ގަރޭރޯގެ ދިފާއުގައި ވާދަވެރި ތިން ކެޕްޓަނުން ތެދުވެއްޖެ
ގަރޭރޯގެ ދިފާއުގައި ވާދަވެރި ތިން ކެޕްޓަނުން ތެދުވެއްޖެ

ޒިއުރިކް، ސްވިޒަލެންޑް (މެއި 22) - މަނާ ބޭހަށް ޕޮޒިޓިވްވެ ބޮޑު ސަސްޕެންޝަނެއްގައި ހުރި ޕެރޫގެ ފޯވާޑް ޕައޮލޯ ގަރޭރޯގެ އަދަބަށް ލުޔެއްދީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އޭނާ އަށް ކުޅެވޭ ގޮތް ހަދައިދިނުމަށް ތިން ޓީމެއްގެ ކެޕްޓަނުން ސިޓީއެއް ފީފާ އަށް ހުށަހަޅައިފި އެވެ.

އެއީ މި ފަހަރުގެ ވޯލްޑް ކަޕްގައި ޕެރޫއާ އެއް ގްރޫޕެއްގައި ހިމެނޭ އަނެއް ތިން ޓީމުގެ ކެޕްޓަނުން ކަމަށްވާ ފްރާންސްގެ ކެޕްޓަން ހޫގޯ ލޮރީސް، ޑެންމާކްގެ ކެޕްޓަން ސިމޮން ކިއޭ އަދި އޮސްޓްރޭލިއާގެ ކެޕްޓަން މައިލް ޔެޑިނަކް އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ އޮކްޓޫބަރު މަހު އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ގަރޭރޯ މަނާ ބޭސް ބޭންކުރިކަން ސާބިތުވުމުން ފީފާއިން ނޮވެމްބަރު ތިން ވަނަ ދުވަހު ނިންމީ އޭނާ އެއް އަހަރަށް ސަސްޕެންޑް ކުރުމަށެވެ. އޭނާ އެ މައްސަލަ އެޕީލް ކުރުމުން ފީފާއިން ވަނީ ޑިސެމްބަރު މަހު އަދަބު ލުއިކޮށްދީ ހަ މަހުގެ ސަސްޕެންޝަނަކަށް ބަދަލުކޮށްފަ އެވެ. އެއާ އެކު އޭނާގެ ސަސްޕެންޝަން މި މަހަށް ހަމަވެ ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު ލިބުނެވެ. އެކަމަކު ފަހުން އެ މައްސަލަ އެއްކޮށް ބެލުމަށް ފަހު ފީފާއިން ނިންމީ އޭނާ 14 މަހަށް ސަސްޕެންޑް ކުރުމަށެވެ.

އެ ތިން ކެޕްޓަނުންގެ އިތުރުން އެހެން ޓީމުތަކުން ވެސް އެ ސިޓީގައި ސޮއިކޮށް މި ކަމުގައި ބައިވެރިވާން ބޭނުންވި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެ ޕެޓިޝަން ތައްޔާރުކުރީ ދުނިޔޭގެ ޕްރޮފެޝަނަލް ގިނަ ކުޅުންތެރިން ތަމްސީލްކުރާ ފިފްޕްރޯ ޔޫނިއަން އިންނެވެ.

ޕެރޫ އިން މި ފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާއިރު މިއީ 36 އަހަރު ތެރޭ އެ ޓީމުން ކުޅޭ ފުރަތަމަ ވޯލްޑް ކަޕެވެ. އުމުރުން 34 އަހަރުގެ ގަރޭރޯ އަކީ ޕެރޫގެ ތާރީހުގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ގައުމީ ޓީމަށް ކުޅެދިން 86 މެޗުން 32 ގޯލު ކާމިޔާބު ކޮށްދީފަ އެވެ.