22 މެއި 2018 - 14:50

ހަރާރޭ (މެއި 22) - ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް ޒިމްބާބުވޭ އިން އިއްޔެ ހުށަހަޅައިފި އެވެ.
ކޮމަންވެލްތުގައި ބައިވެރިވުމަށް ޒިމްބާބުވޭ މި ހުށަހަޅަނީ 15 އަހަރަށް ފަހު އެވެ. ކުރީގެ ރައީސް ރޮބަޓް މުގާބޭ ކޯފާވެ ކޮމަންވެލްތުން ވަކިވެފައި ވަނީ 2003 ވަނަ އަހަރު އެވެ. މުގާބޭ ހިތްހަމަޖެހިވަޑައިނުގެންނެވީ ޒިމްބާބުވޭގެ އިންތިޚާބުގައި މަކަރު ހަދާ އޮޅުވާލާފައިވާތީ އެ ގައުމު ކޮމަންވެލްތުން ސަސްޕެންޑް ކުރުމާ ގުޅިގެންނެވެ.
މެމްބަރުކަން އަލުން ހޯދަން އެދި ޒިމްބާބުވޭ އިން މި މަހު 15 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށް ކޮމަންވެލްތުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. ސެކްރެޓަރީ ޖެނެރަލް ޕެޓްރިޝިއާ ސްކޮޓްލެންޑް ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ ޒިމްބާބުވޭ އަލުން އެ ޖަމާއަތަށް އައުމަކީ މެމްބަރު ގައުމުތަކުން އެދިއެދި ތިބި ކަމެއް ކަމަށެވެ. ޒިމްބާބުވޭ ކޮމަންވެލްތަށް އެނބުރި އައުމަށް އިނގިރޭސި ވިލާތުން ވަރަށް ބޮޑަށް ތާއީދު ކުރާ ކަމަށް މިދިޔަ މަހު ވަނީ ބުނެފަ އެވެ.
ސިފައިން ނުކުމެ ގައުމުގެ ކޮންޓްރޯލް ނެގުމުން އިތުރު ގޮތެއް ނެތިގެން މުގާބޭ އިސްތިއުފާ ދެއްވީ މިދިޔަ ނޮވެމްބަރު މަހު އެވެ. ޒިމްބާބުވޭގެ ވެރިކަމުގައި މިހާރު ހުންނެވީ މުގާބޭ ނައިބް އެމާސަން ނަންގަގްވާ އެވެ.
ޒިމްބާބުވޭ އަކީ ކޮމަންވެލްތާ އަލުން ގުޅޭ ފަސް ވަނަ ގައުމެވެ. އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި އޮތް ގައުމުތައް ހިމެނޭ ޖަމާއަތުން ވަކިވުމަށް ފަހު އަލުން ގުޅިފައި ވަނީ ގެމްބިއާ، ސައުތު އެފްރިކާ، ޕާކިސްތާން އަދި ފިޖީ އެވެ. ކޮމަންވެލްތުގައި ގެމްބިއާ އަލުން ގުޅިފައި ވަނީ ފެބްރުއަރީ މަހު އެވެ. ކޮމަންވެލްތުން ގެމްބިއާ 2013 ވަނަ އަހަރު ވަކިވެފައި ވަނީ ކުރީގެ ރައީސް ޔަހުޔާ ޖައްމާހުގެ ވެރިކަމުގަ އެވެ. ކޮމަންވެލްތުން ދެން ވަކިވެފައި ވަނީ 1949 ވަނަ އަހަރު ވަކިވި އަޔަލެންޑް އަދި 2016 ވަނަ އަހަރު ވަކިވި ދިވެހި ރާއްޖެ އެވެ. ކޮމަންވެލްތާ އެންމެ ފަހުން ގުޅިފައި ވަނީ ރުވާންޑާ އެވެ. އެއީ 2009 ވަނަ އަހަރު އެވެ.
އިންސާނީ ހައްގުތަކާއި ޑިމޮކްރެސީ އަދި ގާނޫނުގެ ހުކޫމަތު ދެމެހެއްޓުމުގެ އުސޫލްތަކަށް ބާރު އަޅަން ޗާޓަރުގައި ހިމަނާފައިވާ، 53 ގައުމު ހިމެނޭ ޖަމާއަތް 2.4 ބިލިއަން މީހުން ތަމްސީލް ކުރެ އެވެ.