އާލިއާ ބަޓް ފިލްމް ކުޅޭ އަގު ބޮޑުކުރަނީ
އާލިއާ ބަޓް ފިލްމް ކުޅޭ އަގު ބޮޑުކުރަނީ

ބޮލީވުޑްގެ ޒުވާން ބަތަލާ އާލިއާ ބަޓްގެ އެންމެ ފަހުގެ ފިލްމް "ރާޒީ" ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ އިރު، އޭނާ ފިލްމް ކުޅެދޭ އަގު ބޮޑުކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އާލިއާގެ ހަ އަހަރުވީ ކެރިއަރުގައި މިހާތަނަށް ކުޅުނު ފިލްމްތަކުގެ ތެރެއިން ފްލޮޕްވީ އެންމެ ފިލްމެކެވެ. އެއީ ޝާހިދު ކަޕޫރާ އެކު 2015 ގައި ކުޅުނު ވިކާސް ބާލްގެ "ޝާންދާރް" އެވެ. އާލިއާގެ އެ ނޫން ހުރިހާ ފިލްމްތަކަކީ ހިޓް ފިލްމްތަކެވެ.

އޭގެ ތެރޭގައި 100 ކްރޯޑް ކުލަބުން ޖާގަ ހޯދާފައިވާ ފިލްމްތައް ވެސް ހިމެނެ އެވެ. އެއީ 2 ސްޓޭޓްސް (2014) އާއި ބަދްރީނާތު ކީ ދުލްހަނިޔާ (2017) އެވެ.

މެގްނާ ގުލްޒާރު ޑައިރެޓްކޮށްފައިވާ ޖާސޫސީ ތުރިލާ "ރާޒީ" ބޮކްސް އޮފީހުގައި މިހާރު ކުރަމުން އަންނަ ވިޔަފާރި އަށް ބަލާ އިރު، ކުރިއަށް އޮތް ހަފުތާ ތެރޭގައި އިންޑިއާގައި ދައްކައިގެން ލިބޭ އާމްދަނީ 100 ކްރޯޑަށް އެރުމުގެ ފުރުސަތު ބޮޑެވެ. ފިލްމް ކްރިޓިކް ތަރަން އަދާޝްގެ ހިސާބުތައް ދައްކާ ގޮތުން އެ ފިލްމަށް އިންޑިއާ އިން މިހާތަނަށް ލިބުނު އާމްދަނީ މިހާރު ވަނީ 90 ކްރޯޑާ ގާތްކޮށްފަ އެވެ.

އިންޑިއާ އާއި އިންޑިިއާ އިން ބޭރުގެ މާކެޓްތައް އެއްކޮށްލައިގެން ބަލާ އިރު އާލިއާގެ މޮޅު އެކްޓިން ފެނިގެންދާ "ރާޒީ" އަށް ވަނީ 128 ކްރޯޑަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ.

ބޮލީވުޑްގެ ބަތަލާއިންނަށް ބަލާއިރު މިހާރު އެންމެ ބޮޑު އަގަކަށް ފިލްމް ކުޅެދެނީ ދީޕިކާ ޕަދްކޯނެވެ. އޭނާ އެންމެ ފަހުން ކުޅުނު "ޕަދްމާވަތު" ކުޅުނީ 13 ކްރޯޑް ރުޕީސްއަށެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ އަދަދާ ގާތްކުރާ ވަރުގެ އަގެއް ނުނެގިޔަސް އާލިއާ ފިލްމް ކުޅެދޭ އަގު ކުރިއަށް ވުރެ ދެން ބޮޑު ވާނެ އެވެ. އޭނާ މިހާރު ފިލްމެއް ކުޅެދެނީ 4-5 ކްރޯޑާ ދެމެދު އަގެއްގަ އެވެ.

ބަތަލާއިންނަށް ބަލާއިރު ބޮލީވުޑްގައި އެންމެ ބޮޑު އަގެއް ލިބޭ ތަރިންގެ ތެރޭގައި ކަންގަނާ ރަނާވަތު، ކެޓްރީނާ ކެއިފް، އަނުޝްކާ ޝަރްމާ، ޝްރަދާ ކަޕޫރް، ކަރީނާ ކަޕޫރް އަދި ވިދިޔާ ބާލަން ފަދަ ތަރިން ހިމެނެ އެވެ.

އާލިއާގެ އަގު މައްޗަށް ޖައްސައިލާ އިރު، ކުރިއަށް ވެސް އޭނާގެ ވަރަށް ފާހަގަކޮށްލެވޭ ބޮޑު ބަޖެޓް އަދި ވަރަށް އުންމީދީ ފިލްމްތަކެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި "ބްރައްމަސްތުރާ"، "ކަލަންކް" އަދި "ގަލީ ބޯއި" ހިމެނެ އެވެ.

އުމުރުން މިހާރު 25 އަހަރުގެ އާލިއާ ބޮލީވުޑަށް ނުކުތީ 2012 ގެ "ސްޓޫޑަންޓް އޮފް ދި އިޔާ" އިންނެވެ.

ބޮލީވުޑްގެ ޒުވާން އެކްޓަރުންގެ ތެރެއިން މިހާރު އެންމެ ކާމިޔާބު އަދި އާލިއާ އެކު ފިލްމް ކުޅެން ފެށި އެކްޓަރު ވަރުން ދަވަން ވެސް ވަނީ މިދިޔަ އަހަރު ފިލްމް ކުޅެދޭ އަގު ބޮޑުކޮށްފަ އެވެ. އެގޮތުން 5 ކްރޯޑުން 8 ކްރޯޑަށް ވަނީ އަގު ބޮޑުކޮށްފަ އެވެ.