22 މެއި 2018 - 18:11

އިންޑިއާގެ ދެކުނުގެ ކެރަލާ ސްޓޭޓުގައި ފެތުރެމުންދާ ނުރައްކާތެރި ނިޕާ ވައިރަސް ރާއްޖެއިން އަދި ފެނިފައިނުވާ ކަމަށް، ހެލްތު ޕްރިޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
ބޭސްފަރުވާ އާއި އެހެނިހެން ބޭނުންތަކަށް ގިނަ އަދަދެއްގެ ދިވެހިން ގޮސް އުޅޭ ކެރެލާގައި އެ ރޯގާ ފެތުރި ނުވަ މީހަކު ވަނީ މަރުވެފަ އެވެ.
އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވީ އެ ރޯގާ ރާއްޖެ އަށް ފެތުރުމުގެ ފުރުސަތު އޮތްތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިހާތަނަށް އެކަމާ ގުޅޭގޮތުން ފިޔަވަޅުތަކެއް އަޅާފައި ނުވާ ކަމަށް ވެސް މައިމޫނާ ވިދާޅުވި އެވެ.
"އަދި ރާއްޖެއިން އެ ރޯގާ ފެނިފައިވާ ކަމަށް ރިޕޯޓް ލިބިފައެއް ނުވޭ. އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން އަޅުގަނޑުމެން މިދަނީ ބަލަމުން،" މައިމޫނާ ވިދާޅުވި އެވެ.
ނިޕާ ވައިރަސް އިންސާނުންގެ ގަޔަށް ވާސިލު ވަނީ ޖަނަވާރުންގެ ގައިންނެވެ. ޚާއްސަކޮށް ވާލުގެ ޒަރިއްޔާ އިންނެވެ. މި ވައިރަސް އަށް އަދި ވެކްސިނެއް ހޯދިފައެއް ނުވެ އެވެ. ބަލި ޖެހޭ މީހުންގެ 70 ޕަސެންޓް މީހުން މަރުވުމުގެ ފުރުސަތު ބޮޑެވެ.