23 މެއި 2018 - 11:23

ވޮޝިންޓަން (މެއި 23) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންއާ އެކު އަންނަ މަހު ބާއްވަން ޕްލޭންކުރި ސަމިޓް އެ ތާރީޚުގައި ނުބޭއްވޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް ވިދާޅުވީ ސަމިޓުގެ ކުރިން ނޯތު ކޮރެއާ އިން ވެސް ކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށާއި އެކަންތައްތައް ނުކޮށްފި ނަމަ ސަމިޓް ފަސްވާނެ ކަމަށެވެ. އެކަމަކު ސަމިޓާ ގުޅޭ ގޮތުން އެމެރިކާ އިން ކުރިމަތިކުރާ ޝަރުތުތައް ޓްރަމްޕް ވިދާޅެއް ނުވެ އެވެ.
ޓްރަމްޕް މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ ސައުތު ކޮރެއާގެ ރައީސް މޫން ޖައި-އިންއާ އެކު ވައިޓް ހައުސްގައި ބައްދަލު ކުރެއްވުމަށް ފަހު އެވެ.
ނިއުކްލިއާ ހަތިޔާރު ނައްތާލަން އެމެރިކާ އިން ބިރު ދައްކާ ނަމަ ސަމިޓް ކެންސަލް ކުރަން ޖެހިދާނެ ކަމަށް ނޯތު ކޮރެއާ އިން ބުނެފައިވެ އެވެ.
ޓްރަމްޕާއި ކިމްގެ ސަމިޓް ބޭއްވުމަށް ނިންމާފައި ވަނީ އަންނަ މަހު 12 ވަނަ ދުވަހު ސިންގަޕޫރުގަ އެވެ.
"ސަމިޓުގެ ކުރިން ކުރަން ޖެހޭ ބައެއް ކަންކަން އެބަހުރި. އެކަންކަން ނޯތު ކޮރެއާ އިން ނުކޮށްފި ނަމަ ސަމިޓް ފަސްވާނެ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.
ސަމިޓާ މެދު ނޯތު ކޮރެއާ އިން އެންމެ ފުރަތަމަ ސުވާލު އުފެއްދީ އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޯން ބޯލްޓަން ދެއްވި ބަޔާނުންނެވެ. އޭނާ ވިދާޅުވެފައި ވަނީ ނޯތު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ނައްތާލަން ބޭނުން ވަނީ ލީބިއާގެ މޮޑެލް އަށް ކަމަށެވެ. ބޯލްޓަން އެ އިޝާރާތް ކުރެއްވީ ލީބިއާ އިން 2003 ވަނަ އަހަރު ނިއުކްލިއާ ހަތިޔާރު ނައްތާލާފައި ވަނިކޮށް، ފަހުން ހުޅަނގުގެ މަދަދު ލިބޭ ހަނގުރާމަވެރިން ލީބިއާ އަށް އަތްގަދަކޮށް އެންމެ ފަހުން އެ ގައުމުގެ ލީޑަރު މުއައްމަރުލް ގައްޒާފީ އަވަހާރަކޮށްލުމަށެވެ.
އެކަމަކު ޓްރަމްޕް ފަހުން ވަނީ ނޯތު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ނައްތާލުމުގައި "ލީބިއާ މޮޑެލް" ފޮލޯ ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.