25 މެއި 2018 - 09:50

މި އަހަރު ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިިލްމް "ޕަދްމާވަތު" އަށް ފަހު، ދީޕިކާ މި ވަގުތު ހުރީ އެއްވެސް މަސައްކަތެއް ނެތި އެވެ. ކުޅޭނެ އެއްވެސް ފިލްމެއް އޭނާގެ އަތަކު ނެތެވެ. "ޕަދްމާވަތު" އަށް، ފަހު ކުޅަދާނަ ބަތަލާ ފަށަން އޮތީ އިރްފާން ހާނާ އެކު ކުޅެން އޮތް ފިލްމެކެވެ.

އެކަމަކު އިރްފާން ބޮޑު ބައްޔަކަށް ފަރުވާ ހޯދަން ޖެހިގެން ފިލްމްގެ މަސައްކަތް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ. އެހެންވެ ދީޕިކާ ހުރީ ހުސްއަތާ އެވެ. އިހަކަށް ދުވަހު، ރަންވީރް ސިންގާ އެކު ކުޅޭ ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމަކަށް އޭނާ ސޮއިކުރި ކަމަށް ވެސް އަޑުތައް އެރި އެވެ. އެކަމަކު އެ ސްޓޫޑިިއޯ އިން ހަދާ ފިލްމްތައް ފުލުފުލުގައި އިއުލާން ކުރަމުން އަންނަ އިރު، އެ ބުނާ ފިލްމެއްގެ ވާހަކައެއް ވައިއާރްއެފަކުން އަދިއެއް ނުދައްކަ އެވެ.

