2 ކިލޯ އަށް ވުރެ ގިނަ ހެރޮއިންއާއެކު ލަންކާއިން ދިވެއްސަކު ހައްޔަރުކޮށްފި
2 ކިލޯ އަށް ވުރެ ގިނަ ހެރޮއިންއާއެކު ލަންކާއިން ދިވެއްސަކު ހައްޔަރުކޮށްފި

ދެ ކިލޯ އަށް ވުރެ ގިނަ ހެރޮއިންއާ އެކު ސްރީ ލަންކާގައި ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ލަންކާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި، 2.39 ކިލޯގެ ހެރޮއިންއާ އެކު އެ މީހާ ހައްޔަރުކުރީ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެ މީހާއާ ގުޅޭ އިތުރު މައުލޫމާތެއް ހާމަ ކޮށްފައެއް ނުވެ އެވެ.

ފުލުހުންނާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި އެ މީހާގެ އަތުން އަތުލައިގަތް ހެރޮއިންގެ އަގު 24 މިލިއަން ރުޕީސް (ތިން ލައްކަ އަށް ވުރެ ގިނަ ޑޮލަރު) އަށް އަރާނެ އެވެ. ފާއިތުވި ދެ އަހަރުގެ ތެރޭގައި 15 ފަހަރު އޭނާ ލަންކާ އަށް ގޮސްފައިވާ ކަމަށް ވެސް ބުނެފައި ވެ އެވެ.

ހައްޔަރުކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމަން މިނުވަންގޮޑަ ކޯޓަށް ގެންދަން ވަނީ ނިންމައިފަ އެވެ.

ގިނަ އަދަދެއްގެ ޕާޓީ ޑްރަގްސްއާ އެކު ވެސް މިދިޔަ ހަފުތާގައި ވެސް ދެ ދިވެއްސަކު ލަންކާ އިން ހައްޔަރުކޮށްފައިވެ އެވެ. އެ މީހުންގެ އަތުން ފެނުނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށް ވާ އެކްސްޓަސީގެ 1,925 ގުޅަ އެވެ. އެ ތަކެތީގެ އަގު ނުވަ ލައްކަ ރުފިޔާ އަށް ވުރެ ބޮޑެވެ.