28 ޖުލައި 2016 - 07:05

އިނގިރޭސި ޝާހީ އާއިލާގެ ބޭފުޅުންގެ ތެރެއިން ޑަޗަސް އޮފް ކެމްބްރިޖް ކޭޓް މިޑްލްޓަން އެއްބަޔަކު ސިފަކުރަނީ ކޭޓްގެ މައިދައިތަ ލޭޑީ ޑަޔާނާ ފަދަ ހިތްހެޔޮ މީހުންނާ ގުޅޭ ބޭފުޅެއްގެ ގޮތުގަ އެވެ. ޚާއްސަކޮށް ކޭޓް އާއި އެކަމަނާގެ ފިރިކަލުންގެ ކޮއްކޮ ޕްރިންސް ހެރީގެ އޮންނަނީ ވަރަށް ޚާއްސަ އެހާމެ ވަރުގަދަ ގުޅުމެކެވެ. ޕްރިންސް ހެރީއަށް ކޭޓަކީ އެއްބަނޑު އެއްބަފާ ދައްތައެއް ފަދަ އެވެ.

އިނގިރޭސި ރާނީގެ 90 ވަނަ އުފަން ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކޭޓްގެ ކަންފަތްދޮށުގައި ސިއްރުން ކޮންމެވެސް އެއްޗެކޭ ވިދާޅުވުމާއި އެހެން ރަސްމިއްޔާތެއްގައި ކޭޓް އަރައިގެން ހުންނެވި ހީލްސް ބިންމަތީގައި ތަތްވެދާނެކަމަށް ވިދާޅުވެ ހެރީ ޖެހި ޖޯކަކީ މި ދެ މެދުގައި އޮތް ގުޅުން ވަރަށް ބޮޑަށް ހާމަވެގެން ދިޔަ ކަމެކެވެ.

އަދިވެސް ގަނޑުވަރުން ބޭއްވި އެހެން ރަސްމިއްޔާތެއްގައި ކޭޓް އަރިހުގައި ހުންނަވައިގެން ހެރީ މަޖާ ވާހަކަ ދައްކަވާތީ ހިނިފުޅުވެޑުވިފައި އިންނެވި އިރު ކައިރީގައި ފިރިކަލުން ޕްރިންސް ވިލިއަމް ސީދާ ކުރިމައްޗަށް ބަލަހައްޓައިގެން އެއްވެސް ތަނެއް ފެނިވަޑައިނުގަންނަވާ ކަމަށް ހައްދަވައިގެން ހުންނެވި އެވެ.

ޑެއިލީ މެއިލްގައި ބުނެފައިވާ ގޮތުން ކޭޓް އާއި ހެރީގެ އޮންނަ ގާތް ގުޅުން އެ ދެ ބޭފުޅުން ބައިވެރިވެވަޑައިގަންނާ ކޮންމެ މުނާސަބަތެއްގައި ނޫސްވެރިންނަށް ވެސް ވަނީ ފެނިފަ އެވެ.

އެއީ ލަންޑަން އޮލިމްޕިކް ކަމަށް ވިޔަސް، ކައިވެނީގެ ރަސްމިއްޔާތުތައް ކަމަށް ވިޔަސް ނުވަތަ ބެލްޖިއަމްގައި 2014 ގައި އޮތް ބޮޑު ހަނގުރާމައިގެ ހަނދާން އާކުރުމުގެ ރަސްމިއްޔާތު ފަދަ ހިތާމަވެރި އިވެންޓްތައް ކަމަށް ވިޔަސް ހެރީ އާއި ކޭޓް އަބަދުވެސް ކައިރިކައިރީގައި ތިބޭތަން ދަނި ފެންނަމުންނެވެ.
