ޑްރޯންގައި 100 މީޓަރު އަޑިއަށް
ޑްރޯންގައި 100 މީޓަރު އަޑިއަށް

ކަނޑުއަޑީގެ މަންޒަރުތައް އަހަރެމެން ދިވެހިންނަށް އަލެއް ނޫނެވެ. އެކަމަކު އެއްގަމުގައި ހުރެ ކަނޑުއަޑި ބަލައިލެވޭނެ ގޮތެއްވެއްޖެ ނަމަ ހިތްގައިމުކަން އިތުރުވެސް ވެދާނެއެވެ.

"އެކުއާރޮބޮޓްމޭން ނީމޯ" އަކީ ކަނޑުއަޑީގެ މަންޒަރުތައް ނަގައިދޭ ޑްރޯންއެކެވެ.

މިއީ 100 މީޓަރު އަޑިއަށް ފީނުމުގެ ގާބިލުކަން ލިބިފައިވައި، ހައި ޑެފިނީޝަން ފެންވަރުގައި މޮޅު، ސާފު ވީޑިޔޯ ރިކޯޑުކޮށްދޭ ޑިވައިސް އެކެވެ. މިއީ މަސްމަހާމެހީގެ މާހައުލަށް ފަރިތަ، އަދި އެސޮރުމެން ވެސް ޖެހިލުންނުވާ ސިފައަކަށް ފަރުމާކޮށްފައިވާ ޑްރޯންއެކެވެ.

މި ޑްރޯންއަކީ ވާޖަހާފައި ކަނޑުއަޑިއަށް ދޫކޮށްލާ އެއްޗެކެވެ. އިތުރު މަސައްކަތަކާ ނުލައި މިޑްރޯން ކަނޑުއަޑީގައި ފަތަމުންދާނީ ސީދަލަށެވެ. ނީމޯއަށް ފެންނަ މަންޒަރުތައް އެއްގަމުގައި ހުރެ ބަލައިލަން ބޭނުން ނަމަ ވާޗުއަލް ރިއަލިޓީ ގޮގްލްއެއްގެ އެހީގައި ބަލައިލެވޭނެއެވެ.

މިއަށް ލައްވާ ބެޓެރީއަކީ ފަސޭހައިން ބަދަލުކުރެވޭ ބެޓެރީއަކަށްވާތީ އިތުރު ބެޓެރީ ހިފައިގެން ގޮސް، ބޭނުން އިރަކު ނީމޯ ޑްރޯން ދުއްވަންވީއެވެ. ނަގާ މަންޒަރުތައް ފޯނަށް ރައްކާކުރުމަށް ފަހު މީސްމީޑިއާ ގައި ހިއްސާކުރެވޭނެއެވެ.