އިންތިޚާބަށް ފަހު ގައުމުތަކުގެ ނުރުހުން ވެނެޒުއެލާ އަށް
އިންތިޚާބަށް ފަހު ގައުމުތަކުގެ ނުރުހުން ވެނެޒުއެލާ އަށް

ކަރާކަސް (މެއި 22) - ވެނެޒުއެލާގެ އިދިކޮޅު ފަރާތްތަކުން ބޮއިކޮޓްކޮށްފައިވާ އިންތިޚާބުން ނިކޮލަސް މަދޫރޯ ހަ އަހަރުގެ ދެ ވަނަ ދައުރަކަށް ހޮވިވަޑައިގަތުމާ އެކު ގައުމުތަކުގެ ނުރުހުން އަމާޒުވާން ފަށައިފި އެވެ.

މަދޫރޯއާ ދެކޮޅު ހެދުމުގެ ގޮތުން 14 ގައުމެއްގެ ސަފީރުން ވަނީ އަނބުރާ ގެންގޮސްފަ އެވެ. އޭގެ ތެރޭގައި އާޖެންޓީނާ، ބްރެޒިލް، މެކްސިކޯ، ކޮލަމްބިއާ އަދި ކެނެޑާ ހިމެނެ އެވެ. އާދިއްތަ ދުވަހު ބޭއްވި އިންތިޚާބަށް ފަހު އެމެރިކާ އިން ވަނީ ވެނެޒުއެލާއާ ދެކޮޅަށް ދަތިކުރުމުގެ އާ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެމެރިކާގެ ނައިބް ރައިސް މައިކް ޕެންސް ވިދާޅުވެފައި ވަނީ ވެނެޒުއެލާގައި ބާއްވާފައި ވަނީ ޣައިރުގާނޫނީ އިންތިޚާބެއް ކަމަށެވެ. އެކަމަކު ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވަނީ މަދޫރޯ އަށް ގުޅުއްވާ މަރުހަބާ ވިދާޅުވެފަ އެވެ.

ވެނެޒުއެލާގައި އިންތިޚާބު ބޭއްވުމުގެ ކުރިން ވެސް އެމެރިކާ، ކެނެޑާ އަދި ޔޫރިއަން ޔޫނިއަން އާއި ލެޓިން އެމެރިކާގެ ބައެއް ގައުމުތަކުން ވަނީ ނަތީޖާ ގަބޫލް ނުކުރާނެ ކަމަށް ބުނެފަ އެވެ.

އިދިކޮޅު ފަރާތްތަކުން ބޮއިކޮޓް ކުރި އިންތިޚާބުގައި ވޯޓުލާން ނުކުމެފައި ވަނީ 46 ޕަސެންޓް މީހުންނެވެ.

ވެނެޒުއެލާގައި އިންތިޚާބު ބާއްވަން ހަމަޖެހިފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހު އެވެ. ނަމަވެސް މަދޫރޯގެ ތާއީދު އޮންނަ ނޭޝަނަލް އެސެމްބްލީން ވަނީ އިންތިޚާބު އަވަސް ކޮށްފަ އެވެ.

އިދިކޮޅު ޑިމޮކްރެޓިކް ޔުނިޓީން ބުނީ އިންތިޚާބު އަވަސްކުރީ އިިދިކޮޅު ކޯލިޝަނުގައި ބައިބައިވުން އުފެދިފައިވާ ދަނޑިވަޅުގެ ފައިދާ ނަގަން ކަމަށެވެ. އެ ޕާޓީގެ ދެ ކެންޑިޑޭޓަކަށް ވަނީ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލުވާލައިފަ އެވެ.