ހެރީ އަކީ ކާފަ ފަދައިން މަޖާކޮށް އުޅުއްވާ ބޭފުޅެކެވެ. ބައެއް އާންމު ހަފުލާތަކުގައި ވެސް ހެރީ ވަރަށް މަޖާކޮށް އުޅުއްވަނިކޮށް ނޫސްވެރިންނަށް ވެސް ފެނެ އެވެ. ކޭޓަކީ ވަރަށް އަދަބުވެރި، ޒިންމާދާރު ބޭފުޅެކެވެ. ނަމަވެސް ހެރީ ކުރާ ކަންތައްތަކުން ކޭޓަށް ވެސް ހިނިފުޅުނުވަޑުވާ ނުހުންނެވެ އެވެ. ކޭޓް އާއި ހެރީގެ އޮންނަ ގާތްގުޅުމާއި އެބޭފުޅުންގެ ގާތްކަން އެއްވެސް މީހަކަށް ސިއްރެއް ނުވެ އެވެ.
ހެރީގެ ވަރަށް ގިނަ އަންހެން އެކުވެރިން އެބަތިއްބެވެ. އޭގެ ތެރޭގައި ދެބެންގެ ދެދަރި ޒާރާ، ބީޓްރީސް އަދި ޔޫޖީން ހިމެނެ އެވެ. ނަމަވެސް އެންމެ ގާތްގުޅުމެއް ބާއްވަނީ ކޭޓް އާއެވެ. އޮންލައިން ބައެއް ފޯރަމްތަކުގައި މި ކަންކަމާ ބެހޭ ގޮތުން ވާހަކަ ދައްކާ މީހުން ކޭޓް އާއި ހެރީ އަޅުވާ ވެސް ކިޔަ އެވެ. ނަމަވެސް ޝާހީ އާއިލާގެ ކަންކަން އެނގޭ މީހަކު ބުނެފައިވާ ގޮތުގައި ހެރީ އާއި ކޭޓްގެ އޮންނަނީ އެކަހަލަ ގުޅުމެއް ނޫނެވެ.
ހެރީ އެއްފަހަރަކު ވިދާޅުވެފައި ވަނީ "ކޭޓް އަކީ އަހަރެންގެ ނުއުފަންނަ ދައްތަ" ކަމަށެވެ. މަންމަ ވެސް އަވަހާރަވެފައި ވާތީ ކޭޓްއަކީ މަންމައެއްގެ ގޮތުގައި ވެސް ހެރީ ދެކެ އެވެ.
ވިލިއަމް އާއި ހެރީގެ ބައްޕާފުޅު ޕްރިންސް ޗާލްސް ކެމީލާއާ ކައިވެނި ބައްލަވައިގަތުމުން، ކެމީލާއާ ވެސް މި ދެބެން ގާތް ގުޅުމެއް ބާއްވަ އެވެ. އެކަމަކު ވާހަކަތައް ހިއްސާކޮށް އުޅުއްވާ ވަރަށް ގާތްކަން ނޯންނަ ކަމަށްވެ އެވެ. ކޭޓްގެ ފިރިކަލުން ޕްރިންސް ވިލިއަމް އަކީ ވަރަށް ސީރިއަސް ބޭފުޅެކެވެ. ކޭޓް ބޭނުންފުޅުވާ ތަންތަނަކަށް ވަޑައިގެން މަޖާކޮށް އުޅުއްވުމަކީ ވިލިއަމްގެ މިޒާޖުގައި ހުންނަ ކަމެއް ނޫނެވެ.
ޝާހީ އާއިލާގެ ޚަބަރުތައް އެނގޭ މީހަކު ކިޔައިދީފައިވާ ގޮތުގައި ކޭޓް އާއި ވިލިއަމް އާ އޮންނަ ގުޅުމާއި ކޭޓް އާއި ހެރީ އާ އޮންނަ ގުޅުން ވަރަށް ތަފާތެވެ. ހެރީގެ މަޖާކަމުންނާއި އުޅުއްވާލެއް މިނިވަންކަމުން އަދި ސަކަ މިޒާޖުގެ ސަބަބުން ކޭޓް ހިތްހަމަޖައްސާލަން ހެރީ ވަރެއް ނެތެވެ. ކޭޓް އާއި ވިލިއަމްގެ ތުއްތު ދެބޭފުޅުންނާއެކު ހެރީ ކުޅުއްވައި ވަގުތު ހޭދަކުރައްވަ އެވެ. މިއީ ވެސް ހެރީ ދެކެ ކޭޓް ލޯބިފުޅުވާ ސަބަބެކެވެ.
