައި އިންތިޚާބު ބާއްވަން ހަމަޖެހިފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހު އެވެ. ނަމަވެސް މަދޫރޯގެ ތާއީދު އޮންނަ ނޭޝަނަލް އެސެމްބްލީން ވަނީ އިންތިޚާބު އަވަސް ކޮށްފަ އެވެ.
އިދިކޮޅު ޑިމޮކްރެޓިކް ޔުނިޓީން ބުނީ އިންތިޚާބު އަވަސްކުރީ އިިދިކޮޅު ކޯލިޝަނުގައި ބައިބައިވުން އުފެދިފައިވާ ދަނޑިވަޅުގެ ފައިދާ ނަގަން ކަމަށެވެ.