އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ އިސްތިއުނާފް ހައި ކޯޓުން ބަލައިގެންފި
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ އިސްތިއުނާފް ހައި ކޯޓުން ބަލައިގެންފި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ޖަލަށް ލާން ކުރި ހުކުމުގެ އިސްތިއުނާފު މައްސަލަ ހައި ކޯޓުން ބަލައިގެންފި އެވެ.

ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރާ ގުޅިގެން، އެ މަހުގެ 5 ވަނަ ދުވަހު ހައްޔަރުކުރި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ކުށް ސާބިތުވެ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ވަނީ އިއްވައިފަ އެވެ. އަދި މިދިޔަ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުގައި ޖެމްސް ސިސްޓަމް ނިއްވާލަން އެންގެވި މައްސަލައިގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ވަނީ އިތުރު ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވެސް ކޮށްފަ އެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގައި އުއްތަމަ ފަނޑިޔާރަކާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މައްޗަށް ކުށް ސާބިތުވި މައްސަަލަ އިސްތިއުނާފް ކުރަން އެ ދެ ބޭފުޅުންގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލަތައް ހައި ކޯޓުން މިހާރު ބަލައިގަނެ، ރަޖިސްޓްރީ ކޮށްފައިވާ ކަން އެ ބޭފުޅުންގެ ވަކީލުން ކަށަވަރުކޮށް ދެއްވި އެވެ.

ފަނޑިޔާރުންގެ ގާނޫނު މިހާރު އޮންނަ ގޮތުން ފަނޑިޔާރެއްގެ މައްޗަށް ކުށެއް ސާބިތުވާ މައްސަލައެއް އިސްތިއުނާފަށް ހުށަހަޅައިފި ނަމަ އެ މައްސަލައެއް 30 ދުވަސް ތެރޭގައި ހައި ކޯޓުން ނިންމަން ޖެހޭނެ އެވެ. އަދި އެ މައްސަލައެއްގެ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމޭ އިރު، އެ ފަނޑިޔާރެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައިފި ނަމަ، އެ ފަނޑިޔާރަކު މަގާމުން ވަކިވާނެ އެވެ.

އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ޖަލު ހުކުމެއް އައިސްފައިވާ އިރު، ރިޝްވަތު ހިފުމުގެ ދައުވާއަކާއި ޓެރަރިޒަމްގެ ދައުވާއެއްގެ އިތުރުން އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއެއް ވެސް ދައުލަތުން އެ ދެ ބޭފުޅުންގެ މައްޗަށް ކުރެ އެވެ. ޓެރަރިޒަމްގެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.