ކޭޓް އާއި ހެރީގެ ރަހުމަތްތެރިކަމުގެ ގުޅުމަކީ ޒަމާންވީ ގުޅުމެކެވެ. ހެރީގެ ޒުވާން ހަޔާތްޕުޅުގައި ހިނގާފައިވާ ކޮންމެ ހާދިސާއެއް އެނގޭނެ އެއް ބޭފުޅަކަށް ކޭޓް ވާނެ އެވެ.
ކޭޓް އާއި ވިލިއަމް ލޯބީގެ ގޮތުން ގުޅުނީ 2003 ވަނަ އަހަރު އެވެ. އެއީ ޔުނިވަސިޓީ އޮފް ސެންޓް އެންޑްރޫސްގައި ދެބޭފުޅުން ކިޔަވާ ވިދާޅުވާން އުޅުއްވި އިރު އެވެ. ކޭޓް އާއި ވިލިއަމް ރައްޓެހިވިތާ ގިނަ ދުވަސްތަކެއް ނުވެ ކޭޓް އާއި ހެރީ ބައްދަލުވި އެވެ. އޭރު ހެރީ އަކީ ޓީންއޭޖް ކުއްޖެކެވެ.
ކޭޓާ ކިޔަވަން އުޅުނު ބައެއް އެކުވެރިން ބުނާ ގޮތުން ވިލިއަމް އާއި ކޭޓް ރައްޓެހިވުމަށް ފަހު ހެރީ އަށް އަބަދުވެސް ކޭޓް ޚާއްސަ ސަމާލުކަމެއް ދެއްވި އެވެ. ހެރީ ބޭނުންފުޅު ކޮންމެ އިރެއްގައި ކޭޓާ ވާހަކަ ދައްކާ ހެދުމުގެ ފުރުސަތު ދެއްވަ އެވެ.
ކޭޓްގެ މައުލޫމާތު އެނގޭ އެހެން މީހަކު ބުނެފައިވާ ގޮތުގައި ވިލިއަމްއާ އޮތް ގުޅުން އިތުރަށް ބަދަހިކުރައްވަން އުކުޅެއްގެ ގޮތުގައި ވެސް ކޭޓް އެދުވަސްވަރު ހެރީއާ ގުޅުން ބަދަހިކުރެއްވި އެވެ.
ވިލިއަމް އާއި ކޭޓް ކައިވެނި ބައްލަވައިގަތުމުގެ ކުރިން ވެސް ކޭޓް އާއި ހެރީ އަކީ އެކަކުގެ ސިއްރުތައް އެނގޭ ދެ އެކުވެރިންނެވެ. އަދި ކައިވެންޏަށް ފަހު މި ގުޅުން ކުރިއަށް ވުރެ ވެސް މާ ބޮޑަށް ބަދަހިވެގެން ދިޔަ އެވެ.
ހެރީގެ ލޯބިވެރިންނާ ވެސް ކޭޓް ގުޅުން ބާއްވަ އެވެ. އަދި ހަމައެއާ އެކު އެ ކުދިންނާ ބެހޭގޮތުން ކޭޓް އަށް ފެނިވަޑައިގަންނަވާ އެއްޗެއް ވިދާޅުވެ އެވެ.
ގަނޑުވަރުގައި މި ބޭފުޅުންގެ މަސައްކަތްތަކުގައި އުޅޭ މީހަކު ބުނި ގޮތުގައި ރާނީ ފަދައިން ކޭޓް ވެސް ހެރީ އަށް ކައިވެނި ކުރާނެ އަންހެންކުއްޖަކާ ބެހޭ ގޮތުން ޚިޔާލެއް ނުދެ އެވެ. ހަމައެކަނި އެއިރަކު ހެރީ ގޮވައިގެން އުޅޭ ކުއްޖަކާ ބެހޭ ގޮތުން ކުރަނީ ސުވާލެވެ.