ބޮލީވުޑްގައި މި ވަގުތު ހުރި އެންމެ ކާމިޔާބު އެއް ބަތަލާ އަދި އެހާމެ ކުޅަދާނަ ބަތަލާއަކު މަސައްކަތެއް ނެތިފައި ހުރީ ކީއްވެހެއްޔެވެ؟
މިކަމާ ގުޅިގެން އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ދީޕިކާ، 32، އާ ފިލްމަކަށް ސޮއި ނުކޮށްގެން އުޅޭ ކަމަށް ބެލެވޭ ބައެއް ސަބަބުތަކަކީ ކޮބައިތޯ ބަލަން ބައެއް ތިއަރީތައް ނެރެފަ އެވެ.
އޭގެ ތެރެއިން އެއް ކަމަކީ މި ފަހުން އޭނާ ކަނދުރާ އާއި ބުރަކަށީގައި ރިއްސާތީ އެކަމަށް ފަރުވާތަކެއް ހޯދަމުންދާ ކަމަށް ބުނާތީ އެވެ. އެކަމަކު މިޑިއާތަކުން އެކަމާ ބެހޭ ގޮތުން ސުވާލު އުފައްދަނީ ދާދި ފަހުން ފްރާންސްގައި ނިންމައިލި 71 ވަނަ ކާންސް ފިލްމް ފެސްޓިވަލްގައި ވެސް ދީޕިކާ ވަރަށް ހަރަކާތްތެރިކޮށް އުޅެފައިވާތީ އެވެ.
ތަފާތު އެކި ވައްތަރުގެ ކޮސްޓިއުމްތަކާ އެކު އޭނާ ރެޑް ކާޕެޓްގައި، ހައި ހީލްސް އަށް އަރައިގެން ހިނގި އެވެ. އެހެންވެ ކަނދުރާ އާއި ބުރަކަށީގައި ރިއްސާ މީހެއްގެ ފަރާތުން ފެންނާނެ އެއްވެސް އަލާމާތެއް ދީޕިކާގެ ފަރާތުން ނުފެންނަ ކަމަށް މީޑިއާތަކުން ބުންޏެވެ.
ދެން އޮތީ ދެވަނަ ތިއަރީ އެވެ. ދީޕިކާ އާއި ރަންވީރު މި އަހަރު ފަހުކޮޅު ކައިވެނި ކުރަން އުޅޭ ކަމަށް ބުނެ ދެކެވޭތައް ވާހަކަތައް ގިނަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ދެ ފަރާތުގެ އާއިލާ އިން މިހާރު ކައިވެންޏަށް އަންނަނީ ތައްޔާރީތައް ވަމުންނެވެ.
އެހެންވެ ކައިވެންޏަށް އިސްކަންދީ އެ ހަފުލާ ވީހާ ވެސް ބޮޑަށް ހާއްސަކުރުމުގެ ގޮތުން މަސައްކަތާ ދުރުވެލަން ދީޕިކާ ބޭނުން ވަނީ އެވެ. އެކަމަކު ފާހަގަކޮށްލަން ޖެހޭ ކަމަކީ ރަންވީރާއި ދީޕިކާ ހިތާވެގެން އުޅޭކަން ރަސްމީކޮށް މިހާތަނަށް އެއްބަސްވެފައި ވެސް ނެތް ކަމެވެ. އެކަމަކު ޔަގީންވާ ކަމަކީ ދެ މީހުންގެ ދޭތެރޭގައި އެކުވެރި ކަމަކަށް ވުރެ ގާތް ގުޅުމެއް އޮތް ކަމެވެ. އަދި ދީޕިކާ ހުސްއަތާ ހުއްޓަސް ރަންވީރު ވަރަށް ބިޒީ އެވެ. "ގަލީ ބޯއި" ނިންމާގައި މިހާރު އޭނާ ތައްޔާރު ވަނީ "ސިމްބާ" އަށެވެ. އޭގެ ފަހުން "83" ވެސް އެބަ އޮތެވެ.
ތިން ވަނަ ތިއަރީއަކީ އަދި މާ ބޮޑު ވާހަކައެކެވެ. މީޑިއާތަކުން ބުނަނީ ދީޕިކާ ވަރުގެ ކުޅަދާނަ ބަތަލާއަކަށް ހޭދަކުރާނެ މާލީ ތަނަވަސް ކަމެއް މިހާރު ބޮލީވުޑްގެ ބޮޑެތި ޕްރޮޑަކްޝަން ހައުސްތަކުގައި ވެސް ނެތް ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނާ "ޕަދްމާވަތު" ވެސް ކުޅުނީ އޭގެ ދެ ބަތަލުން ކަމަށްވާ ރަންވީރާއި ޝާހިދު ކަޕޫރަށް ވެސް އަގު ބޮޑުކޮށެވެ. އެއީ 13 ކްރޯޑް ރުޕީސްއަށެވެ.
ދީޕިކާއަކީ ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން އެންމެ ގިނަ 100 ކްރޯޑްގެ އާމްދަނީ ހޯދި ފިލްމްތައް ވެސް ހުރި ބަތަލާ އެވެ. އަނެއްކޮޅުން އޭނާ ކުޅޭ ފިލްމެއް ނަމަ ބޮޑު ހިޓަކަށް ވާނެ ކަމުގެ ގެރެންޓީ މިހާރު އޮވެ އެވެ. "ޕަދްމާވަތު" ވިޔަފާރި އަށް ބަލާ އިރު، އިންޑިއާގައި އެކަނި ދައްކައިގެން ވެސް އެ ފިލްމަށް ވަނީ 300 ކްރޯޑަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެ. ފިލްމްގެ މުޅި ޖުމްލަ އާމްދަނީ 500 ކްރޯޑަށް ވުރެ ވެސް މައްޗެވެ.
ދީޕިކާގެ ފޭނުން ތިބީ އޭނާ އާ ފިލްމަކަށް ސޮއި ނުކުރާތީ ވަރަށް ބޮޑު މާޔޫސްކަމެއްގެ ތެރޭގަ އެވެ. މިދިޔަ އަހަރު ހޮލީވުޑް ފިލްމެއް ވެސް ކުޅުނު ބަތަލާއަކީ ބެލުންތެރިން ސްކްރީނުން ގިނަގިނައިން ދެކިލަން ބޭނުންވާ ތަރިއެކެވެ. "ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" އަށް ވަގުތު ހުސް ކުރަން ޖެހުމުން 2017 ވެސް ވެގެން ދިޔައީ ދީޕިކާގެ އެއްވެސް ހިންދީ ފިލްމެއް ނުފެނުނު އަހަރަކަށެވެ.
އެ އަހަރު އޭނާ ފެނުނީ ފިލްމް "ރާބްތާ" ގެ ހާއްސަ ލަވައަކުން އެކަންޏެވެ. އަނެއް ސުވާލަކީ "ޓްރިޕްލް އެކްސް" ގެ ހަތަރު ވަނަ ބައި ހަދާކަން މިހާރު އިއުލާންކޮށްފައިވާތީ އެ ފިލްމަޑް އަނެއްކާ ވެސް އޭނާ ވަގުތު ދޭން ބޭނުން ވަނީ ބާވަ އެވެ.