23 މެއި 2018 - 10:58

ކުއާލަ ލަމްޕޫރު (މެއި 23) - މެލޭޝިއާގެ އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ ބޮޑު ޚިޔާނާތުގެ ކޮރަޕްޝަނަށް ބަލަން އުޅުނު އެންމެންނަށް ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުން ވަނީ ބިރު ދައްކައިފަ އެވެ.
އެންމެ ފަހުން އެފަދަ ވާހަކައެއް އަސަރާ އެކު ކިޔައިދީފައި ވަނީ 1އެމްޑީބީގެ ކޮރަޕްޝަން ފަޅާއެރި އިރު މެލޭޝިއަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ) ގެ ވެރިއަކަށް ހުންނެވި ޝުކްރީ އަބްދުލް އެވެ. ކޮރަޕްޝަން މައްސަލަ ބަލަން ފެށުމުން ޝުކުރީ އަށް އެތައް އިންޒާރެއް ދީ އޭނާ އަށް ބިރު ދައްކައިގެން ވަނީ އިސްތިއުފާ ދޭން މަޖްބޫރުކޮށްފަ އެވެ.
ނަމަވެސް ބޮޑު ވަޒީރު ކަމަށް މަހާތިރު މުހައްމަދު ވަޑައިގަތުމަށް ފަހު ޝުކުރީ އަނެއްކާ ވެސް ވަނީ އެމްއޭސީސީގެ ކޮމިޝަނަރަކަށް ހަމަޖައްސައިފަ އެވެ.
1އެމްޑީބީގެ ކޮރަޕްޝަން ބަލަން އުޅުމުން ކުރިމަތިވި ޕްރެޝަރު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝުކުރީ ކިޔައިދެމުން ދިޔަ އިރު ދޭތެރެ ދޭތެރެއިން އޭނާ އަށް ރޮވެ އެވެ. މައްސަލައިގެ ހެކިވެރިންނަށް ބިރު ދެއްކުމުގެ އިތުރުން އޭނާ އިސްތިއުފާ ދޭން އެންގި ކަމަށް ވެސް ޝުކުރީ ވިދާޅުވި އެވެ. އަދި އެއް ފަހަރަކު ޕޯސްޓުން އޭނާ އަށް ވަޒަނެއް ފޮނުވި ކަމަށް ވެސް ވިދާޅުވި އެވެ.
ޝުކުރީ ވިދާޅުވީ އޭނާ އަށް ކުރި ޖެއްސުމާއި ފުރައްސާރައިގެ ސަބަބުން ފުރާނަ އަށް ނުރައްކާވެދާނެހެން ހީވުމުން އެއް ފަހަރަކު އެމެރިކާގައި ދުވަސްކޮޅަކު ހުންނަން ވެސް ޖެހުނު ކަމަށެވެ.
"ހެކި ބަސް ދޭ މީހުން ވަގަށް ނަގާފައި އެބަހުރި. އަޅުގަނޑަށް ވެސް ވަނީ ވަޒަނެއް ޕޯސްޓުން ފޮނުވާފައި. އެ ވާހަކަ އަޅުގަނޑުގެ އަންހެންހެނުން އަދި އާއިލާ މީހެއްގެ ގާތުގައި ވެސް ނުބުނަން. އަދި ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ވެސް ނުވާނެ،" ޝުކުރީ ވިދާޅުވި އެވެ.
ޕްރެޝަރު ބޮޑުވުމުން އެމްއޭސީސީ އިން ޝުކުރީ އިސްތިއުފާ ދެއްވީ 2016 ވަނަ އަހަރު އެވެ.
1އެމްޑީބީގެ ސަބްސިޑަރީއެއް ކަމަށްވާ އެސްއާރުސީގެ ކޮރަޕްޝަނާ ގުޅިގެން ސުވާލު ކުރަން ނަޖީބު އިއްޔެ ވަނީ އެމްއޭސީސީ އަށް ހާޒިރުކޮށްފަ އެވެ. ފަސް ގަޑިއިރު ސުވާލު ކުރުމަށް ފަހު އަންނަ ބުރާސްފަތި ދުވަހު ވެސް އެމްއޭސީސީ އަށް ނަޖީބު ހާޒިރުވާން ވަނީ އަންގައިފަ އެވެ. އެމްއޭސީސީ ނުކުމެވަޑައިގެން ނަޖީބު ވިދާޅުވީ އޮފިޝަލުން އަމަލު ކުރީ ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށެވެ.
ނަޖީބުގެ އެކައުންޓަށް 1އެމްޑީބީން 700 މިލިއަން ޑޮލަރު ޖަމާކުރިކަން އެނގުމާ އެކު އެ މައްސަލަ ތަހުގީގު ކުރަން ފެށި އެޓާނީ ޖެނެރަލްގެ އަބްދުލް ގަނީ ޕަޓައިލް ވަނީ މަގާމުން ދުރުކޮށްފަ އެވެ. އެ މަގާމު ފަހުން ހަވާލު ކުރި ބޭފުޅާ މައްސަލަ ބެލުމަށް ފަހު ނިންމާފައި ވަނީ އެއީ ސައުދީން ނަޖީބަށް ދިން ހަދިޔާއެއް ކަމަށެވެ.
1އެމްޑީބީގެ ކޮރަޕްޝަން ބެލުމަށް މިހާރު ވަނީ ޓާސްކް ފޯހެއް އުފައްދައިފަ އެވެ. އެ ޓާސްކް ފޯހުގައި ކުރީގެ އެޓާނީ ޖެނެރަލް ޕަޓައިލް ހިމެނެ އެވެ.