ހެރީގެ ކުރީގެ ލޯބިވެރިންގެ ތެރޭގައި ހިމެނޭ ޗެލްސީ ޑެވީ އާއި ކްރެސިޑާ ބޯނަސް ފަދަ އަންހެންކުދިންނަކީ ޝާހީ އާއިލާއަށް ފިޓްވާ ބަޔެއް ނޫންކަން ކޭޓް އަށް މާކުރިއްސުރެ ވެސް އެނގެ އެވެ.
ބުނެވޭ ގޮތުގައި ކެމީލާ އާއި ކޭޓް ވެސް މިހާރު ގެންދަވަނީ ހެރީ ކައިވެނިކުރާނެ ރަނގަޅު މީހަކު ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ހެރީގެ އަންބަކަށް ހޮވޭ ކެންޑިޑޭޓެއްގެ ހުންނަން ޖެހޭ ސިފަތަކުގެ ތެރޭގައި އެތުލީޓަކަށް ވުމާއި ޖަނަވާރަށް ލޯބިކުރުން، ވަރަށް ހިތްވަރުގަދަ މީހަކަށް ވުން، މާ މަތީ ފާހެއް ނެތަސް ފުދޭވަރަކަށް ތައުލީމު ހާސިލުކޮށްފައިވުން، މާ އަނގަ ގަދަ މީހަކަށް ނުވުން އަދި މަޖާ މިޒާޖެއްގެ މީހަކަށް ވުން މުހިންމެވެ. އަދި ދަތުރު ކުރުމަށް ލޯބިކުރާ ސިއްހީ އެއްވެސް މައްސަލައެއް ނެތުން ވެސް މުހިންމު ކަމަށް، މިކަމާ ބެހޭ ވާހަކަތައް މީޑިއާ އަށް ތިލަކުރާ މީހުން ބުނެ އެވެ.
ޝާހީ އާއިލާއަށް މަސައްކަތްކޮށްދޭ މީހަކު ބުނި ގޮތުގައި މި ދުވަސްކޮޅަށް ބަލާއިރު ހެންރީ ހުސްހަށިބަޔަށް ހުރުން ކޭޓް އާއި ވިލިއަމް އަދި ހެރީއަށް މާ ބޮލަށް ފަސޭހަވެފައި ހިތްހަމަޖެހެ އެވެ. މިހާރު މި ތިން ބޭފުޅުންގެ ތެރެއިން އިސް ބޭފުޅަކަށް ހުންނަނީ ކޭޓް އެވެ. އަނެއް ދެބޭފުޅުން ކަންތައް ކުރައްވަނީ ކޭޓް ވިދާޅުވާ ގޮތަކަށެވެ. އެހެންކަމުން މި ތިން ބޭފުޅުންގެ ތެރެއަށް "ނުދަންނަ މީހަކު" އައުމުން މިބޭފުޅުންގެ ބަދަހި ގުޅުމަށް މައްސަލަތައް ކުރިމަތިވާނެކަމަށް ބެލެވެ އެވެ.
ދެން އޮތީ ގަނޑުވަރު ތެރޭގައި އޮންނަ މައްސަލަތެކެވެ. މި ކަންތައްގަނޑުގައި ވެސް ކޭޓް އާއި ހެރީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް މަދަދުވެރިވެ އެވެ. ކޭޓް އަކީ ހެރީގެ ފޭން އެކެވެ. ކޭޓްގެ ނަޒަރުގައި ހެރީ އެއްވެސް ކަމެއް ގޯސްކޮށެއް ނުކުރައްވާނެ އެވެ. ބައެއް ފަހަރަށް މިގޮތަށް ހެރީ ހިމާޔަތްކުރަން ހަދައިގެން ކޭޓް ވެސް ހޫނުފެނަށް ވެއްޓެ އެވެ.