15 އަހަރުގެ ކުއްޖެއްގެ ފަރާތުން ޖިންސީ ފުރައްސާރަ ތަޖުރިބާ ކުރަން ޖެހުނު: ސުޝްމިތާ
15 އަހަރުގެ ކުއްޖެއްގެ ފަރާތުން ޖިންސީ ފުރައްސާރަ ތަޖުރިބާ ކުރަން ޖެހުނު: ސުޝްމިތާ

ރޭޕްކުރުމާއި ޖިންސީ ފުރައްސާރައިގެ މައްސަލަ ބޮޑު އިންޑިއާގައި، ކުޑަ ފިރިހެން ކުއްޖެއްގެ ފަރާތުން ޖިންސީ ފުރައްސާރައާ ކުރިމަތިލާން ޖެހުނު ކަމަށް ބޮލީވުޑްގެ ބަތަލާ އަދި ކުރީގެ މިސް ޔުނިވާސް ސުޝްމިތާ ސެން ބުނެފި އެވެ.

މިހާރު އުމުރުން 42 އަހަރުގެ ބަތަލާ މުމްބާއީގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ބުނީ އުމުރުން އެންމެ 15 އަހަރުގެ ފިރިހެން ކުއްޖެއްގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިލާން ޖެހުނީ އެވޯޑް ހަފުލާއެއްގެ ތެރެއިން މީގެ ހަ މަސް ކުރިން ކަމަށެވެ. އަދި އެ ހާދިސާ ހިނގީ ބޮޑީގާޑުން ވެސް ގާތުގައި ތިއްބައި ކަމަށް ސުޝްމިތާ ބުންޏެވެ.

"އޭނަ ހީކުރީ ކަންނޭނގޭ މީހުންގަނޑުގެ ތެރެއިިން ގައިގައި އަތްލީމާ ކާކުކަން ނޭނގޭނެ ކަމަށް. އެކަމަކު އަހަރެންގެ ގައިގައި އޭނަ އަތްލުމާ އެކު އަތުގައި ހިފައިގެން ދަމައިގެން ދުރަށް ގެންދިޔައިން. އަދި ތިކުރި ކަމަކާ ގުޅިގެން އަހަރެން އެއްވެސް ވާހަކައެއް ދައްކައި މިކަން ބޮޑު މައްސަލައަކަށް ހަދައިފި ނަމަ ކަލޭގެ މުޅި ދިރިއުޅުން ހަލާކުވެގެން ދާނެ ކަމަށް ބުނިން،" ފިލްމް "ދަސްތަކް" އިން ބޮލީވުޑަށް ނުކުތް ސުޝްމިތާ ބުންޏެވެ.

އޭނާ ބުނީ ރުޅި ކޮންޓްރޯލްކޮށްފައި ވާހަކަ ދެއްކުމުން އެ ކުއްޖާ ފަހުން މާފަށް އެދި ދެން އެފަދަ ކަމެއް ދުވަހަކު ވެސް ތަކުރާރު ނުކުރާނެ ކަމަށް އެއްބަސްވި ކަމަށެވެ.

"އަހަރެން ބުނަން ބޭނުންވާ ވާހަކައަކީ މަޝްހޫރު މީސްމީހުންގެ ދިފާއުގައި ބޮޑީގާޑުން ނޫނީ އެހެން ވެސް ބަޔަކު ތިއްބަސް ނެތޭ އަންހެނުންނަށް އެއްވެސް ދިމާލެއްގައި މިހާރު ރައްކާތެރި ކަމެއް،" ސުޝްމިތާ ބުންޏެވެ. "އެންމެ ފަނަރަ އަހަރުގެ ކުއްޖެއްގެ ފަރާތުން ކުރިމަތިވި ކަމެއްގެ ވާހަކަ އަހަރެން މި ހިއްސާކުރީ. އެހެންވީމާ ވިސްނާލާ ބޮޑެތި ފިރިހެނުން އަންހެނުންގެ ފަރާތުން ނާޖާއީޒު ފައިދާތައް ނަގަން މަސައްކަތް ކުރާނެ މިންވަރު."

އޭނާ ބުނީ އެ ހާދިސާއަކީ ބޮޑު މީހެއްގެ ފަރާތުން ކުރިމަތިވި ކަމެއް ނަމަ ގާނޫނީ ގޮތުން އެކަމާ ދެކޮޅަށް މަސައްކަތް ވެސް ކުރާނެ ކަމަށެވެ.

"މޭ ހޫނާ" ފަދަ ފިލްމްތައް ކުޅެފައިވާ ބަތަލާ ބުނި ގޮތުގައި އަންހެނުންނަށް ޖިންސީ ގޯނާކޮށް ރޭޕް ކުރާ މީހުން ދަންޖައްސައި މަރަން ޖެހެ އެވެ.