25 މެއި 2018 - 09:48

މި ކުއްޖާ މި ހުރީ ބޮލުގައި ފުނާ ނާޅައި ކަމަށް ހީވިޔަސް އެއީ ބައްޔެއްގެ ސަބަބުން ހުންނަ ގޮތެކެވެ. އެމެރިކާގެ ޗިކާގޯގައި ދިރިއުޅޭ ފަސް އަހަރުގެ ޓޭލާ މެކްގޯވެންގެ ބޮލުގެ އިސްތަށިގަނޑު ވިއްސިވިހާލިވެފައި ހުންނަނީ "އަންކޮމްބަބަލް ހެއާ ސިންޑްރޯމް" ގެ ސަބަބުންނެވެ.
މި ބައްޔަށް ދީފައިވާ މެޑިކަލް ނަމަކީ "ޕިލި ޓްރައިންގިއުލީ އެޓް ކެނަކުލީ" އެވެ. މިއީ ޖެނެޓިކް ކަމެކެވެ. އެއީ ޕީއޭޑީއައި3، ޓީޖީއެމް3 އަދި ޓީސީއެޗްއެޗް އެވެ. ބޮލުގައި ފުނާ ނާޅާ މީހެއްގެ ގޮތުގައި މީހާ ފެންނަނީ މި ތިން ޖީންގެ ތެރެއިން ޖީނެއް ވާރުތަކޮށްގެންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން "އަންކޮމްބަބަލް ހެއާ ސިންޑްރޯމް" ތަޖުރިބާ ކުރަން ޖެހިފައިވާ 100 ވަރަކަށް މީހުން ދުނިޔޭގައި އެބަ ތިއްބެވެ. ޓޭލާއަކީ އޭގެ ތެރެއިން އެކެކެވެ. ދަރިފުޅު އެ ބަލީގެ ޝިކާރައަކަށްވީ މައިންބަފައިން ކަމަށްވާ ކާރާ އާއި ޓޮމް މެކްކޯވަންގެ ފަރާތުން ވާރުތަވި ޕީއޭޑީއައި3 އިންނެވެ. އެކަމަކު ދެ މީހުންނަކީ ވަރަށް ފަން އިސްތަށިގަނޑެއް އޮންނަ ދެ މީހުންނެވެ.
ކާރާ ކިޔައިދިން ގޮތުގައި ދަރިފުޅު އެންމެ ތުއްތު އިރު ވެސް، ފުނާ އެޅިޔަސް އެކަން ވަނީ ބޭކާރެވެ. އެހެންވެ އެއީ ކީއްވެގެންވާ ކަމެއްތޯ ދެނެގަތުމަށް ފަހު، ދަރިފުޅުގައި ބޮލުގައި ފުނާ އެޅުން އެއްކޮށް ހުއްޓައިލި އެވެ.
"ކުރީކޮޅު، ދަރިފުޅުގެ ބޮލުގައި ފާޑުފާޑުގެ އެއްޗެހި ވެސް އުނގުޅިން. ބޮލުގައި ލާ އެކި ޒާތުގެ ފަނަރަކަށް ބާވަތެއް އުނގުޅައިގެން ވެސް ނަތީޖާއެއް ނުފެނުނު. އެހެންވެ ޑޮކްޓަރަށް ދައްކައިގެން ވާ ގޮތެއް ބެލީމަ މި އެނގުނީ ދަރިފުޅަކީ އަންކޮމްބަބަލް ހެއާ ސިންޑްރޯމް ހުރި ކުއްޖެއްކަން." ކުރިން މެންޓަލް ހެލްތު ވޯކަރެއްގެ ގޮތުގައި މަސައްކަތް ކުރި ކާރާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ދަރިފުޅުގެ އިސްތަށިގަނޑު އެގޮތަށް ހުއްޓަސް އެއީ މައްސަލައެއް ނޫނެވެ. އަދި މިފަދަ ކަމެއް ތަޖުރިބާ ކުރަން ޖެހިފައިވާ މީހުންނަށް ހިތްވަރެއް ދިނުމުގެ ގޮތުން އެއް ފަހަރެއްގެ ހެލޮވީންގައި އެ މީހުން ދަރިފުޅު، ކުރީގެ މަޝްހޫރު ސައިންޓިސްޓް އަލްބަޓް އެއިންސްޓަން ގޮތަށް ހެދުން ވެސް އަޅުވައިގެން ފޮޓޯތަކެއް ނެގި އެވެ. އެއީ އެއިސްޓަންގެ އިސްތަށިގަނޑު ވެސް ހުރީ ޓޭލާގެ އިސްތަށިގަނޑު ހުންނަ ގޮތަށްވާތީ އެވެ.
ފޭސްބުކްގައި އެ މީހުން ވަނީ "ބޭބިއައިންސްޓެއިން 2.0" ގެ ނަމުގައި ޕޭޖެއް ވެސް ހަދައިފަ އެވެ. ބޭނުމަކީ ހޭލުންތެރިކަން އުފައްދައި ބުލީ ކުރުންތަކުން ވެސް ސަލާމަތް ވާން މަސައްކަތް ކުރުމެވެ. އެ ޕޭޖްގައި ޓޭލާގެ ވަރަށް ގިނަ ފޮޓޯތަކާއި ވީޑިއޯތައް ވެސް އެބަ ހުއްޓެވެ.
"ދަރިފުޅު ފެނުނީމަ ބައެއް މީހުން ބުނެލާ އެއްޗެހިން ވަރަށް ހިތްދަތި ވެސްވޭ ބައެއް ފަހަރު. ބައެއް މީހުން އަހާލާނެ ދަރިފުޅު ކަރަންޓްގައި ޖެހުނީ ހެއްޔޭ ވެސް،" ކާރާ ބުންޏެވެ. "ދަރިފުޅުގެ އިސްތަށިގަނޑު އެހެން ހުއްޓަސް އަހަންނާއި ފިރިމީހާ އަށް ވަރަށް ރީތި."