23 މެއި 2018 - 10:30

ބީނޯސް އޭރީޒް، އާޖެންޓީނާ (މެއި 23) - އާޖެންޓީނާގެ އެއް ވަނަ ގޯލްކީޕަރު ސާޖިއޯ ރޮމޭރޯގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އަށް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ނުކުޅެވޭނެކަމަށް އެ ޓީމުން ބުނެފި އެވެ.
މެންޗެސްޓާ ޔުނައިޓެޑުގެ ދެ ވަނަ ގޯލުކީޕަރު ރޮމޭރޯ ނެތުމުން އާޖެންޓީނާގެ ގޯލު ބަލަހައްޓާނީ ޗެލްސީގެ ކީޕަރު ވިލީ ކަބަަލޭރޯ އެވެ. އާޖެންޓީނާ އިން ހޯމަ ދުވަހު އިއުލާން ކުރި 23 ކުޅުންތެރިންގެ ސްކޮޑުގައި ރޮމޭރޯ ހިމެނީ އޭނާ ފިޓްވާނެ ކަމަށް ބެލުމަށް ފަހު އެވެ. އެކަމު އޭނަ އަށް ނުކުޅެވޭނެކަން ޔަގީންވުމުން އޭނާގެ ބަދަލުގައި ސްކޮޑަށް ނަގާނީ މެކްސިކޯގެ ކްލަބް ޓިގްރޭސްގެ ނަހޫއެލް ގުޒްމަން އެވެ.
ޔުނައިޓެޑުގައި ކުޅުމުގެ ފުރުސަތު ގިނައިން ނުލިބުނު ނަމަވެސް އުމުރުން 31 އަހަރުގެ ރޮމޭރޯ ވަނީ މިހާތަނަށް 94 މެޗު އާޖެންޓީނާ އަށް ކުޅެދީފަ އެވެ. އާޖެންޓީނާގެ މެޑިކަލް ޑިޕާޓްމަންޓުން ބުނީ ރޮމޭރޯގެ ކަކުލަށް އަނިޔާވީ އެންމެ ފަހުން ލިބުނު އަނިޔާ އިން ރަނގަޅުވާ މުއްދަތުގެ ކުރިން އޭނާ އަލުން ކުޅުމުން ކަމަށެވެ.
މި ސީޒަނުގައި ޔުނައިޓެޑަށް 10 މެޗު ކުޅެދިން ރޮމޭރޯގެ ކަކުލަށް އެންމެ ފަހުން އަނިޔާވީ ސްޕެއިނާ ދެކޮޅަށް މާޗް މަހު ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިންނެވެ. އެ މެޗުގައި ރޮމޭރޯ އަށް އަނިޔާވުމުން އޭނާގެ ބަދަލުގައި ކުޅުނީ ކަބަލޭރޯ އެވެ. އަނިޔާއިން ރަނގަޅުވެ ރޮމޭރޯ ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ފަހު މެޗުގައި ޔުނައިޓެޑުން ވަޓްފޯޑާ ދެކޮޅަށް ނުކުތް މެޗުގެ ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ.
ރޮމޭރޯ އަށް އަނިޔާވުމަކީ އާޖެންޓީނާ އަށް ލިބޭނެ ގެއްލުމެކެވެ. އެއީ އެ ޓީމުގެ ގޯލު ބަލަހައްޓަން އަރާ ކަބަލޭރޯ އަކީ ވެސް ޗެލްސީގެ ދެ ވަނަ ކީޕަރެވެ. މި ސީޒަނުގައި އުމުރުން 36 އަހަރުގެ ކަބަލޭރޯ އަށް ވެސް މާ ގިނަ ކުޅުމުގެ ފުރުސަތެއް ނުލިބެ އެވެ.