"މެން އިން ބްލެކް" އިން ލިއަމް ނީޒަން ފެނިދާނެ
"މެން އިން ބްލެކް" އިން ލިއަމް ނީޒަން ފެނިދާނެ

މިދިޔަ އަހަރު ރިލީޒް ކުރި "ފާސްޓް އެންޑް ފިއުރިއަސް 8" ގެ ޑައިރެކްޓަރު އެފް ގެރީ ގްރޭ ޑައިރެކްޓް ކުރާ "މެން އިން ބްލެކް" ގެ އާ ފިލްމަށް، މަޝްހޫރު އެކްޓަރު ލިއަމް ނީސަން ގެންނަން ވާހަކަ ދައްކަން ފަށައިފި އެވެ.

ވިލް ސުމިތާއި ޓޮމީ ލީ ޖޯންސް މުހިއްމު ރޯލަތަކުން ފެނިގެން ދިޔަ "މެން އިން ބްލެކް" ގެ ތިން ފިލްމެއް މިހާތަނަށް ގެނެސް ދީފައިވާ އިރު، މި ފަހަރު ސްޕިންއޮފެއްގެ ގޮތުގައި ގެނެސްދޭ ފިލްމްގެ ކާސްޓަށް ކުރިން ވަނީ ކްރިސް ހެމްސްވޯތު އާއި ޓެސާ ތޮމްޕްސަން ސޮއިކޮށްފަ އެވެ.

މި ފިލްމްގައި ނީޒަން ފެނިގެން ދާނީ އޮރިޖިނަލް ރިޕް ޓޯން ކުޅުނު ކަހަލަ ކެރެކްޓާއަކުން ކަމަށްވެ އެވެ. "ޓޭކެން" އާއި ދާދި ފަހުން ރިލީޒް ކުރި "ދަ ކޮމިއުޓާ" ގެ އެކްޓަރު ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ ނޮވެމްބަރު މަހުގެ 14 ގައި ރިލީޒް ކުރާ "ވިޑޯސް" އިންނެވެ.

"މެން އިން ބްލެކް" ގެ ސްކްރީންޕްލޭ ލިޔަނީ މެޓް ހެލޮވޭ އާއި އާޓް މާކަމް އެވެ. އަދި ފިލްމް ސިނަމާތަކަށް ގެންނަން ނިންމާފައި ވަނި އަންނަ އަހަރުގެ ޖޫން 14 ގަ އެވެ.

"މެން އިން ބްލެކް" ގެ އެކްޒެކެޓިވް ޕްރޮޑިއުސަރުންގެ ތެރޭގައި ސްޓީވެން ސްޕީލްބާގް ވެސް ހިމެނެ އެވެ.

ބެރީ ސޮނަފީލްޑް ޑައިރެކްޓްކޮށް ގެނެސް ދިން "މެން އިން ބްލެކް" ގެ ފުރަތަމަ ފިލްމް ސިނަމާތަކަށް އައީ 1997 ގަ އެވެ. ދެވަނަ ފިލްމް 2002 ގައި ރިލީޒް ކުރި އިރު ތިން ވަނަ ފިލްމް ގެނެސް ދިނީ 2012 ގަ އެވެ.