23 މެއި 2018 - 09:40

މީގެ ކުރިން ވެސް ބޮލީވުޑްގެ ބައެއް ފިލްމްތަކަށް ދީފައިވާ ނަންތަކާ މެދު ބައެއް މީހުން ހިތްހަމަނުޖެހިގެން އެކަމާ ދެކޮޅަށް ނުކުމެ އަޑު އުފުލާފައިވެ އެވެެ. އެގޮތުން 2013 ގައި ސަންޖޭ ލީލާ ބަންސާލީ ރަންވީތު ސިންގް އާއި ދީޕިކާ ޕަދްކޯން ހިމަނައިގެން ގެނެސް ދިން ފިލްމް "ރާމް-ލީލާ" ނަމާ ދެކޮޅަށް ހިންގި ކަންތައްތަކާ އެކު ފަހުން އެ ފިލްމްގެ ނަން "ރާމް-ލީލާ: ގޮލިޔޯންކީ ރާސްލީލާ" އަށް ބަދަލު ކުރަން ޖެހުނެވެ.
މި ފަހަރު އަނެއްކާ ވެސް މިއޮތީ ފިލްމަކަށް މިފަދަ މައްސަލައަކާ ކުރިމަތިލާން ޖެހިފަ އެވެ. އެއީ ސަލްމާން ހާންގެ ޅިޔަނު އާޔޫޝް ޝަރްމާ ބޮލީވުޑަށް ނެރޭ ފިލްމް "ލަވްރަތުރީ" އެވެ. މި ފިލްމްގެ ނަން ގުޅުވާފައި ވަނީ ހިންދޫން ފާހަގަކުރާ ފެސްޓިވަލެއް ކަމަށްވާ ނަވްރަތީއާ އެވެ.
މިކަމާ ގުޅިގެން ވިޝްނޫ ހިންދޫ ޕަރިޝާދު ކިޔާ ޖަމާއަތަކުން ބުނީ ހިންދޫންގެ ފެސްޓިވަލެއްގެ ނަން ހަރާބުވާ ގޮތަށް ގެނެސްދޭ "ލަވްރަތުރީ" އާ އެ މީހުން ގަބޫލު ނުވާނެ ކަމަށެވެ. އަދި އެ ނަން ފިލްމަށް ކިޔުމަކީ ހިންދީ ދީނުގެ މީހުންނަށް ކުރާ ފުރައްސާރައެއް ކަމަށް ބުންޏެވެ.
އެ ޖަމާއަތުގެ ރައީސް އަލޯކް ކުމާރް ބުނީ "ލަވްރަތުރީ" ގެ ނަން ބަދަލުކޮށްގެން ނޫން ގޮތަކަށް ފިލްމް އިންޑިއާގައި ރިލީޒް ކުރިޔަ ނުދޭނެ ކަމަށެވެ. އަދި އެ ނަމުގައި ފިލްމް ރިލީޒް ކުރާ ނަމަ އެކަމާ ދެކޮޅަށް ނުކުމެ މުޒާހަރާތައް ވެސް ކުރާނެ ކަމުގެ އިންޒާރު ވެސް ދީފައިވެ އެވެ.
ނަމަވެސް މިކަމާ ގުޅިގެން ސަލްމާނާއި "ލަވްރަތުރީ" ގެ ޓީމުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
މިހާރު ޝޫޓިން ވެސް ނިންމާލައި، ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާގައި އޮތް ފިލްމަކީ ނަވްރާތީ ފެސްޓިވަލްގެ ތެރޭގައި ގުޖުރާތުން ދިމާވާ ދެ ޒުވާނެއްގެ ލޯބީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އަބިރާޖް މިނަވާލާ ޑައިރެކްޓް ކުރާ ފިލްމް ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ނަވްރާތީ ފާހަގަކުރާ އޮކްޓޯބަރު މަހުގަ އެވެ.
ފިލްމް ދައްކަން ފަށާނީ އެ މަހުގެ 5 ގަ އެވެ. "ލަވްރަތުރީ" ގައި އަޔޫޝާއާ އެކު ބަތަލާގެ ރޯލުން ފެނިގެން ދާނީ އަލަށް ތައާރަފުވާ ވަރީނާ ހުސައިނެވެ. މީގެ ކާސްޓުންގެ ތެރޭގައި މަޝްހޫރު ޓީވީ ތަރިން ކަމަށްވާ ރޯނިތު ރޯއި (ބަޖާޖް) އާއި ރާމް ކަޕޫރް ވެސް ހިމެނެ އެވެ.