23 މެއި 2018 - 11:52

ގާޒާ (މެއި 23) - ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގާ ޖަރީމާތައް ތަހުގީގު ކޮށްދިނުމަށް އެދި ފަލަސްތީނުން ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓް (އައިސީސީ) އަށް ހުށަހަޅައިފި އެވެ.
ފަލަސްތީނުގެ ޚާރިޖީ ވަޒީރު ރިޔާޒް އަލް މާލިކީ އިއްޔެ ވަނީ ދަ ހޭގުގައި ހުންނަ ބައިނަލްއަގުވާމީ ކޯޓަށް ވަޑައިގެން ޕްރޮސެކިއުޓާ ފަތުއޫ ބެންސޫދާއާ ބައްދަލު ކުރައްވައިފަ އެވެ.
"އިޒްރޭލުގެ އުދުވާނާ ދެކޮޅަށް ފަލަސްތީން މީހުންނަށް އިންސާފު ހޯދައިދިނުމުގައި މިއީ މުހިންމު ފިޔަވަޅެއް،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މާލިކީ ވިދާޅުވި އެވެ.
ފަލަސްތީނުން އައިސީސީ އަށް ހުށަހެޅި ކަންތައްތަކުގެ ތެރޭގައި އިޒްރޭލުން ޔަހޫދީ އާބާދީތައް އިތުރު ކުރުމާއި ފަލަސްތީނުގެ ބިންތައް ފޭރިގަތުމާއި ފަލަސްތީނުގެ މުއްސަނދިކަން ގަދަ ބާރުން ބޭނުން ކުރުން އަދި ފަލަސްތީނުގެ ރައްޔިތުންނަށް ޖިސްމާނީ ގޮތުން ދޭ އަނިޔާތައް ހިމެނެ އެވެ.
އިޒްރޭލުގެ މައްސަލަ އައިސީސީ އަށް ހުށަހެޅި އިރު ގާޒާގައި މި މަހު 14 ވަނަ ދުވަހު އިޒްރޭލް ސިފައިން ވަނީ ފަލަސްތީނު މީހުން ގަޔަށް ބަޑިޖަހައި 62 މީހުން ޝަހީދުކޮށްލައިފަ އެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ސިފަކޮށްފައިވާ ގޮތުގައި އެއީ އިޒްރޭލުން ހިންގި ބޮޑު ގަތުލް އާއްމެކެވެ.
ފަލަސްތީނުން ހުށަހެޅި މައްސަލަ އަށް އިޝާރާތްކޮށް އިޒްރޭލުގެ ފޮރިން މިނިސްޓްރީން ބުނެފައި ވަނީ އެއީ ސައްހަ ހުށަހެޅުމެއް ނޫން ކަމަށެވެ.
"ސަބަބަކީ އިޒްރޭލަކީ އައިސީސީގެ މެންބަރެއް ނޫން. ފަލަސްތީނަކީ ދައުލަތެއް ނޫން،" އިޒްރޭލުގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.