24 މެއި 2018 - 08:32

މިއީ 10 އަހަރުގެ ގެ ފްރެޑް އެވެ. އިނގިރޭސިވިލާތުގެ މައުންޓްފިޗެޓް ކާސަލްގައި އުޅޭ ކުއްތާއެކެވެ. ފްރެޑްގެ ދިރިއުޅުން ކުރިން އެހާ އުފާވެރިއެއް ނޫނެވެ. އެކަނި އުޅެން ޖެހޭތީ އެވެ. އޭގެ ބައިވެރިއެއް ނެތެވެ. އެކަމަކު ކުއްލިއަކަށް އާއިލާއެއް ލިބިއްޖެ އެވެ. ލޯބިލޯބި ޅަ ނުވަ އަސްދޫންޏެވެ.
މި އަސްދޫނިތަކުގެ މަންމަ، މިދިޔަ ބުރާސްފަތި ދުވަހު ގެއްލުނީ އެވެ. އެހެންވެ އަސްދޫނިތަކުގެ "ބެލެނިވެރިޔަކީ" މިހާރު ފްރެޑް އެވެ.
ފްރެޑާ އެކު ހުރިހާ އަސްދޫނިތައް ވަރަށް އުފަލުގައި ކުޅެ މަޖާކޮށް އަންނަނީ އުޅެމުނެނެވެ. އަދި ފްރެޑާ އެކު ފެންވަރަން ބިލިގީ އަށް ތެރެއަށް ވެސް އަސްދޫނިތައް އެރެ އެވެ. ނިދަނީ ފްރެޑް ކައިރީގަ އެވެ. އެއްބައި ބަނޑުދަށުގަ އެވެ. އަނެއް ބައި ބުރަކަށިމަތީގަ އެވެ.
ސަކަރާތް ޖެހުމުގެ ތެރޭގައި ފްރެޑްގެ ބޯ މައްޗަށް ވެސް އަރައި މަޖާ ނަގަ އެވެ. އަދި ފްރެޑް ފަސްފަހަތުން ދާހާ ތަނަކަށް މި ޅަ އަސްދޫނިތައް ފޫބުނޑުގައި ތިބެގެން ދެ އެވެ. ގުޅުން ވަރަށް ބަދައްސެވެ. އަސްދޫނިތަކެއް ފްރެޑް އެހާ ލޯބިވާ އިރު، އެ އެއްޗެހިތައް ވެސް އުޅެނީ ހަމަ އެހާ ވަރުންނެވެ.
މި އަސްދޫނިތައް "އެޑަޓްޕްޓްކޮށްގެން" ބައްޕައެއްގެ ލޯބި ދީގެން އުޅޭ އިރު، މި މަންޒަރު ދައްކުވައިދޭ ވީޑިއޯތަކާއި ފޮޓޯތައް މިހާރު ވައިރަލްވެފައިވެ އެވެ. ކުއްތާއަކާއި އަސްދޫނިތަކަކާ ދެމެދު އުފެދުނު ވަރުގަދަ ގުޅުމާއި އަޅާލުންތެރިކަމާ އެކު ގިނަ މީހުން މިހާރު ބުނަނީ "ލޯތްބަކީ މިއީ" ކަމަށެވެ.
ފްރެޑްގެ ވެރިމީހާ އަދި މައުންޓްފިޗެޓް ކާސަލްގެ ޑިރެކްޓަރު ޖެރެމީ ގޯލްޑްސްމިތު ވެސް ބުނި ގޮތުގައި ކުއްތާއަކާއި އަސްދޫނިތަކެއްގެ އުފެދުނު ލޯބިން އޭނާގެ ހިތް ވެސް ވަނީ ފުރިފަ އެވެ. އަދި މިއީ ބަލައި ފޫހި ނުވާ ކަހަލަ މަންޒަރެއް ކަމަށް ބުންޏެވެ.
"މަންމަ އަސްދޫނިތަކަށް ވީނުވިއެއް ނޭނިގެން ޅަ އަސްދޫނިތައް ވިއްސިވިހާލިވެގެން އުޅެނިކޮށް ފްރެޑް އެ އެއްޗެހި އެޑަޕްޓް ކުރީ. އެއީ މިހާރުގެ ފްރެޑްގެ ދަރިން. ވަރަށް ލޯބިން އަދި އެހާ އުފަލުން މިހާރު ފްރެޑް އޮންނަނީ،" ބީބީސީ އަށް ޖެރެމީ ބުންޏެވެ. "އަހަރެމެންނަށް ބެލެވޭ ގޮތުން ހިޔަޅަކު ވަނީ މަންމަ އަސްދޫނި ކާލާފައި."
އޭނާ ކިޔައި ދިން ގޮތުގައި މީގެ ކުރިން ފްރެޑް ވަނީ ޒަހަމްވެފައި އޮތް މުގޮށިމީދަލެއް ވެސް ވަރަށް ލޯބިން ގެންގުޅެފަ އެވެ.