24 މެއި 2018 - 08:29

ދަރަނިތައް އަދާކުރުމަށް މަޖުބޫރުކުރުމުގެ ގޮތުން، ޗައިނާގެ ސިޓީއެއްގައި ދަރަނިވެރިންގެ ފޮޓޯ އާއި ނަން ސިނަމާތަކުގައި ދައްކަން ނިންމައިފި އެވެ.
"ރީލް އޮފް ޝޭމް" ގެ ނަމުގައި ޗައިނާގެ ހެޖިޔަންޖަންގް ގައި މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ކޯޓު އަމުރަށެވެ. މިއީ ދަރަނި އަދާނުކޮށް އުޅޭ މީހުންގެ މައްސަލަ ވަރަށް ބޮޑުވެ އެކަމަށް ހައްލެއް ހޯދޭތޯ ކުރަން ފެށި ކަމެކެވެ.
މި ޕްރޮގްރާމްގައި، ސިނަމާ ހޯލްތަކުގައި ފިލްމުތައް ފެށުމުގެ ކުރިން، ދަރަނިވެރިންގެ ނަންތަކާ އެކު އެނިމޭޝަނެއް ދައްކާނެ އެވެ. އަދި އެ މީހުންގެ ވަނަވަރާ އެކު، އެއީ ދަރަނިވެރިންކަމަށް ބުނެ "ލަދުގަންނަވާނެ" އެވެ.
ޕީޕަލްސް ކޯޓް އޮފް ހެޖިޔަންގް އިން ވަނީ މީގެ ވީޑިއޯއެއް ސިނަމާއެއްގައި ދައްކާ މަންޒަރު އާންމުކޮށްފަ އެވެ.
ޑެއިލީ މެއިލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހެޖިޔަންގްގެ ސިނަމާއެއްގައި އެއް ދުވަހު 26 ދަރަނިވެރިއެއްގެ ވީޑިއޯ ވަނީ ދައްކައިފަ އެވެ. އެތަނުގައި ކޮންމެ ދުވަހަކު ތިރީހަކަށް ސްކްރީނިން ހަދާއިރު ކޮންމެ ފަހަރަކު މި އެންމެންގެ ވަނަވަރު ދައްކަ އެވެ.
މީގެ އިތުރުން، ދަރަނިވެރިންގެ ފޮޓޯ އާއި ވަނަވަރު، ބަސްތަކާއި އިލެކްޓްރޯނިކް ސްކްރީންތަކުގައި ވެސް ދައްކަން ވަނީ ނިންމައިފަ އެވެ.