އެލްޖީއޭގެ ރައީސްގެ މަގާމަށް މިނިސްޓަރު ޒުހޫރު އިންތިހާބުކޮށްފި
އެލްޖީއޭގެ ރައީސްގެ މަގާމަށް މިނިސްޓަރު ޒުހޫރު އިންތިހާބުކޮށްފި

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑުގެ ރައީސްގެ މަގާމަށް ހޯމް މިނިސްޓަރު އަހުމަދު ޒުހޫރު މިއަދު އިންތިހާބުކޮށްފި އެވެ.

އޭނާ މި މަގާމަށް އިންތިހާބުުކުރެއްވީ އެލްޖީއޭގެ ބޯޑުން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި ހަތް މެމްބަރުންގެ ތެރެއިން ހަ މެމްބަރުންގެ ވޯޓުންނެވެ. ޖުމްލަ ނުވަ މެމްބަރުން ހިމެނިވަޑައިގަންނަވާ މި ބޯޑުގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވީ ވެސް އޭނާ އެކަންޏެވެ.

ޒުހޫރަކީ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވުމަށްޓަކައި، ރައީސް އަބްދުﷲ ޔާމީން އެލްޖީއޭގެ ބޯޑަށް އައްޔަންކުރައްވާފައިވާ ވަޒީރުންގެ މަޖިލީހުގެ މެމްބަރެވެ.

އޭނާ އެލްޖީއޭގެ ބޯޑަށް އައްޔަންކުރެއްވީ މިދިޔަ މަހުގެ 29 ވަނަ ދުވަހެވެ. އެއީ ކުރިން އެލްޖީއޭ ބޯޑުގެ ރައީސްގެ މަގާމުގައި ހުންނެވި ހޯމް މިނިސްޓަރު އުމަރު ނަސީރު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.